ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 10:34
ނަސްރުގެ ދުވަހު ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ދީދީ ވާހަކަ ދައްކަވަނީ
ނަސްރުގެ ދުވަހު ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ދީދީ ވާހަކަ ދައްކަވަނީ
ރިޗަޑް ސޭންޑްބްރޫކް ޓްރަސްޓް
ނަސްރުގެ ދުވަސް
ނޮވެމްބަރ ތިނެއްގައި ދުޝްމަނުންގެ ކިބައިން ސިފައިންގެ ހެޑްކުއާޓާޒް ސަލާމަތް ކުރީ އިންޑިއާ ސިފައިނެއް ނޫން: އިބްރާހިމް ދީދީ
ތިނެއް ނޮވެމްބަރަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ދުވަހެއް
އެންއެސްއެސް ހެޑް ކުއާޓާޒް ދިވެހި ސިފައިންނަށް އިންޑިއާ ސިފައިންގެ އެހީތެރިކަމާއި ނުލާ ދިފާއު ކުރެވުނު
ސިފައިންނަށް ޓްރައިންނިގް ލިބިފައިނުވި ނަމަވެސް އެމީހުން ހިތްވަރުގަދަ

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ދުޝްމަނުންގެ ކިބައިން ސިފައިންގެ ހެޑްކުއާޓާޒް ސަލާމަތް ކުރީ އިންޑިއާ ސިފައިން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެޓީވީން ނަސްރުގެ ދުވަހު ގެނެސްދިން ހާއްސަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ އޭރުގެ ސިފައިން އެހާ ބޮޑަށް ޓްރެއިންވެފައި ނެތް ކަމުގައިވީ ނަމަވެސް އޭރުގެ އެންއެސްއެސް ހެޑް ކުއާޓާޒް ދިވެހި ސިފައިންނަށް އިންޑިއާ ސިފައިންގެ އެހީތެރިކަމާއި ނުލާ ދިފާއު ކުރެވުނު ކަމަށެވެ. އަދި މިކަމުން ދައްކުވައިދެނީ ސިފައިންނަށް ޓްރައިން ލިބިފައިނުވި ނަމަވެސް އެމީހުންގެ ހިތްވަރުގަދަކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ދުވަހު ކަންތައްތައް ހިނގާދިޔަ ގޮތަށް އަލިއަޅުއްވާލައްވަމުން ދީދީ ވިދާޅުވީ ވަޒަން ހުސްވަމުން ދާތީ އާމާރީގެ ތަޅުދަނޑިފަތި ހިއްޕަވައިގެން ވަޑައިގަތުމަށް އޭރުގެ ޗީފް އޮފް ޑިފެންސް އިރުޝާދު ދެއްވި ކަމަށެވެ. އަދި އާމަރީގެ ތަޅުދަނޑިފަތި ހޯއްދަވަން ވަޑައިގަތުމުގެ ތެރޭގައި މަގުމަތީގައި ދުޝްމަނުންގެ ހަތަރު މީހަކު ހަތިޔާރު އަޅައިގެން ކުރިފުޅުމަތިން ހުރަސް ކުރި ކަމަށް ވިދާޅުވިއެވެ.

ދުޝްމަނުންގެ ހަތަރު މީހަކު ހުރަސް ކުރުމުން ވަރަށް ބޮޑަށް ވިސްނަވާފައި ރައީސް މައުމޫން ހުންނެވި ސަރަހައްދު ނުރައްކަލުގެ ތެރެއަށް ދޫކޮށް ނުލުމަށްޓަކައި، އަތުގައި ހަތިޔާރު އޮވެމެ އެމީހުންނަށް ހަމަލާ ނުދޭން ނިންމި ކަމަށް ދީދީ ވިދާޅުވިއެވެ. އަދި ދަތި އުނދަގޫތަކާއި ކުރިމަތި ވިނަމަވެސް ވިސްނުންފުޅުގައި ހުންނެވީ ތަޅުދަނޑިފަތި ހަވާލުކުރައްވަން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިފަ ބަދަލުކުރައްވައި ސުކޫލް ޔުނީފޯމެއް އަޅުއްވައިގެން ކިނބިގަސްދޮށުގެ އާއި ދިމާލަށް މިސްރާބު ޖެއްސެވުމުން އެތާ އެވަގުތު ހަރަކާތްތެރިވި މީހުން ސަމާލުކަން ދީފައިނުވާ ކަމަށް ދީދީ ވިދާޅުވިއެވެ.

"އަޅުގަނޑު މަޑުމަޑުން ފާރުކައިރިން ގޮސް އެމީހުން އެއްފަރާތް ވި ވަގުތު ފާރު ކައިރިން ފުންމާލީ. ދެން އަޅުގަނޑަށް ދިމާވީ އުންބެ ސަލީމް އާއި އޭރު ސިފައިންގޭގައި އުޅުއްވި އަނެއް ސަލީމް ބަދެފައިތިބި މަންޒަރު. އެ ދެބޭފުޅުން އަޅުގަނޑު ކައިރީގައި ވިދާޅުވި އިއްލިޔާސް އަވާހަރަވި ވާހަކަ ވިދާޅުވި. ދެން އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ކުރަން އައި ކަންތައް ކުރަންޖެހޭނެ ސަބަބަކީ އާމަރީގެ ހަތިޔާރު ނުލިބިގެން ސިފައިންގެއިން ހަތިޔާރު ހުސްވީމައި ވާނެ ގޮތް ވިސްނޭނެތީ" ދީދީ ވިދާޅުވިއެވެ.

 ދީދީ ވަރަށް ހިތްވަރު ކުރައްވައިގެން ކިނބިގަސްދޮށުގެއިން ތަޅުދަނޑިފަތި ހިއްޕަވައިގެން އެންއެސްއެސް ހެޑް ކުއާޓާޒް އަށް ތަޅުދަނޑިފަތި ފޯރުކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.

ދީދީ އިތުރަށް ވިދާޅުވީ 1988 ވަނަ އަހަރު ހިނގައިދިޔަ ހާދިސާއަށް ފަހު ރައީސް މައުމޫން ސިފައިންނަށް އިތުރަށް ޓްރޭއިނިންގް ލިބޭނެ މަގު ފަހިކޮށްދެއްވައި ސިފައިންގެއަށް ބޭނުންވާ ހަތިޔާރު ހޯއްދެވި ކަމަށެވެ. އަދި ޖެހިގެން އައި އަހަރު ސިފައިން ފުދޭވަރަކަށް ރަގަޅު މިންވަރަކަށް ޓްރެއިންވި ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

ދީދީ ވަނީ ނަސްރުގެ ދުވަހު ޖާނުން ފިދާވި ސިފައިންގެ ހަނދާންއާ ކުރައްވައި އެމީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ދުއާ ކުރައްވައިފައެވެ. އަދި އެނޫން ވެސް ގޮތްގޮތުން އެ ދުވަހު އެހީތެރިވެދެއްވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ތިނެއް ނޮވެމްބަރަކީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ދުވަހެއްގެ ގޮތުގައި ދީދީ ވަނީ ސިފަކުރައްވާފައެވެ.

 

 

 

 

   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 ނޮވެންބަރ 2017 | ހޮނިހިރު 14:04
ވިނިވިޑުވިސި
ދީދީ ނިސްބަތްވާ ޕާޓީގެ މީހުން އެންމެ ގަދައަށް އަޑުއަރުވާ ސިފައިންނަށް މަލާމަތް ކުރާއިރު ކިޔާ އުޅޭ ކަމަކާ ޖެހުނީމާ ސިފައިން ފިލަނީ ނޮވެމްބަރ 3 ގަ ވެސް ތިބީ ފިލައޭ. ސިޔާސީ އެއްވުންތަކުގަ ދައްކާ ގަދަބާރެއް އެކަހަލަ ކަންކަމަކު ނުފެނެއޭ. ޑީޑީ ދައްކާ ވާހަކައާ އެމީހުން އެދައްކާ ވާހަކަ ހާދަ ފަރަގު ބޮޑޭ