ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 18:10
އެސްޓްރޯސްގެ ކުޅުންތެރިން ތައްޓާއެކު
އެސްޓްރޯސްގެ ކުޅުންތެރިން ތައްޓާއެކު
ޑެއިލީ މިރޯ
ބޭސްބޯލް
ބޭސްބޯލްގެ ދުނިޔޭގެ ޗެމްޕިއަންކަން ހިއުސްޓަން އެސްޓްރޯސްއަށް
އެސްޓްރޯސްއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 4-3 އިން ޑޯޖާސް ބަލިކޮށްގެން
މިއީ އެ ޓީމުގެ ތާރީހުގައި ވޯލްޑް ސީރީސް ކާމިޔާބުކުރި ފުރަތަމަ ފަހަރު

ބޭސްބޯލް ވޯލްޑް ސީރީސްގެ ޗެމްޕިއަން ފުރަތަމަ ފަހަރަށް ހިއުސްޓަން އެސްޓްރޯސްއިން ހޯދައިފިއެވެ.

ލޮސް އެންޖެލްސް ޑޯޖާސްއާ ވާދަކޮށް އެސްޓްރޯސްއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ 4-3 އިން ޑޯޖާސް ބަލިކޮށްގެންނެވެ. މި މުބާރާތުގެ ފޯމެޓް އޮންނަ ގޮތުން ހަތް މެޗު ކުޅެން ޖެހޭއިރު އެންމެ އަވަހަށް ހަތަރު މެޗު ކާމިޔާބުކުރާ ޓީމަކަށް ޗެމްޕިއަންކަން ލިބެއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު 3-1 އިން ޑޯޖާސް ކާމިޔާބުކުރި އިރު އެސްޓްރޯސްއިން ވަނީ ދެވަނަ މެޗު 7-6 އިން ކާމިޔާބު ކޮށްފައެވެ. އެސްޓްރޯސްއިން ތިން ވަނަ މެޗު 5-3 އިން ކާމިޔާބު ކުރިއިރު ހަތަރު ވަނަ މެޗު ޑޯޖާސްއިން ކާމިޔާބުކުރީ 6-2 އަކުންނެވެ. ހަމައެހެންމެ ފަސް ވަނަ މެޗު 13-12 އިން އެސްޓްރޯސް ކާމިޔާބު ކުރިއިރު ހަވަނަ މެޗު 3-1 އިން ކާމިޔާބުކޮށް ޑޯޖާސް ވަނީ ހަތް ވަނަ މެޗަކަށް މި ސީރީސް ގެންގޮސްފައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރު ކުރަން ކުޅުނު ހަތް ވަނަ މެޗު އެސްޓްރޯސްއިން ކާމިޔާބު ކޮށްފައިވަނީ 5-1 އިންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ އެމްވީޕީގެ އެވޯޑު ދީފައިވަނީ އެސްޓްރޯސްގެ ސެންޓާރ ފީލްޑް ޖޯޖް ސްޕިނާއަށެވެ. އެނާ ވެގެން ގޮސްފައިވަނީ ވޯލްޑް ސީރީސްގެ ހަތަރު މެޗުގައި ޖެހިޖެހިގެން ހޯމް ރަން ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ހަރިކޭން ހާވީއަށް ފަހު ހިއުސްޓަންގެ ބޮޑު ސަރަހެއްދެއްގައި ފެން ބޮޑު ވުމާ ގުޅިގެން އެސްޓްރޯސްގެ ކުޅުންތެރިން ކުޅުނީ "ހިއުސްޓަން ސްޓްރޯންގް" ޖަހާފައިވާ ބޭންޑްތަކެއް އަޅައިގެންނެވެ. އަދި އެ ޓީމުން ވަނީ މި މުބާރާތުން މޮޅުވީ ހިއުސްޓަންގައި ދިރިއުޅެމުންދާ ރައްޔިތުންނަށްޓަކައި ކަމަށް ބުނެފައެވެ.

އެމެރިކާގެ މޭޖާ ލީގު ބޭސްބޯލްގައި 56 ސީޒަނެއްގައި މިހާތަނަށް އެސްޓްރޯސް ވާދަކޮށްފައިވާއިރު އެ ޓީމުން ފައިނަލެއްގައި ވާދަކޮށްފައިވަނީ އެންމެ އަހަރެއްގައެވެ. އެގޮތުން 2005 ވަނަ އަހަރު ޗިކާގޯ ވައިޓް ސޮކްސްއާ ދެކޮޅަށް ފައިނަލުގައި ކުޅެ އެސްޓްރޯސް ބަލިވެފައިވަނީ 4-0 އިންނެވެ. މި އަހަރު އެ ޓީމާއި ދެކޮޅަށް ކުޅުނު ލޮސް އެންޖެލްސް ޑޯޖާސް ވެސް 1988 ވަނަ އަހަރުގެ ފަހުން ވޯލްޑް ސީރީސްގެ ފައިނަލުގައި ވާދަ ކޮށްފައެއް ނުވެއެވެ. ހަމައެހެންމެ މި ކާމިޔާބީއަކީ ހިއުސްޓަން ރޮކެޓްސްގެ ތާރީހުގައި އެ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް