ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 16:05
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅުއްވަނީ
ޕީޕަލް މެގަޒިން
ސަޕްލިމެންޓްރީ ބަޖެޓް
493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅި ގޮތަށް ބަޖެޓް ކޮމެޓީން ފާސްކޮށްފި
އިންވެސްޓަރުން އިންވެސްޓް ކުރުމަށް ޖެހިލުންވޭ
ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެ
ސިޔާސީ ހަލަބޮލިކަމާއެކު މިހާރުވެސް 500 މިލިއަން ޑޮލަރު ނުލިބިވޭ

ދައުލަތުގެ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުވާނެކަމަށް ލަފާކުރެވޭތީ، 2017 ވަނަ އަހަރުގެ ބަޖެޓަށް ޚަރަދު އިތުރުކޮށް، 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީން އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ.

ބަޖެޓް ދިރާސާ ކޮމެޓީން ސަޕްލިމެންޓްރީ ބަޖެޓް ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރި ނަމަވެސް އެބަޖެޓް ފާސްކުރަނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގެ އަޣްލަބިއްޔަތުންނެވެ. 

ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައި ދެއްވި ފިނޭންސް މިނިސްޓަރު ވަނީ ބަޖެޓް ކޮމެޓީއަށްވެސް ހާޒިރުވެވަޑައިގެން ރާއްޖޭގެ އިދްތިޞާދާ ގޫޅޭގޮތުން ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ ހަމަ ނުޖެހުން ބޮޑުވުމާއި ގުޅިގެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ މަޝްރޫއުގެ ދަށުން 500 މިލިއަން ޑޮލަރު ދިނުމަށް އިންވެސްޓަރުން ފަސްޖެހެމުންދާ ކަމަށެވެ.

މީގެއިތުރުން މުނައްވަރު ވިދާޅުވީ އެސްއީޒެޑްގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ އޮއިވަރުގެ ސަބަބުން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ތަފާތު ގޮންޖެހުންތަކާ ދިމާވަމުންދާ ކަމަށެވެ.  މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވަންޖެހޭ ކަމަށާއި ރާއްޖޭގެ ސިޔާސީ ކަންކަން ހަމަމަގަށް އެޅިގެން ނޫނީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބުމަކީ ދަތިކަމެއް ކަމަށެވެ. 

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވި ސަޕްލިމެންޓަރީ ބަޖެޓްގައި ޚަރަދުގެ ގޮތުގައި ހިމަނާފައި ވަނީ ސިއްހީ ދާއިރާއިން ދެމުން ގެންދާ ޚިދުމަތްތައް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި 330 މިލިއަން ރުފިޔާ، ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަންގެ ޚަރަދުތަކަށް ކަނޑައަޅާފައިވާ 26 މިލިއަން ރުފިޔާ، ކާޑެއްދޫ އެއާޕޯޓް ހިންގުމާ ސަރުކާރުން ހަވާލުވުމާ ގުޅިގެން ބޭނުންވާ 40 މިލިއަން ރުފިޔާ، ސްކޫލް ޑިޖިޓަލައިޒޭޝަން މަޝްރޫޢު ފެށުމަށް ބޭނުންވާ 47 މިލިއަން ރުފިޔާގެ އިތުރުން، އެހެނިހެން ޚަރަދުތަކަށް 50 މިލިއަން ރުފިޔާއެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި އެކު 2017 ވަނަ އަހަރުގެ ޖުމްލަ ބަޖެޓް 27.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ބޮޑުބައެއް މިއަހަރު ތެރޭގައި ލިބޭނެކަމަށް ނުފެންނާތީ، އާމްދަނީ އިތުރުކުރުމުގެ ގޮތުން 268 މިލިއަން ރުފިޔާ ހޯދުމަށްވެސް ސަޕްލިމެންޓަރީ ބަޖެޓްގައި ވަނީ ހުށަހަޅާފައެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން، ރެވެނިއު ސްޓޭމްޕް ގާނޫނު އިސްލާހުކުރަންވެސް ވަނީ ހުށަހަޅާފައެވެ.

މިއަހަރުގެ މިހާތަނަށް ލިބިފައިވާ އާމްދަނީއަށް ބަލައި، މިއަހަރުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް މިހާރު ލަފާކުރެވެނީ 20.8 ބިލިއަން ރުފިޔާއެވެ. އަދި ޚަރަދު ހިނގަމުންދާ މިންވަރަށް ބަލައި މިއަހަރުގެ ނިޔަލަށް ޖުމްލަ ޚަރަދުވާނެކަމަށް މިހާރު ލަފާކޮށްފައިވަނީ 22.5 ބިލިއަން ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް