ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 08:54
އެޓްލެޓިކޯ އަށް ކުޅެމުން އަންނަ ފެނާ
އެޓްލެޓިކޯ އަށް ކުޅެމުން އަންނަ ފެނާ
ރޮއިޓަރސް
ފެނާންޑޯ ޓޮރޭޒް
ޖެނުއަރީ ޓްރާންސްފާގައި ޓޮރޭޒް އެޓްލެޓިކޯ ދޫކޮށްލަނީ!
ޓޮރޭޒް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް އަންނަ ޖެނުއަރީ ޓްރާންސްފާއަށް ފަހު އެ ކްލަބް ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ރިޕޯޓްތައް ބުނާގޮތުން ޓޮރޭޒް އެޓްލެޓިކޯ ދޫކޮށްލުމަށް ފަހު، އެހެން ކްލަބަކަށް ބަދަލުވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަންނަ ޖެނުއަރީ ޓްރާންސްފާގައި އޭނާ އެޓްލެޓިކޯ ދޫކޮށްލާނެ ކަމަށް ވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. 

އަންނަ އަހަރުގެ ނިޔަލަށް އެޓްލެޓިކޯގައި މަޑުކުރަން ޓޮރޭޒް ނިންމީ މި އަހަރުގެ ޖުލައި މަހުއެވެ. އޭނާ ހޯދުމަށް ނިމިގެން ދިޔަ ޓްރާންސްފާގައި ވެސް ގިނަ ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި މެކްސިކޯ، އެމެރިކާ އަދި ޗައިނާގެ ބައެއް ކްލަބްތައް ހިމެނެއެވެ. 

އެޓްލެޓިކޯ މެޑްރިޑުން 2001 ވަނަ އަހަރު ކެރިޔަރު ފެށި ޓޮރޭޒް ވަނީ އެ ކްލަބުގައި ހަތް ސީޒަން ހޭދަކޮށްފައެވެ. އެގޮތުން އެ ހަތް ސީޒަނުގައި އޭނާ ވަނީ އެޓީމަށް ކުޅުނު 244 މެޗުގައި 91 ލަނޑު ކާމިޔާބު ކޮށްފައެވެ. އެއަށް ފަހު އޭނާ ދެން ބަދަލުވީ 2007 ވަނަ އަހަރު ލިވަޕޫލްއަށެވެ. ލިވަޕޫލްގައި ހަތަރު ސީޒަން ޓޮރޭޒް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކްލަބަށް ކުޅުނު 142 މެޗުގައި 81 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެއަށްފަހު ދެން ޓޮރޭޒް ބަދަލުވީ 2010 ވަނަ އަހަރު ޗެލްސީ އަށެވެ. އެގޮތުން ޗެލްސީ އަށް ކުޅުނު 172 މެޗުގައި އޭނާ ވަނީ 45 ލަނޑު ކާމިޔާބު ކޮށްފައެވެ. ޗެލްސީއާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި އެފްއޭކަޕް ވެސް ކާމިޔާބު ކޮށްފައެވެ. ޗެލްސީގައި ހުރެ އޭނާ ވަނީ އެޓްލެޓިކޯ މެޑްރިޑް އަދި އޭސީ މިލާނަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.

ޗެލްސީ ދޫކޮށްލުމަށް ފަހު އެޓްލެޓިކޯ އަށް އަނެއްކާ ވެސް ޓޮރޭޒް ބަދަލުވީ މިދިޔަ އަހަރެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 125 މެޗުގައި 28 ލަނޑު ކާމިޔާބު ކޮށްފައެވެ.

ސްޕެއިންއާ އެކު ފީފާ ވޯލްޑްކަޕް 2010 ވަނަ އަހަރު ޓޮރޭޒް ކާމިޔާބު ކޮށްފައިވާއިރު، އޭނާ ވަނީ އެޓީމާއެކު 2008 ވަނަ އަހަރު އަދި 2012 ވަނަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް