ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 12:54
އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކު، ދަރިފުޅު މަރާލި ކަމަށް އިއުތިރާފުވެފައި
އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކު، ދަރިފުޅު މަރާލި ކަމަށް އިއުތިރާފުވެފައި
މުހައްމަދު ޝަރުހާން
އިބްތިހާލްގެ މަރު
އިބްތިހާލް މަރާލީ އާފިޔާގެ އަމިއްލަ އިޚްތިޔާރުގައި، ސައިކޯޓިކް ޑިސްއޯޑާއެއް ނެތް: ނަފްސާނީ ބަލިތަކުގެ ތަޖުރިބާކާރު
ޑިޕްރެޝަނާއި އެންޒައިޓީ ހުރި ނަމަވެސް، ސައިކޯޓިކް ޑިސްއޯޑާއެއް ނެތް
އިބްތިހާލް މަރާލި ގޮތް ބުދެއް ބޭނުންކޮށްގެން އާފިޔާ ލައްވާ ކުޅުވި
ދޮންބައްޕައާ މެދު ރުޅިވެރިކަން އިންތިހާއަށް، ރުޅި ކޮންޓްރޯލް ނުކުރެވޭ

އާފިޔާ މުހައްމަދު މަނިކު، އޭނާގެ ދަރިފުޅު މުހައްމަދު އިބްތިހާލް މަރާލީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އާފިޔާގެ ސައިކޯޓިކް ޑިސްއޯޑާއެއް ނެތް ކަމަށް ނަފްސާނީ ބަލިތަކުގެ ތަޖުރިބާކާރެއް ކޯޓުގައި ހެކިބަސް ދީފި އެވެ.

ވ. ރަކީދޫގައި 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު އިބްތިހާލް މަރާލި މައްސަލައާ ގުޅިގެން މަންމަ، އާފިޔާގެ މައްޗަށް ދައުލަތުން ވަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފަ އެވެ. އާފިޔާ ވަނީ އެ ކުށަށް އިއުތިރާފު ވެސް ވެފަ އެވެ.

އާފިޔާގެ މައްޗަށް ހިންގާ ޝަރީއަތް މެދުކެނޑިފައި އޮންނަތާ 8 މަސް ފަހުން ހޯމަ ދުވަހު ބޭއްވި އަޑުއެހުން ފައްޓަވަމުން ގާޒީ މުހުތާޒް ފަހުމީ ވިދާޅުވީ އަޑުއެހުން މެދުކަނޑާލަން ޖެހުނީ ދައުލަތުން ހުށަހަޅާފައިވާ ހެއްކެއް ރާއްޖެއިން ބޭރުގައި އުޅޭތީ ޝަރީއަތަށް ހާޒިރުވެ ހެކިބަސް ދެވޭގޮތް ނުވުމުން ކަމަށެވެ.

ނަފްސާނީ ބަލިތަކުގެ ތަޖުރިބާކާރެއްގެ ގޮތުގައި ހެކި ބަސް ދެއްވީ ޑރ. އާއިޝަތު އަލީ ނާޒް އެވެ. އާފިޔާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ހެދި ރިޕޯޓް ތައްޔާރުކުރެއްވީ ޑރ. ނާޒް އެވެ.

ހެކި ބަސް ދެއްވަމުން ޑރ. ނާޒް ވިދާޅުވީ އާފިޔާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް އިންޓަވިއު ކުރެވުނު ކަމަށާއި އަދި ޓެސްޓްތަކެއް ހެއްދުނު ކަމަށެވެ. ނާޒް ވިދާޅުވި ގޮތުގައި އާފިޔާގެ ނަފްސާނީ ބައްޔެއް ހުރިތޯ ދެނެގަތުމަށް މުޅި ޖުމްލަ 11 ޓެސްޓެއް ހެއްދި އެވެ.

އެގޮތުން ފުލުހުންގެ ބޭނުމަށް 2015 ވަނަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އާފިޔާގެ ނަފްސާނީ އަދި ޖިސްމާނީ ހާލަތު ދެނެގަތުމަށް ރިޕޯޓެއް ހެދި އެވެ. އަދި 13 މެއި 2015 ގައާއި 6 ޖުލައި 2015 ގައި ޑިޕްރެޝަން ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ހެއްދި އެވެ. 

ޑރ. ނާޒް ވިދާޅުވީ ޑިޕްރެޝަނުގެ ކަޓް އޮފް ލެވަލް އަކީ 20 ކަމަށާއި އެހެން ނަމަވެސް، އާފިޔާގެ އެ ލެވަލް ހުރީ 38 ގައި ކަމަށެވެ. އަދި އެންޒައިޓީ ލެވަލް ވެސް ވަރަށް މަތީ ދަރަޖައަކަށް ހުރިކަން ފާހަގަކުރެއްވުނު ކަމަށެވެ. އެހެންކަމުން އާފިޔާ ވަރަށް ބޮޑަށް ޑިޕްރެޝަނަށް ގޮސްފައިވާކަން ހާމަވާ ކަމަށް ނާޒް ވިދާޅުވި އެވެ.

ނާޒް ވިދާޅުވި ގޮތުގައި އިބްތިހާލް މަރާލި ހާދިސާއަށް ފަހު މީހުންނާ ކުރިމަތިލާން އާފިޔާ ބިރުގަންނަ ކަމަށާއި އަދި ކަންކަމާ ހާސްވާކަން ވެސް ފާހަގަކުރެވުނު ކަމަށެވެ. އަދި އެހެން މީހުންނާ އެކީގައި އުޅުމުގެ ވިސްނުމެއް ވެސް އާފިޔާގެ ނެތް ކަމަށް ވިދާޅުވި އެވެ. އާފިޔާއަށް ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވާ ނާޒް ވިދާޅުވީ ދޮންބައްޕައާ މެދު ދެކޮޅު ވެރި ޚިޔާލު އާފިޔާ ގެންގުޅޭ ކަމަށެވެ. 

އާފިޔާ އަކީ ރުޅިގަދަ މީހެއް ކަމާއި އާފިޔާއަށް ރުޅި ކޮންޓްރޯލް ނުކުރެވޭކަމާއި ރުޅި އަމަލުން ދެއްކުމުގެ ބައި ބޮޑުކަން ނާޒް ފާހަގަކުރެއްވި އެވެ. ނާޒް ވިދާޅުވީ ރުޅީގެ ކަޓް އޮފް ލެވަލް އަކީ 80 ކަމަށާއި ނަމަވެސް އާފިޔާގެ އެ ލެވަލް ހުރީ 113 ގައި ކަމަށެވެ. 

އާފިޔާގެ ޑިޕްރެޝަނާއި އެންޒައިޓީ ހުރި ނަމަވެސް، ހެއްދި އެއްވެސް ޓެސްޓަކުން ސައިކޯޓިކް ޑިސްއޯޑާއެއް ހުރިކަން ފާހަގަކުރެވިފައިނުވާ ކަމަށް ނާޒް ވިދާޅުވި އެވެ. ނާޒް ވިދާޅުވީ އާންމުކޮށް މީހުން މަރާ މީހުންނަކީ އެއްވެސް އަޑެއް ނީވެނީސް، މީހަކު މަރާލުމަށް ބާރު އަޅާ އަޑެއް އިވުނު ކަމަށް ހީކޮށް ގޮސް މީހުން މަރާ މީހުން ކަމަށެވެ.

އެެހެންނަމަވެސް، އާފިޔާގެ އެފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި އިބްތިހާލް މަރާލީ އަމިއްލަ އިޚްތިޔާރުގައި އެ ކުރެވެނީ ކޮން ކަމެއްކަން އެނގިހުރެ ކަމަށެވެ.

ނާޒްގެ ވާހަކަތަކާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުންތޯ އާފިޔާއާ ގާޒީ ސުވާލު ކުރެއްވުމުން، ކުޑަކޮށް ބޯ ހޫރާލުމަށް ފަހު ބުނީ "ނޫން" ކަމަށެވެ. ދިފާއީ ވަކީލެއް ބޭނުންނުވާ ކަމަށް އާފިޔާ ބުނެފައި ވާތީ، މައްސަލަ ކުރިއަށް ގެންދަނީ އާފިޔާ އަމިއްލަ އަށެވެ.

އިތުރު ކަމެއް ފާހަގަކޮށްލަން ބޭނުންތޯ ޑރ. ނާޒްއާ ގާޒީ ސުވާލު ކުރެއްވުމުން، ނާޒް ވިދާޅުވީ އާފިޔާގެ އެސެސްމެންޓް ހެދިއިރު އިބްތިހާލް މަރާލި ހާދިސާ ބުދެއް ބޭނުން ކޮށްގެން އަލުން ކުޅުވި ކަމަށެވެ. އިބްތިހާލްގެ ހަށިގަނޑުގައި ޖެހި ތަންތަނާއި ކަންތައް ކުރި ގޮތް އާފިޔާ ދެއްކި ކަމަށް ވިދާޅުވި އެވެ.

ރޯލްޕެލޭ ސެޝަން އަށް ފަހު އާފިޔާ ވަރަށް ގަދައަށް ރުއިކަން ފާހަގަކޮށް ނާޒް ވިދާޅުވީ މުޖުތައުމުގައި ދިރިއުޅޭ ރުޅި ކޮންޓްރޯލް ނުކުރެވޭ އެހެން މީހުންނަށް އެހީތެރިވެދިނުމަށް އާފިޔާ އެދުނު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް