ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 10:57
މަޖިލީހުގެ ރިޔާސަތާއި އިދާރީ މުވައްޒަފުން ހިމެނޭ ސަރަހައްދުގެ ކުރީގެ ފޮޓޯއެއް
މަޖިލީހުގެ ރިޔާސަތާއި އިދާރީ މުވައްޒަފުން ހިމެނޭ ސަރަހައްދުގެ ކުރީގެ ފޮޓޯއެއް
މަޖިލިސް
މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ބޮޑު ކުރި ކަމަށްބުނެ ދިން ސިޓީތައްވެސް އަތުލައިފި
މުސާރަ ވެސް ބޮޑެއްނުވި، ދިން ސިޓީތައްވެސް އަތުލައިފި
މުސާރަ ބޮޑުކުރަން ފިނޭންސް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފަ
1000ރ އާއި 5000ރ ދެމެދުގެ މިންވަރެއް ބޮޑުކުރުމަށް ނިންމި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގިނަ މުވައްޒަފުންތަކެއްގެ މަގާމު މަތިކޮށް، މުސާރަ ބޮޑު ކުރިމަށް ބުނެ އެ މުވައްޒަފުންނަށް މަޖިލީހުގެ އިދާރާއިން ދިން ސިޓީތައް އަތުލައިފި އެވެ.

"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މަގާމާއި މުސާރަ ބޮޑު ކުރިމަށް ބުނެ މަޖިލީހުގެ އިދާރާއިން ދީފައިވާ ސިޓީތައް އަނބުރާ އަތުލާފައި ވަނީ އެކިއެކި ގޮންޖެހުންތަކާ ހެދި މުސާރަ ބޮޑުކުރެވެން ނެތިގެންނެވެ. 

މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިންމެވި ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އެކަން ކުރިޔަ ނުދީ ހިފަހައްޓާފަ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ 131 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީ، މި ދިޔަ ސެޕްޓެމްބަރު މަހުގެ މުސާރަ ބޮޑުވާނެ ކަން އެންގިތާ މާ ގިނަ ދުވަސްތަކެއް ނުވެ، މަޖިލީހުގެ މުވައްޒަފުންނަށް ބޮޑު ކުރި މުސާރަ ނުދޭން ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހުގެ އިދާރާ އަށް އަންގައި ބޮޑު ކުރި މުސާރަ ހިފަހައްޓައިފަ އެވެ. ފިނޭންސް މިނިސްޓްރީ އަންގާފައިވަނީ މުވައްޒަފުންނަށް މިހާރުވެސް ދެމުންދާ މުސާރަ ދިނުމަށް ކަމަށް އެނގިފައި އެވެ.

މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމިއިރު، ގިނަ މުވައްޒަފުންތަކަށް މަގާމުގެ ކުރިއެރުން ވެސް ވަނީ ދީފަ އެވެ. އަދި މުވައްޒަފުންނަށް  1000 ރުފިޔާއާއި 5000 ރުފިޔާ އާދެމެދުގެ މިންވަރަކަށް މުސާރައިގެ ކުރިއެރުން ދިނުމަށް ނިންމާފައި ވެއެވެ. 

މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވަނިކޮށް، އެމައްސަލައަށް ވޯޓަށް އެހުމެއް ނެތި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވޯޓަށް އެހުމެއް ނެތި، މަސީހު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ ގިނަ އަދަދެއްގެ ސިފައިން ޖަލްސާ ކުރާ މާލަމަށް ވައްދައިގެންނެވެ. 

މީގެއިތުރުން މަޖިލީހުގެ ޖަލްސާތަކުގެ ހަމަނުޖެހުން ބޮޑުވުމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ވަނީ މަސީހު އިންނަވާ ރިޔާސަތުގެ މޭޒުކޮޅާއި އިދާރީ މުވައްޒަފުން ތިއްބަވާ މޭޒުކޮޅުތައް ހިމެނޭ ސަރަހައްދު ވަށައިގެން ފަސް ފޫޓެއްހާ އުސްމިނުގައި "ލަކުޑިން ކޮށިގަނޑެއް" ޖަހާފަ އެވެ.

މަޖިލީހުގެ އިދާރާގައި ހިނގާ މިފަދަ ކަންކަމުގެ މައުލޫމާތު އެ އިދާރާއިން ހާމަކުރުމަށް ދެކޮޅު ހަދާއިރު، މިކަންކަމާއި ގުޅޭގޮތުން މަޖިލީހުގެ އިދާރާގެ އިސްވެރިއެއްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް