ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 20:41
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގް: ގިނަ ބަޔަކު ގަދަރުކުރާ ބޭފުޅެއް
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގް: ގިނަ ބަޔަކު ގަދަރުކުރާ ބޭފުޅެއް
އަޒުމޫން އަހުމަދު
ފުވާދު ތައުފީގް
އެއްވެސް ބޭފުޅަކު ކެނޑިޑެސީއާ މެދު އަޅުގަނޑާ މަޝްވަރާއެއް ނުކުރައްވާ: ފުވާދު
އެއްބަޔަކު ބުނަނީ ފުވާދަކީ އިޚްލާސްތެރިއެއް ކަމަށާއި އިތުބާރު ކުރެވޭ ކަމަށް
އިންތިގާލީ ކެންޑިޑޭޓަކީ ފުވާދު ކަމަށް ނިހާން ވެސް ވިދާޅުވެފައިވޭ
ފުވާދު ވަނީ އޭނާއަށް ކުރާ ތައުރީފް ތަކަށް ޝުކުރު ދަންނަވާފައި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކެނޑިޑެސީއާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ބޭފުޅަކު މަޝްވަރާ ކުރައްވާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ފުވާދު ތައުފީގް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓެއްގެ ގޮތުގައި ފުވާދު ހެދުމަށް ތާއީދުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފުވާދަށް ތައުރީފް ކުރަމުން ދަނިކޮށެވެ. އަދި އިދިކޮޅު ފަރާތްތަކުން ގާއިމުކުރާ އިންތިގާލީ ސަރުކާރުގެ ރައީސްއަކަށް ވާނީ ފުވާދު ކަމަށް އަޑު ފެތުރި ބައެއް މީޑިއާތަކުން ވެސް އެހެން ބުނެފައި ވަނިކޮށެވެ.

ފުވާދުގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ އެއްވެސް ބޭފުޅަކު ކެނޑިޑެސީއާ މެދު މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި އެކި ބޭފުޅުން ފުވާދަށް ފާޅުކުރެއްވި ޝުޢޫރުތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން ވަކިކޮށް ހުކުމެއް ކުރުމާ ގުޅިގެން ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ފުވާދު މިފދައިން ޓްވީޓް ކުރެއްވުމުގެ ކުރިން، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ފުވާދު ކުރެއްވި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް ޓްވީޓްތައް ކޮށްފައެވެ.

އެކަކު ބުނެފައިވަނީ ފުވާދު ތައުފީގް 2018 އަށް އެއްވެސް ޝައްކެތް ނެތް ކަމަށެވެ. އަދި މިއީ ޖޯކަކަށް ވަންޏާ މިހާރު ހުރި ރައީސް އެއީ މިއާ ނުބައްދަލުވާވަރުގެ "ޖޯކަރެއް" ކަމަށް ބުނެފައި ވެއެވެ. 

 

އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުވާދަކީ އިޚްލާސްތެރިއެއް ކަމަށެވެ. އަދި އިންތިގާލީ ރައީސަކަށް އެންމެ ކަމުދަނީ ފުވާދު ތައުފީގް ކަމަށް ވެސް ޓްވީޓްތަކުގައި ބުނެފައި ވެއެވެ.

ފުވާދަށް ވަރަށް ބޮޑަށް އިތުބާރު ކުރެވޭ ކަމަށް އެއްބަޔަކު ބުނެފައިވާއިރު އަނެއް ބަޔަކު ބުނެފައިވަނީ ފުވާދަށް ވޯޓު ދޭނެ ކަމަށެވެ.

މި ޓްވީޓްތަކާއި ގުޅިގެން ފުވާދު ވަނީ ފުވާދަށް ތައުރީފްކޮށް ސޯޝަލް މީޑިއާގައި ބުނަމުންދިޔަ ހެޔޮ ބަސްތަކަށް ޝުކުރު ވެސް އަދާކުރައްވާފައެވެ. 

ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވެސް ވަނީ އިދިކޮޅުން ނެރޭ ކެނޑިޑޭޓަކީ ފުވާދު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައެވެ. އެގޮތުން ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ "މުހައްމަދު ނަޝީދާއި އަހުމަދު މަހްލޫފް އެމްއޯޔޫގެ ނަމުގައި ބެންބޫ ހަދައިގެން ނެރޭ 2018ގެ އިންތިގާލީ ކެނޑިޑޭޓަކީ ފުވާދު ތައުފީގް" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުން އެއްކެނޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް މިހާރު ވެސް ފެށިފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ވެސް އެއް ކެނޑިޑޭޓަކު ނެރޭ ނަމަ އެކަން ކުރާނީ ވެސް ވަރަށް ބޮޑަށް މަޝްވަރާ ކުރެވި ޕާޓީތަކުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ފުރަތަމަ އެއް ކެނޑިޑޭޓަކު ނެރުން ރަނގަޅު ކަމަށް ނުފެނު ނަމަވެސް ދެވަނަ ބުރުގައި ނުކުންނާނީ ޕާޓީތަކުން ތާއީދު ކުރާ ކެނޑިޑޭޓެއް ކަމަށާއި އެންމެން ތިބޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

މަހްލޫފް ވިދާޅުވީ އެއްކެނޑިޑޭޓަކު ނެރޭނަމަ ނެރޭނީ މާބޮޑަށް ސިޔާސީ ބޭފުޅެއް ނޫން ކަމަށާއި އެންމެންނަށް މަޤްބޫލް ބޭފުޅެއް ކަމަށެވެ. އަދި އެބޭފުޅަކު ރައީސް ޔާމީން ބޮޑުތަނުން ބަލިކުރައްވާނެ ކަމަށާއި ދެ ލައްކަ ވޯޓު އެއިންތިޚާބުގައި ނަގާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 00:55
ހުރަލި
ހެހެހެހެ......ހުދުކޮތަޅެއް ފުރާ ހުރި ހުދު ފުޅިކޮޅެއްހާ ސާފުމީހެކޭ ބުނެވޭނީ...... ސާބަހޭ ފުވާދޫ