ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 19:53
ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ
ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރޮނާލްޑޯ
އޭޕީ
ރެއާލް މެޑްރިޑް
ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރާނަން: ރޮނާލްޑޯ
ރޮނާލްޑޯގެ ކޮންޓްރެކްޓްގައި ބާކީ ހަތަރު އަހަރު އެބައޮތް

ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރާނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ޓޮޓެންހަމް އަތުން ރެއާލް ބަލިވި މެޗަށް ފަހު ބީން ސްޕޯޓްސްއާ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައިވަނީ ރެއާލްގައި އޭނާ މިވަގުތު ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށާއި އަދި އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ ހަތަރު އަހަރު އޮތުމާއެކު މިވަގުތު އެ ޓީމާއެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކުރަން ނުވިސްނާ ކަމަށެވެ.

ބައެއް މީޑިއާ ތަކުން ރިޕޯޓު ކުރަމުންދާ ގޮތުގައި ރޮނާލްޑޯއަށް ރެއާލްއިން މިހާރު ހުށަހަޅާފައިވާ ކޮންޓްރެކްޓަށްވުރެ ބޮޑު ކޮންޓްރެކްޓެއް އޭނަ ބޭނުންވެއެވެ. އެގޮތުން ޕީއެސްޖީއިން ނޭމާއަށް ހުށަހެޅި ކޮންޓްރެކްޓާ ބާސާގެ ތަރި ލިއޮނެލް މެސީއަށް އެ ޓީމުން ދިން ކޮންޓްރެކްޓްއަށް ވުރެ ބޮޑު ކޮންޓްރެކްޓެއް ރޮނާލްޑޯ ބޭނުންވެއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމަށްވާއިރު އޭނާގެ ޓީމު، ރެއާލް މިވަގުތު އޮތީ އެޓީމުގެ ގްރޫޕުގެ ދެވަނައިގައެވެ. އެހެނަސް ރޮނާލްޑޯ ބުނެފައިވަނީ މިއީ ގޯސްކޮށް ނަތީޖާތަށް އަންނަމުންދާ ދުވަސްވަރެއް ކަމަށާއި މިއީ ޓީމުން ހޯދަން ބޭނުންވާ ނަތީޖާ ތަކެއް ނޫން ކަމަށެވެ. އޭނާ ބުނީ އެކަން ބަދަލުކުރުމަށް ވަގުތު އެބައޮތް ކަމަށާއި އޭނާގެ ޓީމުގައި ތިބި ކުޅުންތެރިންނަކީ އެފަދަ ގާބިލްކަން ހުރި ކުޅުންތެރިން ކަމަށެވެ.

ރޮނާލްޑޯ ވަނީ ރެއާލް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވަނީ އޮފް ސައިޑް ލަނޑުގެ ސަބަބުން ކަމަށް ބުނެފައެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ 3-1 އިން ޓޮޓެންހަމް އަތުން ބަލިވި މެޗުގައި އެ ޓީމު ޖެހި ފުރަތަމަ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށާއި އަދި އާދިއްތަ ދުވަހު ސްޕެނިޝް ލަލީގާގައި އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން 2-1 އިން ބަލިވި މެޗުގައި ވެސް ރެއާލް ކޮޅަށް ވަނީ އޮފް ސައިޑް ލަނޑެއް ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ.

ރެއާލްގެ ފަރާތުން ދަށް ނަތީޖާތަކެއް ފެންނަމުންދާއިރު އެ ޓީމަކީ މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާގެ ޗެމްޕިއަނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް