ކ. މާލެ
|
2 ނޮވެންބަރ 2017 | ބުރާސްފަތި 10:58
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސް ޔާމީން
ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ފުލުހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފި
ދައުވާ އުފުލާފައިވަނީ ސަބް އިންސްޕެކްޓަރު ރޭންކުގެ ފުލުހެއްގެ މައްޗަށް
އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި
އަވަހާރަކޮށްލަން ރޭވުމާއި، އަވަހާރަކޮށްލަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުން

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ފުލުހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ދައުވާ އުފުލާފައި ވަނީ ސަބް އިންސްޕެކްޓަރ ރޭންކުގައި ހުރި ހއ. ހޯރަފުށީ، ދަނބުމާގޭ، އިބްރާހިމް ސަލީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރާއްޖެއެމްވީއަށް މިކަން ކަށަވަރުކޮށްދީފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ އޯގަސްޓް މަހުގެ ތެރޭގަ އެވެ. 

އޭނާ ހައްޔަރުކޮށްފައި ވަނީ ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ރޭވި ކަމާއި، ރައީސް ޔާމީން އަވަހާރަކޮށްލުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެ އެވެ. 

ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮވައި ހިނގި ހާދިސާއާ ގުޅިގެން ސިފައިންގެ މާލޭ އޭރިޔާގެ އެއިރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހަކު ޖަލަށް ލުމަށް ހުކުމް ކުރި އެވެ. މީގެ އިތުރުން، އެ މައްސަލައިން ހާމަވި ގޮތުގައި ލޯންޗުކޮޅުގައި ގޮއްވާލި ބޮމަކީ ސިފައިންގެ މީހަކު ތައްޔާރުކުރި އެއްޗެކެވެ.

އޭގެ ފަހުން، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޔާމީން އަވަހާރަކޮށްލަން ރާއްޖެއިން ބޭރުން ސްނައިޕަރެއް ގެނައި ކަމަށް ބުނެ، ބަޔަކު ހައްޔަރުކޮށް މިހާރު ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގެ ކައިރީގައި ބޮމެއް ބާއްވައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ބަޔަކު ވަނީ ޖަލަށް ލާފަ އެވެ. މުލީއާގެ ކައިރިން އެ ބޮން ނަގައިގެން "ޑިފިއުޒް" ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމަށް ގެންގޮސްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 ނޮވެންބަރ 2017 | ބުރާސްފަތި 20:15
Haha
Maafannu stadium ah gendhiya magumathii bomb govi name kithah meehun maruvees