ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 17:12
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ބޮޑު ނުކުރައްވާނެ ކަމަށް ވިދާޅުވި ޓެކްސް ބޮޑުކުރެއްވި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ބޮޑު ނުކުރައްވާނެ ކަމަށް ވިދާޅުވި ޓެކްސް ބޮޑުކުރެއްވި
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
ޓެކުހަށް ވެސް ދޮގު
ރައީސް ވިދާޅުވީ ޓެކްސް އެއް ބޮޑު ނުކުރައްވާނެ ކަމަށެވެ. ދެން ޓީޖީ އެސްޓީއާއި ގްރީން ޓެކުހާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖާ، އަދި ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކޮށް، ގްރީން ޓެކްސް 50 ޕަސެންޓް ބޮޑު ކޮށްގެން މިކުރަނީ ކީއްހެއްޔެވެ؟
ޚަބަރުގެ އޯޑިއޯ

"އަޅުގަނޑު ދެންނެވީ ޓެކްސް ބޭސް ފުޅާ ކުރަން އުޅޭ ވާހަކައެވެ. ޓީޖީއެސްޓީ އިތުރު ކުރަން އުޅޭ ވާހަކަ އެވެ. ނުހެދި ހުރި ރަށްރަށަށް ފަންޑު ހޯދަން އުޅޭ ވާހަކަ އެވެ. އިތުރު އިންވެސްޓަރުން ހޯދައިގެން ޓީޖީއެސްޓީ އިތުރު ކުރަން އުޅޭ ވާހަކަ އެވެ. އެކަމަކު ނޫސްތަކުގައި އާއި ސޯޝިއަލް މީޑިއާގައި ލިޔުނީ އަޅުގަނޑު އިތުރު ޓެކުހެއް ނަގަން އުޅޭ ވާހަކަ އެވެ. ޓެކްސް ބޮޑުކުރަން އުޅޭ ވާހަކަ އެވެ. އެމީހުން ހެދީ ދޮގެވެ." ރައީސް މުއިއްޒު ވިދާޅުވިއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ދޮގުހަދާ މީހުންނަށް ހީވާނީ އެހެން މީހުންވެސް ދޮގުހަދާނެ ހެން ނޫންތޯއެވެ. މިއީ އަޅުގަނޑު ދެއްކި ވާހަކަ އެއް ނޫނެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅެކެވެ. އެރި އިރާއެކު ހަބަރު ލިބުނީ ގާނޫނުތަކަކަށް ބަދަލު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ވާހަކަ އެވެ. ކޮން ގާނޫނުތަކަކަށްތޯ ބަލާލި އިރު އެއީ ޓެކުހާ ބެހޭ ގާނޫނުތަކެވެ. ބޮޑު ކުރަން އުޅޭނީ ކޯއްޗެއްތޯ ބަލާލި އިރު ފެނުނީ ނޫސްތަކުގައި އާއި ސޯޝަލް މީޑިއާގައި ބޮޑު ކުރަން އެބަ އުޅޭއޭ ކިޔައިގެން ދޮގު ހެދި ކަމަށް ރައީސް ވިދާޅުވި ޓީޖީ އެސްޓީއާއި ގްރީން ޓެކުހެވެ. އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖެވެ. ޓީޖީއެސްޓީ 17 ޕަސެންޓަށް މައްޗަށް ޖައްސަނީއެވެ. އުޅުއްވަނީ ގްރީން ޓެކްސް 100 ޕަސެންޓް ބޮޑުކުރާށެވެ.

