ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 12:17
ފިނޭސްމިނިސްޓަރު މުނައްވަރު
ފިނޭސްމިނިސްޓަރު މުނައްވަރު
ޕީޕަލް މެގަޒިން
ބަޖެޓް
493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކޮށްފި
ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައި ވަނީ ސަރުކާރުން ހުށަހެޅިގޮތަށް އެއްވެސް ބަދަލެއް ނުގެނެސް
ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެ
ސިޔާސީ ހަލަބޮލިކަމާއެކު މިހާރުވެސް 500 މިލިއަން ޑޮލަރު ނުލިބިވޭ

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް، މަޖިލީހުން ފާސްކޮށްފިއެވެ. 

ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ބަޖެޓް ފާސްކުރީ 39 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސް ނުކުރުމަށް އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައި ނުވާއިރު އިދިކޮޅު ގިނަ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. 

ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވި ފިނޭންސް މިނިސްޓަރު ވަނީ ބަޖެޓް ކޮމެޓީއަށްވެސް ހާޒިރުވެވަޑައިގެން ރާއްޖޭގެ އިދްތިޞާދާ ގުޅޭގޮތުން ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ ހަމަ ނުޖެހުން ބޮޑުވުމާއި ގުޅިގެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ މަޝްރޫއުގެ ދަށުން 500 މިލިއަން ޑޮލަރު ދިނުމަށް އިންވެސްޓަރުން ފަސްޖެހެމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މުނައްވަރު ވިދާޅުވީ އެސްއީޒެޑްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ އޮއިވަރުގެ ސަބަބުން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ތަފާތު ގޮންޖެހުންތަކާ ދިމާވަމުންދާ ކަމަށް ވިދާޅުވިއެވެ  މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވަންޖެހޭ ކަމަށާއި ރާއްޖޭގެ ސިޔާސީ ކަންކަން ހަމަމަގަށް އެޅިގެން ނޫނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބުމަކީ ދަތިކަމެއް ކަމަށެވެ. 

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓްގައި ޚަރަދުގެ ގޮތުގައި ހިމަނާފައި ވަނީ ސިއްހީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ އާއި، ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާ އާއި ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާއެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ބޮޑުބައެއް މިއަހަރު ތެރޭގައި ލިބޭނެކަމަށް ނުފެންނާތީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށް ވެސް ސަޕްލިމެންޓަރީ ބަޖެޓްގައި ވަނީ ހުށަހަޅާފައެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން، ރެވެނިއު ސްޓޭމްޕް ގާނޫނު އިސްލާހުކުރަން ވެސް ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 20.8 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެކަމަށް މިހާރު ލަފާކޮށްފައި ވަނީ 22.5 ބިލިއަން ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް