ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 00:47
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ފަޒީން
ސަޕްލިމެންޓަރީ ބަޖެޓް
ސަޕްލިމެޓްރީ ބަޖެޓް: ފޮނުވާފައިވަނީ 493 މިލިއަން ރުފިޔާ، މައިގަނޑު ގޮތެއްގައި ކަނޑައަޅާފައިވަނީ އެންސްޕާއަށާއި ބައި-އިލެކްޝަން ތަކަށް!
މިއީ މިފަހަކުން މަޖިލީހަށް ހުށަހެޅި ފުރަތަމަ ސަޕްލިމެންޓްރީ ބަޖެޓް
ސަޕްލިމެންޓްރީ ބަޖެޓްގައި މައިގަނޑު ގޮތެއްގައި ފައިސާ ކަނޑައަޅަފައިވަނީ އެންސްޕާއަށާއި ބައި-އިލެކްޝަންތަކަށް
ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ބޭނުންވަނީ ވޯޓްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣްލަބިއްޔަތު

އަހަރު ނިމެން ދެ މަސްދުވަހަށް ވާން ކައިރިވެފައިވަނިކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއްކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ޕަލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިންމަނިކު ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގެ މައިގަނޑު ބޮޑުބައެއް ކަނޑައަޅާފައި ވަނީ އެންސްޕާއަށް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަންތައް ބޭއްވުމަށްވެސް ސަޕްލިމެންޓްރީ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ނިހާނު ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހަށް މިހާރު ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓަކީ ކިހާ އަދަދެއްގެ ބަޖެޓެއްކަން ނިހާނު ވިދާޅެއް ނުވެއެވެެ. 

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެންސްޕާއަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައި ވަނީ 731 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ގާތްގަނޑަކަށް ނިމުނުއިރު، ލަފާކުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެއް، އެންސްޕާ އާއި އާސަންދައަށް ހޭދަވެފައިވާ ކަމަށް ނިހާނު ވިދާޅުވިއެވެ.

ނިހާނު ވިދާޅުވީ އެންސްޕާ އާއި އާސަންދައަށް ބަޖެޓް މުހިންމުވީ، ރައްޔިތުންގެ ބޭސްފަރުވާގެ އެއްވެސް ކަމެއް ލަސްވާން ސަރުކާރުން ބޭނުން ނުވާތީ ކަމަށެވެ.  އެގޮތުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކަށް ފައިސާ ނުލިބިއްޖެ ނަމަ، އާސަންދައިން މިދިޔަ އަހަރާއި މި އަހަރުގެ ބައެއް ބިލްތަކަށް ވެސް ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ނިހާނު ވިދާޅުވިއެވެ.

އާސަންދައިން ބުނެފައިވާ ގޮތުގައި އެތަނަށް ކަނޑައެޅި ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރާއްޖޭގެ ފާމަސީތަކާއި ބޭރުގެ ހޮސްޕިޓްލަތަކަށެވެ.

އަންގަރާ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓްގެ ފުރަތަމަ ކިޔުން އިއްވުމަށް އެޖެންޑަ ކޮށްފައިވާއިރު، ހަމަ އަންގާރަ ދުވަހު އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، ސަޕްލިމެންޓްރީ ބަޖެޓަށް މެމްބަރުން ވާހަކަ ދެއްކުމުގެ ވަގުތު ކަނޑައެޅުމަށް ވަނީ އެކޮމެޓީގެ ބައްދަލުވުމަށް އެޖެންޑަ ކޮށްފައެވެ. 

ސަޕްލިމެންޓްރީ ބަޖެޓް ފާސް ކުރުމަށް ބޭނުންވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން، ވޯޓް ދެއްވާ މެމްބަރުންގެ އަޣްލަބިއްޔަތެވެ. 

މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިންނަވާ ޖަލްސާތަކުގައި ބައިވެރިވެ، ވޯޓުގައި ވެސް ބައިވެރި ނުވާނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ގެންދަވާތީ، އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ފާސް ވުމަކީ އެކަށިގެންވާ ކަމެކެވެ.

މަޖިލީހުގެ މެޖޯރިޓީއަށްވުރެވެސް ގިނަ މެމްބަރުން ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް އެމައްސަލަ ވައްދާފައެވެ. ނަމަވެސް އެމައްސަލައަށް ވޯޓަށް އެހުމެއްނެތި މަސީހު ގެންދަވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ޖަލްސާތައްވެސް ބާއްވަމުންނެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނިކޮށް، މަސީހު ރިޔާސަތުގައި އިންނާވާ ބޭއްވި ޖަލްސާތަކުން ނިންމާފައިވާ ނިންމުންތައް ބާތިލް ކުރާނެ ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް