ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 11:58
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް މައުމޫންގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި
އިގްތިސާދީ ގެއްލުމެއް ލިބި، ހެކިބަސް ދިނުމުން ވަޒީފާ ގެއްލިދާނެ
ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާއިރު، ރިޝްވަތު ދިން ދުވަހެއް ދައުލަތަށް ނޭނގޭ
ހަގީގަތުގައި ޝަހްސް އޮޅުވާލީ އަބްދުއްރަހީމް، ޕީޕީއެމްގެ ނަމުގައި ސިޓީ ފޮނުވުމުގެ ހައިސިއްޔަތެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާގެ ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ. ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.

ބުރާސްފަތި ދުވަހުގެ 11:30 ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާ ފާރިސް މައުމޫންގެ ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިއޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ. 

އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ، ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިފައެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި، ވީޑިއޯ ސީޑީއަކާއި، ސިވިލް ކޯޓުގެ ހުކުމަކާއި، އިލެކްޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން، ޕީޕީއެމްގެ ނަމުގައި ފުލުހަށް ހުށަހަޅާފައިވާ ސިޓީއެކެވެ.

ދައުލަތުގެ ވަކީިލު އައިޝަތު ރީޝާ ވިދާޅުވި ގޮތުގައި ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ދެ ހެކިން ސިއްރުކުރަން އެދެނީ ހެކިބަސް ދިނުމުގެ ސަބަބުން އެމީހުންނަށް ލިބިދާނެ އެކަށީގެންވާ އިގްތިސާދީ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. ރީޝާ ވިދާޅުވި ގޮތުގައި ހެކި ބަސް ދިނުމުގެ ސަބަބުން އެމީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، އެ ދެ މީހުންނަކީ 22 މާޗް 2017 ގައި ސިޔާސީ ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު އެތަނުގައި ތިބި ދެ މީހުންނެވެ. އެ ދެ މީހުން ހުށަހަޅާފައިވަނީ، ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ޕާޓީގެ ނަމުގައި ފާރިސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަން ސާބިތުކުރުމަށެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ހުކުމަކީ، ޕީޕީއެމްގެ ހިންގުމުގެ ބާރު އެޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް 16 އޮކްޓޯބަރު 2016 ގައި ކޮށްފައިވާ ހުކުމެވެ. ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކީ ފާރިސް ޕާޓީން ވަކިކޮށް، ދަފްތަރުން ނަން އުނިކޮށްފައިވާކަން އަންގާ ފޮނުވި ސިޓީއެވެ. ޕީޕީއެމުން ފުލުހަށް ހުށަހެޅި ސިޓީއަކީ، ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ހުއްދަ ހޯއްދެވުމެއް ނެތި ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނުއްވި ސިޓީއެވެ. ވީޑިއޯ ސީޑީގައި ހިމެނެނީ ނޫސްވެރިންގެ ބައްދަލުވުމުގެ ވީޑިއޯ އެވެ.

އެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ހެކި ހުށަހެޅުމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ހަގީގަތުގައި ޝަހްސް އޮޅުވާލީ އަބްދުއްރަހީމް ކަމަށާއި ޕީޕީއެމްގެ ނަމުގައި ސިޓީއެއް ފޮނުވުމުގެ އެއްވެސް ހައިސިއްޔަތެއް އަބްދުއްރަހީމްގެ ނޯންނާނެ ކަމަށެވެ. 15 އޮކްޓޯބަރު 2016 ގައި ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުންނާއި އެޕާޓީގެ ކައުންސިލް މެންބަރަކުކަމުން އަބްދުއްރަހީމް ވަކިކޮށް، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަން އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމަންނާއަކީ" ޕީޕީއެމް ކަމަށް ދެކިގެން ސިޓީއެއް ހުށަހެޅުމުގެ ހައިސިއްޔަތު އަބްދުއްރަހީމްގެ ނެތް އިރު، އެފަދަ ސިޓީއެއް ޕީޕީއެމްގެ ނަމުގައި ފޮނުވި މައްސަލަ ނުބަލަނީ ކީއްވެތޯ މައުމޫން ސުވާލުކުރެއްވި އެވެ. އަދި ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާކުރިއިރު، އަބްދުއްރަހީމްގެ މައްޗަށް ނުކުރަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރެއްވި  އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް