ޖަޕާނުގައި އާދީއްތަ ދުވަހު ބޭއްވި އަވަސް އިންތިޚާބުގައި މިހާރުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ކާމިޔާބީ އިއުލާނުކުރި އަޑު އެއްސެވުމަށް ފަހު އަބޭ ވިދާޅުވީ އުތުރު ކޮރެއާގެ ފަރާތުން އޮތް ބިރުވެރިކަމާ ސާބިތުކަމާއެކު ކުރިމަތިލައްވާނެ ކަމަށެވެ.
ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެންއެޗްކޭ އިން އިއުލާނު ކޮށްފައިވާގޮތުން އަބޭގެ ލިބަރަލް ޑެމްކޮރެޓިކް ޕާޓީ(އެލްޑީޕީ) ކޯލިޝަނުން ވަނީ 312 ގޮނޑި ކަށަވަރު ކޮށްފައެވެ. މިއާއެކު ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތު، ނުވަތަ ސުޕަ މެޖޯރިޓީގައި އެ ޕާޓީއަށް ދެމި އޮވެވޭނެއެވެ.
މިއީ ދެވަނަ ބޮޑުހަނގުރާމައިގެ ކުރިން ފެށިގެން އަމަލު ކުރަމުން އަންނަ އެގައުމުގެ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.
ވަކިން ޚާއްސަކޮށް އަބޭ ބޭނުންފުޅު ކަންކަމުގެ ތެރޭގައި ޖަޕާނުގެ ސެލްފް ޑިފެންސް ފޯސް ، ގައުމީ އަސްކަރިއްޔާއަށް ބަދަލުކުރެއްވުން ހިމެނެއެވެ.މިއީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު މިގޮތަށް ބަދަލު ކުރެވޭ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ބާރުގެ ދަށުގައި އޮވެ 1947 ވަނަ އަހަރު އުފެއްދި ގާނޫނު އަސާސީގެ 9 ވަނަ މާއްދާ ބުނާގޮތުން ޖަޕާނުގެ ފައުޖުތަކަކީ ދިފާއީ ބާރުތަކެކެވެ. ނަމަވެސް އެކަން ބަދަލު ކުރެއްވުމަށް ބޮޑުވަޒީރު އަބޭ ބޭނުންފުޅުވާކަން ހާމަ ކުރައްވާފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ.
އަބޭ ވަނީ އެކަން ކުރެއްވުމަށްޓަކައި ވީހާވެސް ގިނަބައެއްގެ ތާއީދު ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.
އާދީއްތަ ދުވަހު އަބޭ ވިދާޅުވީ "އިންތިޚާބުގައި އަޅުގަނޑު ވައުދުވީ ފަދައިން އަޅުގަނޑުގެ ފުރަތަމަ ޓާސްކަކީ އުތުރުކޮރެއާގެ މައްސަލައާ ކުރިމަތިލުން" ކަމަށެވެ.
ޖަޕާނަށް މިވަގުތު ކުރިމަތިވަމުންދާ ކަންކަމަށް ކުރިމަތިލެއްވުމަށްޓަކައި އަވަސް އިންތިޚާބެއް ބާއްވަން އަބޭ އިއުލާނު ކުރައްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ޖަޕާނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އެ ގައުމު ކަނޑު އަޑިއަށް ދުއްވާލާނެ ކަމަށް ބުނެ ބިރުދައްކާ އުތުރު ކޮރެއާގެ މައްސަލަވެސް ހިމެނެއެވެ. އުތުރު ކޮރެއާއިން މިހާުރުވެސް ވަނީ ޖަޕާނުގެ އެންމެ އުތުރުގައި އޮންނަ ހޮކައިޑޯ ގެ މަތިން ދެ މިސައިލެއް ފޮނުވާލާފައެވެ.
މި އިންތިޚާބް އަބޭއަށް ކާމިޔާބު ކުރެއްވުން ވެގެންދާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގައުމުގައި ބާއްވާ އިންތިޚާބް އެލްޑީޕީ ކާމިޔާބުކޮށް ތިން އަހަރުގެ ތިންވަނަ ދައުރަކަށް އަބޭ ހޮވި ވަޑައިގަތުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ.
އެއާއެކު، 2012 ވަނަ އަހަރު އިންތިޚާބުވެ ވަޑައިގެންނެވި އަބޭ ވެގެންދާނީ ޖަޕާނުގައި އެންމެ ގިނަ ދުވަސްވެންދެން ބޮޑުވަޒީރުކަން ކުރެއްވި ފަރާތަށެވެ.