ސިންގަޕޫރުގައި ކުރިޔަށްދާ ޑަބްލިއުޓީއޭ ފައިނަލްސްގައި ގާބައިން މުގުރުޒާ އާއި ކެރޮލައިން ޕްލިސްކޯވާ ކުޅުނު މެޗުތަކުން އެ ދެ ކުޅުންތެރިން ވެސް މޮޅުވެއްޖެއެވެ.
ޑަބްލިއުޓީއޭ ޓެނިސް ރޭންކިންގެ ގަދަ އަށެއްގައި ހިމެނޭ ކުޅުންތެރިންގެ މެދުގައި ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ފައިނަލްސް މުބާރާތުގައި މިވަގުތު ދުނިޔޭގެ ރޭންކިންގެ ތިންވަނައިގައި އޮތް ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާ ވަނީ ސީދާ ދެ ސެޓުން އެމެރިކާގެ ވީނަސް ވިލިއަމްސް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޕްލިސްކޯވާ ގެންގޮސްފައި ވަނީ 6-2 އަދި 6-2 އަކުންނެވެ.
މިއަހަރުގެ ވިމްބެލްޑަން މުބާރާތް ކާމިޔާބުކުރި ސްޕެއިންގެ ގާބައިން މުގުރްޒާ ވަނީ ފްރެންޗް އޯޕަން މިއަހަރު ކާމިޔާބުކުރި ލެޓްވިއާގެ ޖެލޭނާ އޮސްޓަޕެންކޯ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް މުގުރްޒާ ގެންގޮސްފައި ވަނީ 6-3 އަދި 6-4 އަކުންނެވެ. މި އަހަރު ތިން ހަފްތާ ވަންދެން ދުނިޔޭގެ ރޭންކިންގެ އެއްވަނަ ހިފެހެއްޓި މުގުރްޒާ މިވަގުތު އޮތީ އެއްވަނައިގައި ރޭންކް ކުރެވިފައި އޮތް ރޯމޭނިއާގެ ސައިމޯނާ ހޭލެޕްއަށް ވުރެ 40 ޕޮއިންޓް މަދުން ލިބި ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައެވެ.
މި މުބާރާތް ކުރިޔަށް ދަނީ އަށް ކުޅުންތެރިން ދެ ގްރޫޕަކަށް ބަހާލައިގެން ރައުންޑް ރޮބިން ފޯމެޓަށެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި ވެސް ހަތަރު ކުޅުންތެރިން ހިމެނޭއިރު ސެމީ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ކުޅުންތެރިންނަށެވެ. ޕްލިސްކޯވާ އަތުން ބަލިވި ވީނަސްއަކީ މި އަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ. އޭނާ ވަނީ 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގެ ފުރަތަމަ ގްރޫޕުގައި ހިމެނެނީ ރޯމޭނިއާގެ ސައިމޯނާ ހޭލެޕް އާއި ޔޫކްރެއިންގެ އެލީނާ ސްވިޓްލޯނާއާ ޑެންމާކުގެ ކެރޮލައިން ވޮޒްނިއާކީގެ އިތުރުން ފްރާންސްގެ ކެރޮލައިން ގާސިއާއެވެ. ދެވަނަ ގްރޫޕުގައި ހިމެނެނީ ސްޕެއިންގެ ގާބައިން މުގުރްޒާއާ ޗެކް ރިޕަބްލިކްގެ ކެރޮލައިން ޕްލިސްކޯވާއާ ލެޓްވިއާގެ ޖެލޭނާ އޮސްޓަޕެންކޯގެ އިތުރުން އެމެރިކާގެ ވީނަސް ވިލިއަމްސްއެވެ.