ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 16:24
ސާޖިއޯ އަގުއޭރޯ ލަނޑު ޖެހުމަށް ފަހު - ނަޕޯލީ ކޮޅަށް ޖެހި ލަނޑާއެކު އޭނާއަކީ މިހާރު ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ
ސާޖިއޯ އަގުއޭރޯ ލަނޑު ޖެހުމަށް ފަހު - ނަޕޯލީ ކޮޅަށް ޖެހި ލަނޑާއެކު އޭނާއަކީ މިހާރު ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: އަގުއޭރޯގެ ރެކޯޑު ލަނޑާ އެކު ސިޓީ ދެވަނަ ބުރަށް
ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައި ވަނީ 4-2 ގެ ނަތީޖާ އަކުން
ޝަކްޓަރް ޑޮނޭޓްސްކް ވަނީ 3-1 އިން ފެޔަނޫދް ބަލިކޮށްފައި
ސިޓީ ދެވަނަ ބުރަށް ކޮލިފައިވީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހަމަކޮށްގެން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ސާޖިއޯ އަގުއޭރޯގެ ރެކޯޑު ލަނޑާ އެކު ދެވަނަ ބުރުގެ ޖާގައެއް މެންޗެސްޓާ ސިޓީން ކަށަވަރު ކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް "އެފް" ގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވެފައި ވަނީ 4-2 ގެ ނަތީޖާ އަކުންނެވެ. މި ދެ ޓީމު މިދިޔަ މަހުގެ 17 ވަނަ ދުވަހު ސިޓީގައި ކުޅުނު މެޗު ވެސް އެ ޓީމުން ކާމިޔާބު ކުރިއިރު ބުދަ ދުވަހުގޭ ރޭގެ މެޗުގައި ވެސް ދެ ޓީމުން ވެސް ވަނީ ފޯރިގަދަ ބަލާހިތްވާ ޒާތުގެ ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް އެޓޭކިން ފުޓްބޯޅައެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ޓީމުންނެވެ. ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ޑްރައިސް މާޓެންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ނަޕޯލީއަށް ޖަހައިދިނީ ލޮރެންޒޯ އިންސިންޔޭއެވެ. އެހެނަސް 34 ވަނަ މިނެޓުގައި އިކޭ ގުންޑޯގަން ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ނިކޮލަސް އޮޓަމެންޑީ ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ފުރަތަމަ ހާފު ދެ ޓީމު އެއްވަރުވެ އޮވެގެން ނިމުނު އިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުން ވަނީ އަވަސް ރީތި ފުޓްބޯޅައެއް ކުޅެ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގައި ލެރޯއި ސާނޭ ނަގައިދިން ކޯނަރަކުން ލަނޑެއް ޖަހާ ޖޯން ސްޓޯންސް ސިޓީއަށް ލީޑު ނަގައިދިނެވެ. އެހެނަސް ސިޓީގެ އޭރިއާ ތެރެއިން ނަޕޯލީގެ ރައުލް އަލްބިއޯލްއަށް ސާނޭ ފައުލް ކުރި ކަމަށް ނިންމައި ރެފްރީ ނަޕޯލީއަށް ދިން ޕެނަލްޓީ ޖޯޖީނިއޯ ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ސިޓީގެ ތިން ވަނަ ލަނޑު ޖަހައި އަލުން އަނބުރާ އެ ޓީމަށް ލީޑު ނަގައިދިނީ ސާޖިއޯ އަގުއޭރޯއެވެ. މެޗުގެ 69 ވަނަ މިނެޓުގައި އޭނާ އެ ޓީމަށް ޖަހައިދިން ލަނޑަކީ މިހާތަނަށް އޭނާ ސިޓީއަށް ޖަހައިދިން 178 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ އެރިކް ބްރުކްގެ ރެކޯޑު މުގުރާލައި ސިޓީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. ސިޓީގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމަށް ޖަހައިދިނީ ރަހީމް ސްޓާލިންއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ޔޫކްރެއިންގެ ޝަކްޓަރް ޑޮނޭޓްސްކް ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ނެދަލޭންޑްސްގެ ފެޔަނޫދް ބަލިކޮށް ދެވަނަ ބުރަށް ކޮލިފައިވުމާ ގާތަށެވެ. ޝަކްޓަރްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެހެނަސް ފެޔަނޫދް އިންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ނިކޮލައި ޖޯޔެންސެންއެވެ.

ފެޔަނޫދުން މި ލަނޑު ޖެހުމާއެކު ޝަކްޓަރުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 14 ވަނަ މިނެޓުގައި ފެރޭރާ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިން އިރު 17 ވަނަ މިނެޓުގައި މާލޯސް ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިނެވެ. ޝަކްޓަރްގެ ތިންވަނަ ލަނޑު 68 ވަނަ މިނެޓުގައި ފެރާރާ ތަނަވަސް ކޮށްދިން ފުރުސަތަކުން ޖަހައިދިނީ މާލޯސްއެވެ.

މި ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު ސިޓީ ދެވަނަ ބުރަށް ކޮލިފައިވީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި ނުވަ ޕޮއިންޓާއެކު ޝަކްޓަރް އޮތްއިރު ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. އަދި ތާވަލުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ފެޔަނޫދްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް