ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 02:43
ފުއާދު ތަޢުފީޤު: 4 ޕާޓީގެ ލީޑަރުން އެދިލައްވައިފިނަމަ ވެރިކަމަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި
ރިޔާސީ އިންތިހާބު 2018
ޤައުމަށްޓަކާ ވެރިކަމަށް ކުރިމަތިލުމަށް ތައްޔާރު: ފުއާދު ތަޢުފީޤް
ޤައުމަށްޓަކާ ކުރަންޖެހުނު ކޮންމެ ޚިދުމަތެއް ކުރަން ތައްޔާރު
އެއްވެސް ބޭފުޅަކު ކެނޑިޑެސީއާ މެދު އަދި މަޝްވަރާއެއް ނުކުރޭ
އިންތިގާލީ ކެންޑިޑޭޓަކީ ފުއާދު ކަމަށް ނިހާން ވެސް ވިދާޅުވެފައިވޭ

ހަތަރު ޕާޓީގެ ސިޔާސީ ލީޑަރުން އެދިލައްވައިފިނަމަ، ޤައުމަށްޓަކައި، ރިޔާސީ އިންތިޚާބަށް ނުކުންނަވަން ތައްޔާރަށް ހުންނެވިކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ފުއާދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އެދިވަޑައިގެންފި ނަމަ، ޤައުމަށްޓަކއި، އެފަދަ މަޝްވަރާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އަދި މަޝްވަރާ ކުރެވޭ ކަންތައްތަކާއި މެދު ވިސްނެވުމަށްފަހު ޤައުމަށް ޚިދުމަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ފުއާދު ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވެފައިވާ ފަދައިން، އިދިކޮޅު އެއް ކެނޑިޑޭޓަކު ރިޔާސީ އިންތިޚާބަށް ނެރުމަކީ، ޤައުމުގެ ހާލަތު މިވަގުތު އޮތްގޮތުން އެންމެ ރަނގަޅު ގޮތްކަމަށް ދެކިލައްވާ ކަމަށެވެ.

ފުއާދު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓެއްގެ ގޮތުގައި ފުއާދު ކަނޑައެޅުމަށް ތާއީދުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފުއާދަށް ތައުރީފު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިދިކޮޅު ފަރާތްތަކުން ގާއިމުކުރާ އިންތިގާލީ ސަރުކާރުގެ ރައީސްއަކަށް ވާނީ ފުވާދު ކަމަށް އަޑު ފެތުރި ބައެއް މީޑިއާތަކުން ވެސް އެހެން ބުނެފައި ވަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށް ހުކުމެއް ކުރުމާ ގުޅިގެން ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ފުއާދު މިފދައިން ވިދާޅުވުމުގެ ކުރިން، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ފުއާދު ކުރެއްވި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްވެސް ޓްވީޓްތައް ކޮށްފައެވެ.

ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވެސް ވަނީ އިދިކޮޅުން ނެރޭ ކެނޑިޑޭޓަކީ ފުއާދުކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ. އެގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ "މުހައްމަދު ނަޝީދާއި އަހުމަދު މަހްލޫފް އެމްއޯޔޫގެ ނަމުގައި ބެންބޫ ހަދައިގެން ނެރޭ 2018ގެ އިންތިގާލީ ކެނޑިޑޭޓަކީ ފުއާދު ތައުފީގް" ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މެދު ގެންގުޅޭ ވިސްނުން ހާމަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އެއްކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް މިހާރު ވެސް ފެށިފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ވެސް އެއް ކެނޑިޑޭޓަކު ނެރޭ ނަމަ އެކަން ކުރާނީ ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވި ޕާޓީތަކުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ފުރަތަމަ އެއް ކެނޑިޑޭޓަކު ނެރުން ރަނގަޅު ކަމަށް ނުފެނު ނަމަވެސް ދެވަނަ ބުރުގައި ނުކުންނާނީ ޕާޓީތަކުން ތާއީދު ކުރާ ކެނޑިޑޭޓެއް ކަމަށާއި އެންމެން ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

މަހްލޫފް ވިދާޅުވީ އެއްކެނޑިޑޭޓަކު ނެރޭނަމަ ނެރޭނީ މާބޮޑަށް ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި އެންމެންނަށް މަޤްބޫލް ބޭފުޅެއް ކަމަށެވެ. އަދި އެބޭފުޅަކު ރައީސް ޔާމީން ބޮޑުތަނުން ބަލިކުރައްވާނެ ކަމަށާއި ދެ ލައްކަ ވޯޓު އެއިންތިޚާބުގައި ނަގާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 10:53
ނާސިހާ
އިދިކޮޅުން ކޮންމެ މީހަކު ނެރުނަސް މަގޭ ވޯޓު ލިބޭނެ. އަހަންނަށް މުހިންމީ ގައުމު. ކޮން ޔާމީނެއް
24 އޮކްޓޯބަރ 2017 | އަންގާރަ 10:48
ތައުފީޤްބެއްޔަ
މިކަމަކީ އަޅުގަނޑުވެސް ތާއީދު ކުރާ ކަމެއް. ނަމަވެސް ރައީސް މައުމޫން އެއްޗެއް ވިދާޅުވުން މުހިއްމު.