ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ގައުމުގައި ހަަލަބޮލިކަން އިތުރުވެފައިވާއިރު، ސިޔާސީ ފަރާތްތަކާއި އަދި ފުލުހުން ގައުމުގެ ކަންކަން ހައްލު ކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލު ކުރުުމަށް އެފްރިކަން ޔޫނިއަން އާއި އދ. އިން ކެންޔާ އަށް ގޮވާލައިފިއެވެ.
އެފްރިކަން ޔޫނިއަން އާއި އ. އިން އާދީއްތަ ދުވަހު ރޭގަނޑު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ހުރިހާ ސިޔާސީ ލިޑަރުން ސުލްހަ އިސްކުރަން ޖެހޭނެ ކަމަށާއި އަލުން ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރެއިން ކަމަށެވެ. ބަޔާނުގައި ބުނީ އދ. އާއި އީޔޫ އިން ކެންޔާގައި ހާލަތު ވަރަށް ގާތުން ބަލަމުން ދާނެ ކަމަށެވެ.
މިއަންނަ އޮކްޓޯބަރު 26 ވާ ބުރާސްފަތި ދުވަހު ކެންޔާގައި އަލުން އިންތިޚާބެއް ބާއްވާއިރު ދާދިފަހުން އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުގެ ކޮމިޝަނާއެއް ކަމަށްވާ ރޮޒެލީން އެކޮމްބޭ ވަނީ އިތުބާރު ކުރެވޭ ފަދަ ދެފުށް ފެންނަ ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ވިދާޅުވި އިސްތިއުފާ ދެއްވާފައެވެ.
ކެންޔާގެ ރިޔާސީ ރޭހުން އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވަކިވެވަޑައިގެންފައެވެ. ކެންޔާގެ ރިޔާސީ އިންތިޚާބު އޮކްޓޯބަރު މަހުގެ ތެރޭގައި އަލުން ބޭއްވުމަށް ތާވަލް ކޮށްފައިވަނިކޮށް، އިންތިޚާބުގައި ބައިވެރިވެވަޑައިނުގަތުމަށް އިދިކޮޅު ކެނޑިޑޭޓް ރައިލާ އޮޑިންގާ ނިންމެވީ، އެގައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ވޯޓުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތަކަށް ވަގުތު ދިނުމާއި، އެންމެންނަށް ވެސް ބަލައިގަނެވޭނެ ފަދަ އިންތިޚާބެއް ބޭއްވުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.
ކެންޔާގައި 2017 ވަނަ އަހަރު އޯގަސްޓް މަހު ބޭއްވި ރިޔާސީ އިންތިޚާބު އެގައުމުގެ ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާއިރު އެ ނިންމުން ސްޕްރީމް ކޯޓުން ނިންމީ އިންތިޚާބުގައި ނަހަމަ ކަންކަން ހިނގާފައި ވާތީ ކަމަށް ބުނެއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވީ އެޤައުމުގެ ވެރިކަމުގައި ހުންނަވި އުހުރު ކެންޔައްޓާ އެވެ.
އޮޑިންގާ އިންތިޚާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު އޭނާ އިތުރަށް ވިދާޅުވީ 26 އޮކްޓޯބަރު ގައި ބާއްވަން ތާވަލު ކޮށްފައިވާ އިންތިޚާބު، ކުރިން ބާއްވައިފައިވާ އިންތިޚާބަށް ވުރެ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކެންޔާގެ އިންތިޚާބާ ދިމާކޮށް އިންތިޚާބާ ބެހޭ ގާނޫނަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާއިރު ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ގާނޫނު ހަދާ މަޖިލިސް ބޯއިކޮޓް ކުރާނެ ކަމަށެވެ.