މިހާ ހިސާބުން ސުވާލު އުފެދުނީ ބޮޑު ކުރަން ހުށަހެޅި ޓެކްސްތަކާ މެދުގައި އެއް ނޫނެވެ. ރައީސް ދެއްކެވި ވާހަކަފުޅާ މެދުގައެވެ. ދޮގު ހަދާ މީހުންނަށް ހީވާނީ އެހެން މީހުން ވެސް ދޮގުހަދާނެ ކަމަށް ކަމަށޭ ވިދާޅުވެ ރައީސް ދެއްކެވި ވާހަކަފުޅާ މެދުގައެވެ. އިތުރު ޓެކުހެއް ނުނަންގަވާނެ ކަމަށާއި ޓެކުހެއް ބޮޑު ވެސް ނުކުރައްވާނެ ކަމަށާއި، ބޮޑު ކުރައްވަން އުޅުއްވަނީ ޓެކުހުގެ ބޭސް ކަމަށް ވިދާޅުވެ ކޯފާވެ ހުންނަވައިގެން ދެއްކެވި ވާހަކަފުޅާ މެދުގައެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނުކުރައްވާނެ ކަމަށް ސާފުކޮށް ވިދާޅުވިއެއްޗެއް އޮޅުވާލައިގެން ދޮގު ހަދައިގެން ބަޔަކު ވާހަކަ ދެއްކީމާ ރައީސް ކޯފާ ވާން ހައްގު ނޫންތޯއެވެ. އެކަމަކު މިހާ ހިސާބުން ރައްޔިތުންގެ ހިތުގައި އުފެދޭނެ ސުވާލަކީ މިތަނުން ދޮގު ހެދީ ކާކުކަން ނޭނގިގެން އުފެދޭ ސުވާލެވެ. ދޮގު ހެއްދެވީ ރައީސްތޯއެވެ. ދޮގު ހެދީ ރައީސްގެ ވާހަކަ ރިޕޯޓްކުރި ނޫސްތަކާ މީސްމީޑިއާތޯއެވެ. އެހެން މީހުންވެސް ދޮގުހަދާނެއޭ މިތަނުން ހީވީ ކާކަށްތޯއެވެ. 

މި ސުވާލުތަކުގެ ޖަވާބު ހޯދާލާކަށް ދައްޗެއް ނުވިއެވެ. ރައީސް ވިދާޅުވީ އާ ޓެކުހެއް ނުނަންގަވާނެ ކަމަށާއި، ޓެކްސް އެއް ބޮޑު ނުކުރައްވާނެ ކަމަށެވެ. ރިޕޯޓް ކުރި މީހުން ލިޔުނީ ރައީސް ޓެކްސް ބޮޑުކުރައްވަން އުޅެނީ ކަމަށެވެ. ރައީސް ވިދާޅުވީ ރިޕޯޓް ކުރި މީހުން ހެދީ ދޮގުކަމަށެވެ. ރައީސް ދެއްކެވި ވާހަކަ އޮޅުވާލީ ކަމަށެވެ. ރިޕޯޓް ކުރާ މީހުން ބުނީ ޓެކްސް ބޮޑުކުރަން މިއަދު ސަރުކާރުން ހުށަހަޅައިފި ކަމަށެވެ. ކަން އޮތީ މިހެން ކަމަށްވާނަމަ އިތުރުފުޅު ހެއްދެވުނީ އަދި އެހެން މީހުން ދޮގު ހަދާނެ ކަމަށް ހީފުޅު ކުރެވުނީ ރައީސަށް ނޫން ދެން އެހެން ކާކަށްތޯއެވެ. 

ދެން އޮތީ ބޮޑު ކުރައްވާ ޓެކުހުގެ ވާހަކަ އެވެ. އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކުން 500 ޑޮލަރު ބޭންކަށް މާރުކުރަން ލާޒިމް ކުރީ މިމަހުގެ ކުރީކޮޅުއެވެ. އަންނަ ޖެނުއަރީ އެކަކުން ފެށިގެން ގްރީން ޓެކްސް އިތުރަށް ބޮޑު ކުރަން ނިންމެވިއެވެ. ޓީޖީއެސްޓީ މައްޗަށް ޖައްސަނީއެވެ. ފައިސާ ހޯދާނެ އައު ގޮތެއް ނުހޯއްދެވި ހިލޭ އެހީއެއް ދޭނެ އެކުވެރި ގައުމެއް ނުހޯއްދެވި އަނެއްކާވެސް ކިރު ފެއްލަވަން އިށީންނެވީ ހަމަ އަބަދުވެސް ފެލަމުން އައި ބަކަރިންނެވެ. ބަކަރިން ކިރު ހުސްވެ އާއްމުކޮށް ފެލާގޮތަށް ނުފެލޭ ހިސާބަށް ދިއުމުން މިފަހަރު އިށީންނެވީ އޮބި ހިއްޕަވައިގެންނެވެ. މީހުން ބުނަނީ ދެން އެ އުޅުއްވަނީ އޮބި އަޅުއްވާށެވެ. ފަތުރުވެރިކަމުގެ އިންޑަސްޓްރީ ހަލާކު ކޮށްލާށެވެ. މީހުން ބުނާ ގޮތުން ރައީސަށް ކަންކަން އެގިވަޑައިނުގަންނަވަނީ ކަމަށް ވެދާނެއެވެ. ނުވަތަ ބަޔަކު ރައީސަށް އަވާމެންދުރެއް ދެއްކެވީ ކަމަށްވެސް ވެދާނެއެވެ. އެމްޑީޕީ ސަރުކާރު ބަދަލުވުމާއެކު ޗައިނާ ކަހަލަ ބޮޑެތި ގައުމުތަކުން ބޭނުންވަރަކަށް ފައިސާ ދޭނެ ކަމަށް ރައީސް އަރިހުގައި ބަޔަކު ބުނީ ކަމަށް ވެދާނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކޮށް އުޅުއްވާނެ ގަނޑުވަރާ ދަތުރުފަތުރު ކުރައްވާނެ އުޅަނދުފަހަރާ ހަށިފާރަވެރިންނާ ދިރިއުޅުމުގެ ހުރިހާ ޚަރަދަކާ ބޮޑު މުސާރަ އާއި ހިމާޔަތާ ރައްކާތެރިކަމާ ދީފާ ބަހައްޓަނީ ބަޔަކު ދަމާހާ ގުއި ރޯނެއްގައި ޖެހިވަޑައިގަންނަވަންތޯއެވެ. ބަޔަކު ދައްކާހާ އަވާމެންދުރަކަށް ހެއްލިވަޑައިގަންނަވަންތޯއެވެ. މީހަކު ބުނާހާ އެއްޗެއް ގަބޫލުކޮށްގެން އަމިއްލަ ބުއްދި ބޭނުން ނުކުރައްވާ ހިތައް އެރިހާ ވާހަކައެއް ދައްކަވަންތޯއެވެ. ގައުމު ބަނޑަށްޖެހި އިގްތިސާދު ހަލާކުވެ ރަންބިސްއަޅާ ކުކުޅު މަރުވެ ކިރުފެލަން ގެންގުޅުނު ބަކަރި ހަނާވެދާއިރުވެސް ކަންކަން ރަނގަޅު ކުރައްވާނެ ގޮތެއް ނުހޯއްދަވާ ހުންނަވަންތޯއެވެ. އަދި މިއިން ކަމަކާ މީހަކު ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު ނޫހެއްގައި އެއްޗެއް ޖަހާ ކޮންމެ ފަހަރަކު ޓީވީ އަކުން ރިޕޯޓެއް ގެންނަ ކޮންމެ ފަހަރަކު ކަލޭމެން ތިހަދަނީ ދޮގޭ ކަންކަން އޮޅުވާލަނީއޭ ކިޔައިގެން ވިދާޅުވެ، އެބަޔަކަށް އެއްޗެހި ވިދާޅުވުމަކުން ބޮޑު ނުކުރައްވާނެ ކަމަށް ވިދާޅުވި ޓެކްސް ބޮޑު ކުރައްވަން ހުށަހަ ނާޅުއްވާ ކަމަށް ވާނެ ތޯއެވެ. އަނެއްކާވެސް ވައުދުފުޅަކާ ޚިލާފުވެވަޑައިނުގެންނެވޭ ކަމަށް ވާނެތޯއެވެ.

ރައީސް ވިދާޅުވީ ރަނގަޅަށެވެ. ދޮގު ހަދާ މީހުންނަށް ހީވާނީ އެހެން މީހުންވެސް ހަދަނީ ދޮގު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް