ތުރުކީއަށް ފުރިހަމަ މެމްބަރުކަން ދިނުމަކީ ޔޫރަޕިއަން ޔޫނިއަންގެ ދިގުދެމިގެން ގޮސްފައިވާ މައްސަލަތަކަށް އޮތް ހައްލުކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން ވިދާޅުވެއްޖެއެވެ.
އީޔޫ ނުވަތަ ވިލާތުގެ އިއްތިހާދު ބްލޮކްގެ މެމްބަރަކަށް ވުމަށް 1987 ގައި ހުށަހެޅި ތުރުކީ އެ ޖަމާއަތަށް ވެއްދުމުގެ ވާހަކަތައް އީޔޫއާއެކު ފެށުނީ 2005 ގައެވެ. ނަމަވެސް ގުޅުުމަށް އައިސްފައި އޮތް ނުތަނަވަސްކަމާއެކު މަޝްވަރާތައް އޮތީ މަޑުޖެހިފައެވެ.
"ތުރުކީއާ ނުލައި ޔޫރަޕަށް ކުރިމަތިވާނީ އެކަނިވެރިކަން، ނުތަނަވަސްކަން އަދި ރައްޔިތުންގެ ނުރުހުން.ތުރުކީއަކުން ޔޫރަޕަށް ބޭނުމެއް ނުވޭ .ޔޫރަޕުން ތުރުކީ އަށްވަނީ ބޭނުންވެފައި" ވެރިރަށް އަންކާރާގައި ހޯމަ ދުވަހު ބޭއްވި އިވެންޓެއްގައި އޮރްދޮޣާން ވިދާޅުވިއެވެ.
މި ފަހުން ޔޫރަޕްގައި ބޭއްވި އިންތިޚާބުތަކުގައި ކަނާތުފިޔައިގެ ހަރުކަށި ފިކުރު ތަކުގެ ޕާޓީތަކުން އިންތިޚާބުތައް ކާމިޔާބު ކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އޮރްދޮޣާންވަނީ އެއްގައުމުގެ މީހުން އަނެއްގައުމެއްގެ މީހުންނަށް ނަފްރަތު ކުރުމުގެ ފިކުރާއި ނާޒީންގެ ފިކުރު ކުރިއަރުވާ ޕާޓީތައް ޔޫރަޕްގައި ވަރުގަދަ ވަމުން އަންނަ ކަމަށެވެ
"ޔޫރަޕުން އެމީހުންގެ އަމިއްލަ އުސޫލުތައް އަމިއްލަ އަތުން މުގުރާލީމަ މުސްތަގްބަލް އަނދިރިވާނެ"
އޮރްދޮޣާން މިހެންވިދާޅުވެފައި މިވަނީ އީޔޫއާ ތުރުކީއާދެމެދު ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށެވެ.
ޔޫރަޕްގެ އޮފިޝަލުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ތުރުކީއިން ތުހުމަތުކުރާއިރު ތުރުކީގައި ޑިމޮކްރަސީއާ އިންސާނީ ހައްގުތައް ދަށަށްދާ ކަމަށް ވިދާޅުވެ އީޔޫގެ ސީޔާސީ ބޭފުޅުން ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާ ދެމުންނެވެ.
ޖަރުމަނުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި ޓީވީ މެދުވެރިކޮށް ގެނެސްދިން ބަހުސެއްގައި ޖަރުމަނުގެ ޗާންސެލަރ އަންގެލާ މާކެލް ވިދާޅުވީ ތުރުކީ އީޔޫގެ މެމްބަރަކަށް ވެގެން ނުވާނެ ކަމަށެވެ.
އޮރުދޮޣާން ވަނީ އީޔޫގެ މެމްބަރުން މި މައްސަލައިގައި އާއްމު ވިސްނުމުން ވިސްނުމަށް ގޮވާލައްވާފައެވެ.
ތުރުކީއާ އީޔޫއެކުގައި މައްސަލަތައްވެސް ހުރިއިރު އޭގެތެރޭގައި ރެފިއުޖީންގެ މައްސަލައާއި ސަލާމަތީ ކަންތައްތަކާއި، ސީރިޔާ ހަނގުރާމަ ހިމެނެއެވެ.