ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރ. އަތޮޅު މަޑުއްވަރީއަށް ވަޑައިގެންނެވުމާއި ދިމާކޮށް ދަމާފައިވާ ބެނާތައް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ނަގައިފިއެވެ.
އިދިކޮޅު ފަރާތްތަކުން އެ ރަށުގައި ދަމާފައިވާ ބެނާތައް ނެގުމަށް މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ރަށުގައި ދަމާފައިހުރި ބެނާތަކާއި ދިދަތަކާއި އަޑުގަދަކުރާ އަދި ސްޕީކަރުތައް ނެގުމަށް ހުއްދަ ދީފަ އެވެ. މަޑުއްވަރީ ކޯޓުން މިއަމުރު ނެރުނީ ފުލުހުން އެފަދަ އަމުރަކަށް އެދުމުންނެވެ.
އެގޮތަށް އަމުރު ނެރެފައިވަނީ ރައީސްގެ ދަތުރުފުޅާ ގުޅިގެން އެކި ސަރަހައްދުތަކުގައި އެއްވެ އަޑުގަދަކޮށް އަމަން ނަގާލަން ރާވަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށާއި އަދި، އާންމު ތަންތަނުގައި ހުރި ބެނާތަކުގައި ހަޑިހުތުރު އިބާރާތްތަކެއް ހުރުމުން ކަމަށް ވެސް މިއަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަމުރު ނެރެފައިވަނީ 72 ގަޑިއިރަށެވެ. އަދި ހެއްކެއްގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވަނީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތުގެ ރިޕޯޓެވެ.
އެހެންކަމުން އެރަށުގެ އެކި ސަރައްހައްދުތަކުގައި ދަމާފައިވާ ބެނާތައް ފުލުހުން މިހާރުވަނީ ނަގާފައެވެ. މި ބެނާތަކުގައި ވަނީ ސަރުކާރުން އެރަށަށް ކޮށްދޭން ވައުދުވި ކަންތައްތައް ކޮބައިތޯ ބުނެ ސުވާލު ކޮށްފައެވެ. ފުުލުހުން ވަނީ އިދިކޮޅު ފަރާތްތަކަށް ނުވަދެވޭނެހެން ބަނދަރު ސަރަހައްދު ބަންދުކޮށްފައެވެ.
ރައީސް ޔާމިން ވަޑައިގެންނެވި ވަގުތު އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރާއި ދެކޮޅަށް ލިޔުންތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނިކުމެ ޝުއޫރު ފާޅުކޮށްފައެވެ. ރައީސް ޔާމީން އެ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ޒިޔާރަތުގައި މަޑުއްވަރީއަށް ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަންނަވާނީ މީދޫ އަދި ފައިނަށް ކަމަށެވެ.