ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 00:39
އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް
ފާތިމަތު ޝަނާ މުހައްމަދު
ހަރުގެ ޖަލްސާ
މެޑަމް ބަހާ ސިޓީ އުރައަކަށް އައްޑޫ ރައްޔިތުން ނުވިކޭނެ: ރޮޒައިނާ އާދަމް
އައްޑޫ ރައްޔިތުންގެ ހާލަތު މެޑަމް އަކަށް ނޭނގޭނެ
މަގު ހެދުމުގެ މަސައްކަތް އަދިވެސް ދައްކަނީ ފަށާ ވާހަކަ
އައްޑޫ ސިޓީގައި އޮތީ އެމްޑީޕީގެ ތާއީދު

މެޑަމް ބަހާ ސިޓީ އުރައަކަށް އައްޑޫ ރައްޔިތުން ނުވިކޭނެކަމަށް އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

 އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ރޮޒައިނާ ވިދާޅުވީ، އައްޑޫ ސިޓީއަށް މެޑަމް ފާތިމަތު އިބްރާހިމް ކުރެއްވި ދަތުރުފުޅަކީ، "އަލަވަލު ހާޖީގެ ހައްޖު ދަތުރު" ފަދަ ދަތުރެއް ކަމަށެވެ.

"އަލަވަލު ހާޖީވެސް ހައްޖަށް ދިއުމަށް ކަމަށްބުރެ ފުރައިގެން ދެވުނީ ފުވައްމުލަކަށް. އަނބުރާ ރަށަށް ދިއުމުން އެތަނުން ފެނުނީ ކޮން އެއްޗެއްތޯ މީހުން އެހުމުން އެތަނަކީ ވަރަށް އަލަ ގަސް ގިނަ ތަނެއް ކަމަށްބުނި. މެޑަމް އަށްވެސް ވީ ހަމަ އެވަރު. މެޑަމްއަށް ނަސީބަކުން އައްޑޫއަށް ލައްވާލި. އެހެން ނަމަވެސް މެޑަމްގެ ހާލު އަލަވަލު ހާޖީއަށް ވުރެ ބޮޑު. މެޑަމްއަށް އައްޑޫ ރައްޔިތުންގެ ހަގީގީ ހާލަތު އެއްގޮތަކަށްވެސް ނޭނގުނު" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އައްޑޫގައި ޖަލްސާތައް ބާއްވާފައި، މިނިސްޓަރުން އަރާ އައްޑޫ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ފަދަ ވެރިއެއްކަމަށް ވިދާޅުވި ނަމަވެސް، އައްޑޫގެ ރައްޔިތުން ތިބީ މިއަދު ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ. އައްޑޫ ސިޓީ އިން ދުވާލަކު ހަ ފަހަރު ކަރަންޓް ކެނޑޭ އިރު ފެނުގެ ހިދުމަތުން ބޮޑު އަގެއް ނަގަމުންދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މިހާލަތުގައި އޮތްއިރު ރައީސް ޔާމީން ފަދަ ވެރިއަކު އައްޑޫ ރައްޔިތުން ބޭނުންވާނެތޯ ރޮޒައިނާ ވަނީ ސުވާލު އުފައްދާފައެވެ.

" މެޑަމް ދާއިރަށް މަގުތަކުގައި ފަސްކޮޅެއް އަޅާ، ރައީސް ޔާމީން ކެމްޕެއިން އަންނަ އިރަށް މަގު ހެދޭނެއޭ ބުންޏަސް ރައީސް ނަޝީދުގެ ސަރުކާރުން ފެށިގެން އައްޑޫގެ މަގު ހެދުމަށް ބޭނުންވާ ހުރިހާ ސާމާނަކާ އެކު އެހެރީ މަސައްކަތް ހުއްޓިފައި. ތަކެތި ހުރެމެ މަސައްކަތް ނުކުރެވިގެން އުޅެނީ. އަދިވެސް މިދެއްކެނީ ފައްޓާ ވާހަކަ" ރޮޒައިނާ ވިދާޅުވިއެވެ.

ފައިސާ ދީގެން، މަޖުބޫރު ކޮށްގެން އައްޑޫ ސިޓީގެ ރައްޔިތުން ޖަލްސާތަކަށް ގެންގޮސްފައި، އެ މަންޒަރު ފެނުމުން ހީބިހި އަރައިގެންދާ ކަމަށް ސަރުކާރުގެ ވެރިން ވިދާޅުވާއިރު ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ނަތީޖާއިން ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނުގެ ފަރާތްތަކުގެ ގައިން ހީބިހި ނެގިތޯ ރޮޒައިނާ ވަނީ އެފަރާތްތަކާ ސުވާލު ކުރައްވާފައެވެ.

ރައްޔިތުންގެ ފައިސާ ބޭނުންކުރުމަށްފަހު ބާކީވާ ބައިން ރައްޔިތުންނަށް ސިޓީ އުރަތައް ބަހަމުން ދިޔަ ނަމަވެސް ރައްޔިތުން ނުވިކޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރޮޒައިނާ ވަނީ މެޑަމްގެ ދަތުރުގައި ދަތުރުކުރި ހުރިހާ ފަރާތްތަކެއްގެ ޓިކެޓް އަދި އެހެނިހެން ހަރަދުތައް ކޮށްފައިވަނީ ސަރުކާރުގެ ފައިސާއިންތޯ ބަލައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފައިސާގެ މުއާމަލާތްތައް ހިނގާފައިވާގޮތް ބެލުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް