ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 13:33
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު: ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު: ޖަލްސާގައި އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި
ގޫގުލް
ރާއްޖޭގެ މާލިއްޔަތު
ވޯލްޑް ބޭންކް ލަދުގެންފި، އައިއެމްއެފް އުޅެނީ ރާއްޖެއިން ލޯނު ނުނަގައިގެން: ރިޔާޒް
އެމްޑީޕީގެ ވެރިކަމުގައި ލޯނު ލިބުނީ އެތިއެތިކޮޅުން: ރިޔާޒް
މިއަދު އުޅޭނީ ގަދަކަމުންވެސް އަޅުގަނޑުމެންގެ ބޮލުގަ ލޯނު އަޅުވަން: ރިޔާޒް
ރައީސް ޔާމީންގެ ދެ ދައުރު ނިމޭ އިރު ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން ވޯލްޑް ބޭންކް ލަދުގަންނަވާލައިފި ކަމަށާއި، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިއަދު އުޅެނީ ރާއްޖެއިން ލޯނެއް ނުނަގައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން މަޖިލިހުގައި ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަ  ދައްކަވަމުން ރިޔާޒް ވިދާޅުވީ، ރާއްޖެއިން މިހާރު ފޮނުވާ ކޮންމެ ޕްރޮޕޯޒަލަކަށް ވޯލްޑް ބޭންކާއި އައިއެމްއެފުން އާނބަސް ބުނަމުންދާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ މިއަދު މިފަދައިން ކަން އޮތް ނަމަވެސް، އެމްޑީޕީގެ ވެރިކަމުގައި 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅުމުން އައިއެމްއެފުން އެކަމާ ނުރުހުނު ކަމަށެވެ.

"100 މިލިއަން ޑޮލަރު، އެމްޑީޕީގެ ތިންއަހަރުގެ ވެރިކަމުގަ ނަގަން މާލިއްޔަތު ކޮމިޓިއަށް އެބޭފުޅުން (އައިއެމްއެފް) ވަޑައިގެން، އެބޭފުޅުންނަށް އޭރު ނަޝީދުގެ ވެރިކަމުގަ ކުރި ސުވާލެއްގެ ތެރޭގަ އެބޭފުޅުން ބުނީ ތިމަންނަ މެންނަށް މިހާރު މި ރާއްޖޭގަ މިހާރު މި ކަންތައްތައް ހުރި ގޮތަށް ބަލާއިރުގަ، އިޤްތިޞާދު މިހާރު މި ދާގޮތަށް ބަލާއިރުގަ، އެއްފަހަރާ މި ފައިސާ ދޭކަށް، ތިމަންނަމެނަކަށް، ތިމަންނަމެންގެ އުސޫލުތައް ތަނެއް ނުދެއޭ. އެހެންވީމަ 100 މިލިއަން ޑޮލަރު ތިމަންނަމެން ދޭނީ ބަހާލައިގެންނޭ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެފަހަރު ލޯން ދިނުމަށް އައިއެމްއެފުން އެއްބަސްވީ އެތިއެތިކޮޅުން ބަހާލައިގެން ކަމަށާއި، ނަމަވެސް މިއަދު ކަން އޮތީ އެހެން ނޫން ކަމަށެވެ. ރިޔާޒް ވިދާޅުވީ، ވޯލްޑް ބޭންކް ފަދަ މުއައްސަސާތައް ލަދުގެންފި ކަމަށާއި، ކުރިން ރާއްޖެއަށް ލޯނު ނުދޭން އުޅުނު އެފަދަ މުއައްސަސާތައް މިއަދު ރާއްޖެ އައިސްފި ނަމަ ރާއްޖެއިން ދާން ބޭނުން ނުވާ ކަމަށެވެ. 

"ވޯލްޑް ބޭންކް ތަންތަން ލަދުގަނެފިއޭ މިއަދު، ލަދުގަނެފި. މީ ދިވެހިރާއްޖެއަށް ލޯނު ނުދޭން ފުރައިގެން ދިޔަ މީހުންނޭ. ބަލަ މިއަދު މިތަނަށް އައިއްސިއްޔާ މިތަނުން ދާކަށް ބޭނުމެއް ނުވޭ. ލޯން ނަގާށޭ ބުނަނީ. އައިއެމްއެގް ލަދުގެންފިއޭ މިއަދު. (ލޯން) ނަގާށޭ މިއަދު ބުނަނީ. ގަދަކަމުން ވެސް އަޅުގަނޑުމެންގެ ބޮލުގަ އަޅުވަން އުޅެނީ ލޯނު"، ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ރާއްޖެއާ މެދު އެ މުއައްސަސާތަކުގެ ވިސްނުން ބަދަލުވެފައި ވަނީ، އެފަރާތްތަކުން ރާއްޖެއަށް ދޭ ކޮންމެ ލޯނަކީ ރަނގަޅު ބަދަލެއް އޮތް އެއްޗެއް ކަމާއި، އެއީ ރަނގަޅު އިންވެސްޓްމަންޓެއްކަން އެފަރާތްތަކަށް އެނގޭތީ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ ރިޔާސީ ދެ ދައުރު ނިމޭއިރު ރާއްޖެ ވެގެންދާނީ ދަރަނިވެރި ޤައުމަކަށް ނޫން ކަމަށާއި، ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި އޭރުން ރާއްޖެ ހިމެނޭނެ ކަމަށެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި 36 ބިލިއަން ރުފިޔާގައި ހުރިއިރު، މި އަހަރު ނިމޭއިރު މި އަދަދު 41 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ދައުލަތުގެ ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން މޫޑީޒް އިންވެސްޓަރ ސަވިސްއިން ރާއްޖެއާ ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓްގައިވާގޮތުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ދަރަނި، ޖީޑީޕީގެ 80 އިންސައްތައަށް އުފުލޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް