ކ. މާލެ
|
1 ނޮވެންބަރ 2017 | ބުދަ 19:53
ގުޅިފައިވާ އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއްގައި އިސްވެރިން ބައިވެރިިވެވަޑައިގަންނަވަނީ
ގުޅިފައިވާ އިދިކޮޅު ކޯލިޝަނުގެ ޖަލްސާއެއްގައި އިސްވެރިން ބައިވެރިިވެވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓ
ރިޔާސީ އިންތިހާބުގައި މަސައްކަތްކުރާނީ އެކުގައި، ކުރިއަށްދާނެ ގޮތާމެދު މަޝްވަރާ ފަށައިފިން: އިދިކޮޅު އިއްތިހާދު
އެއްކޮށް ކުރިއަށް ދިއުމަށް ޕާޓީތަކުންވެފައިވާ އެއްބަސްވުމާއެކު އަދިވެސް ތިބި ކަމަށް ބުނި
މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމަށް އަދި ގަބޫލެއް ނުކުރެވޭ

އަންނަ ރިޔާސީ އިންތިހާބުގައި ވެސް މަސައްކަތްކުރާނީ އެއްކޮން ކަމަށާއި އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާމެދު ދަނީ ޕާޓީތަކުގައި މަޝްވަރާ ކުރަމުން ކަމަށް ސަރުކާރާ އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

 

އިދިކޮޅު އިއްތިހާދުގެ ފަރާތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާމެދު ކޮންމެ ޕާޓީއަކުން ވެސް އެ ޕާޓީގެ ތެރޭގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ކޯލިޝަނުގެ އެންމެ އިސް ލީޑަރުންގެ މެދުގައި ވެސް މި މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

" މީގައި ދިވެހި ރައްޔިތުންނަށް އޮތް އުފާވެރި ހަބަރަކީ ﷲގެ ހެޔޮ ރަހްމަތްފުޅާއެކު މިކުރާ މަސައްކަތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހިސާބަށް ވެސް ދާނީ މިހާރު ގުޅިފައިވާ ޕާޓީތަކުގެ ގުނަންތަކުން އެއް ވިސްނުމެއްގައި މަސައްކަތްކުރާ، މި ގައުމަށް އެންމެ ފައިދާހުރި ގޮތަކަށްކަން. އަދި އަޅުގަނޑުމެންގެ މި ގުޅުންމަތީގައި ތިބެގެން ކުރިއަށްދާނީ އެއީ އެއީ ވަރަށް ޔަގީން ކަމެއް،" އޭނާ ވިދާޅުވި އެވެ.

 

ރިޔާޒް ވަނީ އިދިކޮޅު އިއްތިހާދުގެ ގުޅުން ބައި ބައި ކުރުމަށް ރައީސް އަބްދުﷲ ޔާމިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ތުހްމަތު ކުރައްވާފަ އެވެ. އެހެން ނަމަވެސް އިދިކޮޅު ހުރިހާ ފަރާތްތަކުން މީގެ ކުރިން އެއްބަސްވެފައިވާ ގޮތަށް އަދިވެސް ތިބީ ހުރިހާ ކެނޑިޑޭޓުނަށް ކުރިމަތިލެއްވޭނެ މާހައުލެއް ގާއިމުކުރުމުގެ މަސައްކަތުގައި ކަމަށެވެ.

 

އޭނާ ވިދާޅުވި ގޮތުގައި 2019 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ވެސް ޕާޓީތަކުގެ މެދުގައި މަޝްވަރާކުރާނެ އެވެ.

 

ހަމަ އެހެންމެ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސް ކޮރަޕްޝަން އާންމުވެފައިވާއިރު މިކަން ކަން ހުއްޓުވޭނީ މި ސަރުކާރު ބަދަލު ކުރުމަށް އެންމެން އެއްކޮން މަސައްކަތް ކޮށްގެން ކަމަށް އިދިކޮޅު އިއްތިހާދުން ގަބޫލުކުރާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.

 

މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު  ވަނީ އަންނަ ރިޔާސީ އިންތިހާބުގެ މިނިވަންވާނެ ކަމާމެދު ސުވާލު ނުއުފެއްދުމަށް އެދި އިލެކްޝަނުން ނެރުނު ބަޔާނަށް ރައްދުދެއްވާފަ އެވެ. އެގޮތުން މިހާރު އިލެކްޝަން ކޮމިޝަނުން ސިޔާސީ  ޕާޓީތަކާމެދު އަމަލުކުރަމުންދާ ގޮތުންނާއި ސިޔާސީ މަޝްރަހް އޮތް ގޮތުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

" އިލެކްޝަންސް ކޮމިޝަނުން އެ ވިދާޅުވާ ގޮތަށް 2018 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާކޮޅު ވޯޓު ފޮއްޓަށްލާއިރު އެތަނުގައި ފުލުހުން ވޯޓުލާ މީހާގެ ބޮލުގައި ބަޑި ޖައްސާފައި ނެތުމަކީ އެ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމެއް ނޫން. އަދި ހުރިހާ ކަމެއް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތައް ސިޔާސީ ޕާޓީތަކަށް ފޯރުކޮށްދެވުނީމަ ނޫނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުނު ކަމަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލެއް ނުކުރެވޭ،" ހަސަން ލަތީފު ވިދާޅުވި އެވެ.

 

އަދާލަތު  ޕާޓީގެ މެމްބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އިއްތިހާދުގެ ހުރިހާ ބައިވެރިންވެސް ތިބީ މިއަހަރުގެ މާޗް 24 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެއްކޮން ކުރިއަށްދާ ގޮތަށް ކަމަށެވެ. މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން އަނާރާވެސް ވިދާޅުވީ ދައުލަތުގެ މީޑިޔާ ވަކި ފަރާތަކަށް ބުރަވެ އޮވެ ހަބަރާ މައުލޫމާތު ގެނެސްދިނުމަކީ މިނިވަން އިންތިހާބަށް އެޅޭނެ ހުރަހެއް ކަމަށެވެ.

 

" ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ހުރިހާ ރައްޔިތުން ވެސް އުއްމީދު ކުރައްވާށޭ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މިނިވަން ކުރުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ ރައްޔިތުންގެ އެއްބާރުލުން ދެއްވާށޭ،" އަނާރާ ވިދާޅުވި އެވެ.

 

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން އަމިނަތު ނާދިރާ މި ބައްދަލުވުމުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމުމަކީ އެ ދާއިރާތަކުގެ އަޑު ކަނޑުވާލުން ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަން ހާޒިރުކުރާން ޖެހުނު ކޮންމެ ތަނަކަށް ހާޒިރުކޮށް ޒިންމާދާރު ކުރުމަށް އިދިކޮޅު އިއްތިހާދުން މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އިއްތިހާދުން މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޕާޓީތަކުން ބޭނުންވާ  ކެނޑިޑޭޓަކަށް ކުރިމަތިލެވޭނެ މިނިވަން ސިޔާސީ މަހައުލެއް ރާއްޖޭގައި ގާއިމުކުރެވޭނީ އިދިކޮޅު ހުރިހާ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރެ، މި ސަރުކާރު ބަލިކޮށްގެން ކަމަށް އިދިކޮޅު ބައެއް ލީޑަރުން ވަނީ ވިދާޅުވެފަ އެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް