ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 22:02
އެންޑީއޭގެ ގޯތިތެރޭގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުން
އެންޑީއޭގެ ގޯތިތެރޭގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުން
އެންޑީއޭ
ޖާގަ ނެތުމުގެ ސަބަބުން ފަރުވާއަށް ނުދެވި 721 ކުދިން ކިއުގައި: އެންޑީއޭ
އެންޑީއޭގެ ޓާގެޓަކީ 500 މީހުންނަށް ފަރުވާ ދިނުން
މިހާރުވެސް 1013 މީހުންނަށް ދަނީ ފަރުވާ ދެމުން
މިއަހަރުގެ މިހާތަަށް 422 މީހުންނަށް ފަރުވާ ދީ ނިންމާފައިވޭ

މަސްތުވާތަކެތީގެ ފަރުވާއަށް އެދިގެން ފަރުވާއަށް ހުކުމް ކޮށްފައިވީ ނަމަވެސް ޖާގަ ނެތުމުގެ ސަބަބުން ފަރުވާއަށް ނުދެވިފައި 721 ކުދިން  އެބަތިބި ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

ރާއްޖެޓީވީގެ "ޚަބަރުފީތާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންޑީއޭގެ ކައުންސިލަރ އައިމިނަތު މަންސޫރު ވިދާޅުވީ، އެންޑީއޭ އިން ފަރުވާ ދިނުމުގައި ހުރި ތަފާތު ގޮންޖެހުންތައް ކުރިމަތުވަމުންދާ ކަމަށާއި އެގޮތުން އެންޑީއޭގެ މަރުކަޒުތަކުން ބޭނުންވާ ޖާގަ ނެތުމަކީ އެއް މައްސަލަ ކަމަށެވެ.

އައިމިނަތު ވިދާޅުވީ، ފަރުވާދޭ މަރުކަޒުތަކުގެ ތެރެއިން ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ފަރުވާ އަށް ނުފޮނުވި 510 މީހުން ތިބި އިރު މާލޭގެ ކޮމިއުނިޓީ ސެންޓަރުންދޭ ފަރުވާދޭ ސެންޓަރުން 211 މީހުން ޖާގަ ނެތުމުގެ ސަބަބުން ފަރުވާއަށް ނުވަދެވިފައި އެބަ ތިބި ކަމަށެވެ.

 "މިކުދިންނަށް ހަމަޖެހޭނީ މަޑުކުރަން. އަޅުގަނޑުމެންނަށް ފޮނުވޭނީ ޖާގަ ލިބޭ ވަރަކުން. އެންމެ ޖާގައެއް ހުސްވި ނަމަވެސް ވަގުތުން އެ ޖާގައަށް ކުއްޖަކު ފޮނުވަން،" އައިމިނަތު ވިދާޅުވި އެވެ.

އެންޑީއޭގެ އެސިސްޓެންޓް ކައުންސިލަރ އަހުމަދު ހިލްމީ ވިދާޅުވީ، މިއަހަރު އެންޑީއޭގެ އާމާޒަކީ ގާތްގަނޑަކަށް 500 މީހުންނަށް ފަރުވާދީ ނިންމާލުން ކަމަށާއި، އެ ޓާގެޓް ހާސިލް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ވެސް 422 މީހުންނަށް ފަރުވާ ދެވި މުޖުތަމައުއަށް ދޫކޮށްލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޑީއޭގެ މާލޭގައި ގާއިމް ކުރެވިފައިވާ ސެންޓަރުން 691 މީހުންނަށް ފަރުވާދެމުންގެންދާއިރު އެކި ސަރަހައްދުތަކުގައި ގާއިމް ކުރެވިފައިވާ ސެންޓަރުތަކުން 1013 ފަރާތަކަށް ފަރުވާ ދެމުންގެންދާ ކަމަށް އެންޑީއޭއިން ބުނެ އެވެ.

މަސްތުވާތަކެތިން ދުރުވުމަށް ބޭނުންވާ ފަރާތްތަކަށް އެންޑީއޭގެ ދަށުން ފަރުވާ ދިނުމަށް ފަސް ސެންޓަރެއް ވަނީ ގާއިމް ކުރެވިފަ އެވެ. އެއީ ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ވިލިމާލޭގައި އާއި ސ.ހިތަދޫ އާއި ޏ. ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިތުރަށް ކޮމިއުނިޓީ ސަރވިސް ސެންޓަރު ހިމެނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް