ކ. މާލެ
|
3 ނޮވެންބަރ 2017 | ހުކުރު 14:39
ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް އަގުއެރޯ
ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް އަގުއެރޯ
ގެޓީ އިމޭޖަސް
ސާޖިއޯ އަގުއެރޯ
ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ ދުވަހެއް ނޭނގޭ: އަގުއެރޯ
އަގުއެރޯގެ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު ކަމަށް ރިޕޯޓްތައް ބުނޭ

މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެ ދުވަހެއް ނޭގޭ ކަމަށް އެޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއެރޯ ބުނެފިއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން އަގުއެރޯ ބުނީ އޭނާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާ ދުވަހެއް ސީދާ ބުނަން ނޭނގޭ ކަމަށާއި، ހަނދާންވާ ގޮތުން އެއްބަސްވުން ހަމަވާނީ 2019 ގައި ކަމަށެވެ. އެހެން ނަމަވެސް އޭނާ ބުނީ ޔަގީންކޮށް ބުނަން އެނގޭނީ އަލުން ބަލާލުމުން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަގުއެރޯ ވަނީ މީގެ 18 މަސްކުރިން އޭނާ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން އެއް އަހަރަށް އިތުރުކޮށްފައެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2020 ވަނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ސިޓީން އަދިވެސް އަގުއެރޯގެ އެއްބަސްވުން އިތުރުކުރިކަމަށް ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

އުމުރުން 29 އަހަރުގެ އަގުއެރޯ ބުނީ މި އަހަރަކީ އެހެން އަހަރުތަކާ ހިލާފަށް ސިޓީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަހަރެއް ކަމަށެވެ. އެގޮތުން އާ ކުޅުންތެރިން އަދި އާ ކޯޗަކާއެކު އެ ތަފާތު ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސީޒަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވާ ކަން ފާހަގަކުރަމުން އަގުއެރޯ ބުނީ އަދި ސީޒަން ނިމެން ވަރަށް ދުވަސް އެބައޮތް ކަމަށެވެ. އެގޮތުން އޭނާ ބުނީ މިހާރު އޮތް ފޯމުގައި ސިޓީ އަށް ހިފެހެއްޓިއްޖެ ނަމަ، ކުރިޔަށް އޮތްތަނުގައި ގިނަ ފައިދާތަކެއް ޓީމަށް ލިބޭނެ ކަމަށެވެ.

ޕްރިމިއާ ލީގަށް ބަލާއިރު، ސިޓީ އޮތީ މިހާތަނަށް އެޓީމު ކުޅުނު 10 މެޗުން ލިބުނު 28 ޕޮއިންޓާ އެކު، ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ސިޓީގެ ފަހަތުން ދެވަނައިގައި އޮތީ 23 ޕޮއިންޓާ އެކު މެންޗެސްޓާ ޔުނައިޓެޑެވެ. ވިހި ޕޮއިންޓާ އެކު ތިންވަނައިގައި ޓޮޓެންހަމް އޮތްއިރު، ހަތަރުވަނައިގައި 19 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސިޓީ މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމު އޮތީ 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. އެޓީމުގެ ފަހަތުން ދެވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކު، ޝަކްޓަރު ޑޮނެސްކްއެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ނަޕޯލީ އޮތްއިރު، ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ފޭނޫދްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް