ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 13:24
ނަދީމް މަރާލި ކަމުގެ ތުހުމަތު ކުރެވޭ މަފާޒް
ނަދީމް މަރާލި ކަމުގެ ތުހުމަތު ކުރެވޭ މަފާޒް
މުހައްމަދު ޝަރުހާން
ނަދީމުގެ މަރުގެ މައްސަލަ
ނަދީމް މަރާލިކަމުގެ ތުހުމަތު ކުރެވޭ ހަތަރު މީހުންނަށް ވަކީލުން އައްޔަން ކުރުމަށް 10 ދުވަސް ދީފި
މަފާޒްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އަންނާނީ މަރުގެ އަދަބު
ދެން ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އަންނާނީ ޖަލު ހުކުމެއް
ނަދީމް މަރާލާފައި ވަނީ ޖުލައި މަހުގެ ތެރޭގައި

ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމު އަބްދުއްރަހީމް (ނަޑޭ) 23، އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު މީހުންނަށް ވަކީލުން އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ޝަރީޢަތުން ދީފިއެވެ. 

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް މުހައްމަދު މަފާޒާއި ލ. ގަން ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމީނާއި ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ ހަތަރު މީހުން ވެސް ވަނީ ދައުވާ އަށް އިންކާރު ކޮށްފައެވެ. 

ނަދީމް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ މަފާޒްގެ މައްޗަށް މަރުގެ އަދަބު އަންނާނެ އެވެ. ހަމައެހެންމެ މަފާޒްގެ މައްޗަށް އެ ދައުވާ ސާބިތުނުވެ، އެކަމަކު އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މަފާޒަށް އަންނާނެ އެވެ.

މަފާޒް ފިޔަވައި ދައުވާ ލިބޭ ދެން ތިބި ތިން މީހުންގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. ދައުލަތުން ބުނީ އެ ތިން  މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުންނެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލާނެ އެވެ.

ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްދޭން ދައުލަތުން  އެދުނު ނަމަވެސް ގާޒީ މުހުތާޒް ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމޭނީ އޭނާ ބަންދުކުރަން ކުރިން ނެެރުނު އަމުރުތައް ލިބިގެން ކަމަށާއި އެހެންވެ  އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. ގާޒީ ކަރަމްގެ ބަންދުގެ މުއްދަތު އިތުރު ކުރަން އެހެން ދުވަހަކު އޭނާ ކޯޓަށް ގެނައުމަށެވެ. މި މައްސަލާގައި ދެން ދައުވާ ލިބޭ ތިން މީހުން ވެސް ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރު ކޮށްފައެވެ. 

މީގެ އިތރުން ނަދީމްގެ މަރާ ގުޅިގެން ކުޑަކުއްޖަކަށް ވެސް ދައުލަތުން ވަނީ ޖުވެނައިލް ކޯޓުގައި ދައުވާކޮށްފަ އެވެ.

ނަދީމަށް ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި ދެބަސްވުމުގެ ތެރެއިން ބަދަލު ހިފުމުގެ ގޮތުން ކަމަށް ފުލުހުން ވަނީ ބުނެފި އެވެ.

ނަދީމް މަރާލާފައި ވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާމިނަލް ކެފޭއަށް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ހަމަލާދީގެންނެވެ. ފުލުހުން ބުނެފައިވާ ގޮތުން ޓާމިނަލް ކެފޭގައި ނަދީމް ހުއްޓާ ހަމަލާދިނީ ކުރިން ރާވައިގެން ކަމަށެވެ. އަދި ޓާމިނަލް ކެފޭއަށް ދިޔަ މީހުންގެ ތެރެއިން ދެ މީހަކު އެ ކެފޭގެ މައްޗަށް އަރާ ނަދީމްގެ އިތުރުން އެހެން މީހަކަށް ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް