ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 20:24
ޖެންޑަ މިނިސްޓަރ އޮމާންގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ޖެންޑަ މިނިސްޓަރ އޮމާންގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
އަހުމަދު މުހުސިނު
ޖެންޑަރ މިނިސްޓަރު
ޖެންޑަ މިނިސްޓަރ އޮމާންގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށް ޒިޔާރަތް ކުރައްވައިފި
ކުދިންގެ އުމުރާ ގުޅޭ ގޮތަށް ހިންގޭ ތަޢުލީމީ ޕްރޮގްރާމް ބައްލަވާލެއްވި
އަންހެނުން ބާރުވެރިކުރުމަށް ހިންގާ ތަފާތު ޓްރޭނިންގތައް ބައްލަވާލެއްވި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ އޮމާނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމުގައި ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށާއި ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވައިލައްވައިފިއެވެ.

އެ ގޮތުން މިދިޔަ މަހުގެ 29ން 3ށް މިނިސްޓަރ ޒެނީޝާ ވަނީ އެޤައުމުގެ ކުޑަކުދިން ބަލަހައްޓާ މަރުކަޒަކަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚިދުމަތްދޭ މަރުކަޒަކަށާއި، އަންހެނުންގެ ޖަމާޢަތަކަށް ޒިޔާރަތް ކުރައްވައި، އެ ތަންތަނުގެ ކަންކަން ހިންގަވާގޮތް ބައްލަވައިލައްވައިފައެވެ.

އެސޯސިއޭޝަން ފޮރ ދަ ވެލްފެއަރ އޮފް ޑިސްއޭބަލްޑް ޗިލްޑްރަންއަށް މިނިސްޓަރ ޒެނީޝާ ކުރެއްވި ޒިޔާރަތުގައި، އެ މަރުކަޒުން ޚިދުމަތް ފޯރުކޮށްދޭ 6 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް، އެކުދިންގެ އުމުރާ ގުޅޭ ގޮތަށް ހިންގޭ ތަޢުލީމީ، ޞިއްޙީ އަދި ލައިފް ސްކިލްސްއާ ގުޅޭ ޕްރޮގްރާމްތައް ބައްލަވައިލައްވައި، އެ ޚިދުމަތްތަކާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ. އަދި 'ޗައިލްހުޑް ކެއަރ ސެންޓަރއަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ ކޮންސެޕްޓާއި، އެ ތަނުގައި ދިރިއުޅޭ ކުދިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ބައްލަވައިލެއްވިއެވެ.

އަދި އޮމާންގެ ވިމެންސް އެސޯސިއޭޝަނާއެކު ބޭއްވި ބައްދަލުވުމުގައި މި ޖަމާޢަތުން އަންހެނުން ބާރުވެރި ކުރުމަށް ހިންގާ ތަފާތު ޓްރޭނިންގތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިނިސްޓަރ ޒެނީޝާ ވަނީ ބައްލަވައިލައްވައިފައިވެއެވެ.

މިނިސްޓަރ ޒެނީޝާ އޮމާނަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ޤައުމުގެ ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރ، ހިޒް އެކްސެލެންސީ ޝައިޚް މުޙައްމަދު ބިން ސާޢިދު ބިން ސައިފް އަލްކަލްބާނީއާ ވެސް ބައްދަލުކުރައްވައި، މިނިސްޓްރީ އޮފް ޖެންޑަރއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޙިއްޞާ ކުރެއްވެވިއެވެ. އަދި ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވޭނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގެ އިތުރުން، އެ ކަމަނާގެ މި ޒިޔާރަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކްޓިންގ އަންޑަރ ސެކްރެޓަރީ ފޮރ ޑިޕްލޮމެޓިކް އެފެއާޒްއާ ވެސް ބައްދަލު ކުރެއްވެވިއެވެ. އަދި އެ ބައްދަލުކުރެވެވުމުގައި، ދެ ޤައުމު އެކުގައި މަސައްކަތް ކުރެވޭނޭ ދާއިރާތަކުގެ އިތުރުން ބައިލެޓަރަލް ގުޅުން އިތުރަށް ހަރުދަނާކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާ ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
2 ނޮވެންބަރ 2017 | ބުރާސްފަތި 11:01
މަރިޔަން
ޒެނީޝާ ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ. ސުވާލަކީ އޮމާން އަށް ވުރެ ތިޔަ ކަހަލަ ކަންކަން ކުރިއަރާފަ ހުރި ގައުމުތަކަށް ޒިޔާރަތް ކުރައްވާ މައުލޫމާތު ސާފު ނުކުރައްވަނީ ކީއްވެތޯ؟ ކަމަނާވެސް ކިޔަވާ ވިދާޅުވީ އިނގިރޭސި ވިލާތުންނޭ ބުނާތީ އަޑުއަހަން. ނޫނީ އޯމާނުންތޯ؟