ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 08:16
ބަންގްލަދޭޝް ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ހަބީބް އޮކްޓޯބަރ 29، 2017 ގައި ހޮޓެލް ޖެންގައި ވާހަކަދައްކަވަނީ
ބަންގްލަދޭޝް ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ހަބީބް އޮކްޓޯބަރ 29، 2017 ގައި ހޮޓެލް ޖެންގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ބަންގްލަދޭޝްގެ ވިޔަފާރި
އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު
 
އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ އެމެރިކާއާއި އިޔޫގެ ގައުމުތަކަށް
 
އެ ގައުމުގެ މައިގަނޑު އެކްސްޕޯޓަކީ އަންނައުނު
 
ބަންގްލަދޭޝްއަކީ ދެކުނު އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު

އަމާޒަކީ 2021 ވަނަ އަހަރު އަންނައިރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން އެމެރިކާ ޑޮލަރަށް އެރުން ކަމަށް އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ހަބީބް އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި "ޓްރޭޑް އޮޕަރޗުނިޓީސް އިން ބަންގްލަދޭޝް އަން ލޮކިންގ ދި ޕޮޓެންޝިއަލް"ގެ ނަމުގައި ބޭއްވި ސެމިނާގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ބަންގްލަދޭޝް އަކީ ދެކުނު އޭޝިއާއިން ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ ގައުމު ކަމަށެވެ.

މި ސެމިނާގެ މައިގަނޑު ބޭނުމަކީ ބަންގްލަދޭޝްގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ދިވެހިރާއްޖޭގެ ވިޔަފާރި ވެރިންނަށް ދިނުމެވެ.

ސެމިނާގެ ބައިވެރިން ހުށަހަޅައިދިން ޕްރެޒެންޓޭޝަންތަކުގައި ބުނެފައިވާ ގޮތުން ބަންގްލަދޭޝްގެ އުފެއްދުންތައް އަގު ހެޔޮވި ނަމަވެސް ރާއްޖެއަށް އެތަކެތި އެތެރެނުކުރާ އެއް ސަބަބަކީ ދެގައުމުގެ މެދުގައި ދަތުރު ފަތުރު މަދުވުމެވެ.

ސަފީރު ވިދާޅުވީ މީގެ ކުރިން ބަންގްލަދޭޝްއަކީ ކާރިސާގެ ޒޯނެއްގެ ގޮތުގައި ބްރޭންޑް ކުރެވިފައިވީ ނަމަވެސް މިއަދު އެކަން ބަދަލުވަމުންދާކަމަށާއި އަމާޒަކީ އެ ގައުމަކީ އިގްތިސާދީ ބްރޭންޑަކަށް ބަދަލުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޑޮކްޓަރީ ބޭހުގެ އުފެއްދުންތަކަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލްކުރާ އުފެއްދުންތައް،" ސަފީރު ވިދާޅުވި އެވެ.

ބަންގްލަދޭޝްއަކީ ދުނިޔޭގައި އެންމެ ބާރުމިނުގައި އިގްތިސާދީގޮތުން ކުރިއަރަމުން އަންނަ އެއް ގައުމު ކަމަށްވާއިރު 2016 ވަނަ އަހަރު އެ ގައުމުގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ މިންވަރު ހުރީ 7.1 އިންސައްތައިގައެވެ.

ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު އާބާދީގެ ގޮތުގައި އޮތް ބަންލަދޭޝްގެ މައިގަނޑު އެކްސްޕޯޓަކީ އަންނައުނާއި ވިޔެފައި ހުންނަ ތަކެއްޗާއި ފިނިކުރި މަހާއި އަދި ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ.

އެ ގައުމުގެ މުދާ އެންމެ ގިނައިން އެކްސް ޕޯޓްކުރަނީ އެމެރިކާއާއި ޖަރުމަނާއި އިނގިރޭސިވިލާތާއި ފްރާންސާއި ސްޕެއިނަށެވެ.

އެގައުމުން އެކްސްޕޯޓް ކުރާ މުދަލުގެ 13.9 އިންސައްތަ މުދާ ފޮނުވަނީ އެމެރިކާއަށެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާއިރު ރާއްޖެއަށް މުދާ އެންމެ ގިނައިން އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ނުހިމެނެއެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ،ސިންގަޕޫރާއި، ޗައިނާއާއި އިންޑިއާ އަދި ސްރީ ލަންކާއިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް