ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
ފާރިސްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގައި މިހާރު ކުރިއަށް ދަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ. އެގޮތުން އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ބާއްވާ އަޑުއެހުމުގައި ވެސް އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ.
ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ފާރިސްގެ ފަރާތުން 23 ކަމެއް ހުށަހަޅާފައިވާއިރު، މިހާތަނަށް ވާހަކަ ދައްކައި ނިމުނީ ނުވަ ކަމަކާ ގުޅޭ ގޮތުންނެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ އަޑުއެހުންތައް މަޑުޖައްސާލުމުގެ އަމުރަކަށް އެދިފަ އެވެ. އެހެންނަމަވެސް ދައުލަތުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.
ހެކި ހާމަކުރުމުގެ އަމުރަކަށް ވެސް ފާރިސްގެ ފަރާތުން އެދުނެވެ. އެ ހުށަހެޅުމާ ގުޅިގެން ދައުލަތުގެ ވަކީލާ ވިދާޅުވީ ދޫކުރެވެން ހުރި ލިޔުންތައް ދޫކޮށްފައިވާ ކަމަށާއި އަދި ހާމަކުރަން އެދުނު ބައެއް ލިޔުންތައް ދެވިދާނެ ކަމަށެވެ. އެހެންނަމަވެސް، ހޯދަން އެދުނު އެހެން ލިޔުންތައް ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި އެ ލިޔުންތައް ދައުލަތާ ފުލުހުން ހިއްސާ ކޮށްފައި ވެސް ނުވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ މި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކިންތަކުގެ ތެރޭގައި ސިއްރު ހެއްކަކު ހިމެނޭއިރު، ބައެއް ބަޔާންތައް ހާމަކޮށްފިނަމަ ސިއްރު ހެކީގެ އައިޑެންޓިޓީ ހާމަވެދާނެ ކަމަށެވެ. އެކަން ފާހަގަކޮށް ދައުލަތުން ވަނީ އެ ބަޔާންތައް ހާމަކުރުމަށް ދެކޮޅު ހަދާފަ އެވެ.
ދައުލަތުގެ ވަކީލަށް ރައްދު ދެއްވަމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ، ސިއްރު ހެކި ބިރު ގަންނަނީ ފާރިސްއާ ހަތަރު ކަޅި ހަމަވެދާނެތީތޯ ސުވާލު ކުރައްވާފަ އެވެ. ފާރިސްގެ ނަޒަރުގައި ހުރީ ކޮން ބިރުވެރިކަމެއްތޯ ވެސް މައުމޫން ސުވާލުކުރެއްވި އެވެ.
ސިއްރު ހެއްކަކީ ފާރިސް ރިޝްވަތު ދެއްވި ކަމަށް ދައުލަތުން ބުނާ މަޖިލިސް މެންބަރެވެ. އެ މެންބަރަށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ ދުވަހެއް ދައުލަތަށް ބުނެދެވިފައެއް ނުވެ އެވެ. ދައުލަތުން ބުނަނީ އޭޕްރީލް 10 ގެ ފަހުން ދުވަހެއްގައި ރިޝްވަތު ދިން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރިއިރު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ދަށުން މިއަދާ ހަމައަށް ވެސް ފާރިސް ވަނީ މާފުށީ ޖަލުގައި ބަންދުކޮށްފަ އެވެ.