ރާއްޖޭގެ ރަށްރަށް މިހާރު ރައީސް ޔާމިނަށް ވަޑައިގެންނެވެނީ ކޯޓް އަމުރެއް އޮވެގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރާއްޖެޓީވީން ގެނެސްދިން ލައިވް ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އަމީތު ވަނީ ރައީސް ޔާމިން މަޑުއްވަރީއަށް ވަޑައިގެންނެވުމުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަމީތު ވިދާޅުވީ ރައީސް ޔާމިން މީގެ ކުރިން މަޑުއްވަރީއަށް ވަޑައިގެންނެވީ 1 ސެޕްޓެމްބަރ 2015 ގައި ކަމަށާއި ރައްޔިތުން އެމަނިކުފާނާއި އެރަށު ސްކޫލުގައި ބައްދަލުކުރުމަށް އެދުމުންވެސް ރައީސް ޔާމިން ބަނދަރު މަތީގައި ޓެންޓް ޖައްސަވައިގެން ޖަލްސާ ބާއްވާ ނިންމަވާ ލެއްވީ ކަމަށެވެ.
މިއަދު ރައީސް ޔާމިން މަޑުއްވަރީއަށް ވަޑައިގަތުމުން ފެނިގެން ދިޔައީ ރައީސް ޔާމިނަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން ބޭނުން ނުވި މަންޒަރު ކަމަށް އަމީތު ވިދާޅުވިއެވެ..
އެގޮތުން މަޑުއްވަރީގައި ދަމާފައިހުރި ބެނާތައް ފުލުހުން ނެގި އިރު ހުތުރު ބަހުން ލިޔެފައި ހުރި އެއްވެސް ބެނަރއެއް ނެތް ކަމަށާއި ރައީސް ޔާމިންގެ ނަންފުޅު ހިމަނައިގެން ދަމާފައި ހުރި ބެނަރއެއް ވެސް ނެތް ކަމަށް އެރަށުގައި ހަރަކާތްތެރިވާ ރާއްޖެޓީވީގެ ރިޕޯޓަރު މައުލޫމާތުދީފައިވެއެވެ.
މިކަމާއި ގުޅިގެން އަމީތު ވިދާޅުވީ "އަނިޔާވެރިއެއް ބޭނުމެއް ނޫން" ކަމަށް ބުނެ ދަމާފަހުރި ބެނާއެއް ފުލުހުން ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ބެނާރގައި ރައީސް ޔާމިންގެ ނަންފުޅު ނެތް އިރު އެ ބެނަރ ނެގުމުން ރައީސް ޔާމިން އެކަމަށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންނެވީ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުމަށް ފަހު މަޑުއްވަރީއަށް އަރާވަޑައިގެންނެވި ނަމަވެސް މަޑުއްވަރީ ރައްޔިތުން ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ދެކޮޅު ހަދާނެ ކަމަށް އަމީތު ވިދާޅުވިއެވެ. އަދި ރައީސް ޔާމިނަކީ އަނިޔާވެރިއެކޭ ބުނާ އަޑު އަހަން އެމަނިކުފާނަށް އެހާ ފަސޭހަފުޅު ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޤާނޫނު އަސާސީން ރައްޔިތުންނަށް ދީފައި އޮތް އެންމެ ބޮޑު ހައްޤަކީ ޙިޔާލުފާޅު ކުރުމުގެ މިނިވަންކަން ކަމަށްވާއިރު ރައްޔިތުންގެ ހިތުގައި އުފެދޭ ޝުއޫރުތައް ވެރިންނާއި ހަމައަށް ގެނެސްދޭން އޮތް ހަމައެކަނި ވަސީލަތަކީ ޝުއޫރުފާޅު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މަޑުއްވަރީ ކޯޓުން ނެރުނު އަމުރަކީ އެރަށުގެ ރައްޔިތުންނަށް ހިޔާލުފާޅުކުރުމަށް ހުރަސް އެޅި އަމުރަކަށްވާއިރު، ރައީސް ޔާމިނަށް މަޑުއްވަރީން ފެނިވަޑައިގަންނަވާނީ އެންމެ ކުލައެއް ނޫން ކަމަށާއި މިކަމުންވެސް އެމަނިކުފާނަށް މެސެޖެއް ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގައި މަޑުއްވަރީގައި އަޅަން ނިންމި 50 ފްލެޓަށް ވީ ގޮތެއް ނޭނގޭއިރު، މަޑުއްވަރީގެ ރައްޔިތުންނަށް ފެނުގެ ހިދުމަތް ބޭނުންވާ ކަމަށާއި އެމަސައްކަތް ނުފެށި އޮތުމުން ރައީސްއާއި ދެކޮޅަށް ވާހަކައެއް ދެއްކުމުގެ ހައްޤެއް ރައްޔިތުންނަށް ނެތް ކަމަށް އަމީތު ވިދާޅުވިއެވެ. އަދި ރައީސް ޔާމިން އަކީ އަމިއްލަފުޅަށް ވިސްނިވަޑައިގެން ރަށްރަށް ތަރައްޤީ ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވަމުން، ރަށްރަށް ތަރައްޤީ ކުރެވެނީ ކޮންމެވެސް މީހަކު އެމަނިކުފާނަށް އަޅުދާސްތު ވެގެން ކަމަށް އަމީތު ވިދާޅުވިއެވެ. އެހެން ނޫންނަމަ މިއަދު ރައީސް ޔާމިން މަޑުއްވަރީގެ ބަނދަރުގެ މަސައްކަތްވެސް ފައްޓަވައިދެއްވީސް ކަމަށް ވިދާޅުވިއެވެ.
މިއަދު ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ އަތުގައި ބިޑި އެޅުވުމަށް ކަމަށް ވިދާޅުވިއެވެ.