އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ލިބިފައިވާއިރު އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި ޒަހަމްވި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ. ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އަންހެނަކާއި ފިރިހެނަކަށެވެ.
އެކްސިޑެންޓްވި ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލްގައި ތިބީ ދެ އަންހެނުނެވެ. އަނެން ސައިކަލް ދުއްވަން އިނީ ފިރިހެނަކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިހެން މީހާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ.
އެކްސިޑެންޓްވި ދެ ސައިކަލް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
