ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 07:05
ހަސަން ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
ހަސަން ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަހުމަދު މުހުސިނު
ފަލަ ސުރުޚީ
ވޯޓްލުން ހައްގުވާ މީހުންގެ 90 ޕަސެންޓް ވޯޓްލާފައިވޭ: ހަސަން ލަތީފް
ވޯޓުލުމުގެ ހައްގު ލިބޭ 1039 މީހުންްގެ ތެރެއިން 937 މީހަކު ވޯޓުލާފައިވޭ

ނިމިގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބެނީ 1039 މީހުންނަށް ކަމަށާއި އޭގެ ތެރެއިން 937 މީހަކު ވޯޓުލާފައިވާ އިރު އެއީ ވޯޓު ލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 90.18 ޕަސެންޓް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބުގައި ވޯޓުލީ ފަރާތްތައް މަދު ކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ދެއްކި ވާހަކައަށް ރައްދު ދެއްވަމުން ރާއްޖެ ޓީވީން އަންގާރަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ނިމިދިޔަ އިންތިޚާބަކީ އެތެރޭގެ އިންތިޚާބަކާ ބެހޭ މައުލޫމާތު ދޭން ޖެހޭ ވަރަށް ވުރެ ވެސް އިތުރަށް މައުލޫމާތު ދެވިގެން ބޭއްވި އިންތިޚާބެއް ކަމަށާއި އެފަދަ މަޤާމެއްގައި ތިއްބަވާ ބަޔަކަށް މައުލޫމާތު ނުލިބި ރޯފިލާފައި ނެތުމުގެ ސަބަބުން ދެއްކޭ އެފަދަ ވާހަކަތަކުގެ ސަބަބުން ވެއްޓެނީ އެބޭފުޅުންގެ އަގު ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބޭއްވި އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އިންތިޚާބު ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ ޕާޓީގެ ޢާއްމު މެންބަރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށާއި ނިމިދިޔ އިންތިޚާބަކީ އެމްޑީޕީ އުފެދިގެން ބޭއްވި ފުރަތަމަ އިންތިޚާބުގެ ފަހުން މިހާތަނަށް ބޭއްވި އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އިންތިޚާބު ކަމަށް ވެސް ހަސަން ވިދާޅުވިއެވެ. 

"އެމްޑީޕީ އުފެދުނީންސުރެ ފާއިތުވެދިޔަ އިންތިޚާބާ ހަމައަށް މިހާ ފޯރިގަދަ އިންތިޚާބެއް އަދި މިހާ ވާދަވެރި އިންތިޚާބެއް ބޭއްވިފައިވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އެއިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ފަރާތްތަކަކީ ކޮންގރެސްގައި ބައިވެރިވެވޭ ފަރާތްތަކަށް ވޯޓު ލެވޭ އިންތިޚާބެއް ކަމަށާއި އޭގެ ތެރޭގައި ގޮފިތަކުގެ ރައީސުން ހިމެނޭ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ކުރިން ހުރި ގޮފިތަކުގެ އިތުރުން އިތުރު ގޮފިތައް ހެދުމުގެ ފުރުސަތު އިންތިޚާބުގެ ކުރިން ހުޅުވާލާފައިވާ ކަމަށެވެ.

އެކަމަށް ހުޅުވާލި ފުރުސަތުގައި 400 އަށް ވުރެ ގިނަ އާ ގޮފިތައް ހަދާފައިވާ ކަމަށާއި އެއީ އަނެއްކާ ވެސް ސިޔާސީ ހަރަކާތައް އަދި  ސިޔާސީ މަސައްކަތައް އިތުރު އެތައް ބަޔަކު ނިކުތުން ކަމަށް ހަސަން ލަތީފް ފާހަގަ ކުރެއްވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް އޮމާންކޮށް އެތެރޭގެ އިންތިޚާބެއްގައި ފޯރި ހުންނަން ޖެހޭނެ ވަރަށް ހުރެގެން ކަމަށެވެ. އަދި މިއީ ކާމިޔާބު އިންތިޚާބެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އެހާ ވާދަވެރި އިންތިޚާބެއް ނިމި ގޮސްފައިވާއިރު އެއްވެސްވަރެއްގެ ލޮޅުމެއް ޕާޓީތެރެއަށް އައިސްފައިވޭތޯއޭ ދެންނެވުމުން ހަސަން ލަތީފް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި އިރާދަ ކުރެއްވީތީ އިންތިޚާބު ބޭއްވުނީ ވަރަށް މުހިއްމު ދަނޑިވަޅެއްގައި ކަމަށެވެ. އަދި އިންތިޚާބުގައި ހޮވިވަޑައިގެންނެވި ބޭފުޅުންނާއި މިފަހަރު ކަން ދިމާވި ގޮތުން ހޮވިވަޑައި ނުގެންނެވި ބޭފުޅުންނާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން ވަރަށް ބާރަށް ކުރިއަށް ދާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް