ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 19:37
މައުމޫނު ހަމީދު ނޫސްވެރިނަށް މައުލޫމާތު ދެނީ
މައުމޫނު ހަމީދު ނޫސްވެރިނަށް މައުލޫމާތު ދެނީ
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް ޕީޕީއެމް އިން ވަކިކުރިކަން އެންގީ އިޖްރާއަތްތަކާ ހިލާފަށް، ޝަހްސު އޮޅުވާލާފައިވަނީ އަބްދުއްރަހީމް: ދިފާއީ ވަކީލުން
ޕީޕީއެމްގެ ކައުންސިލް މެމްބަރުންނަށް ޕާޓީން ވަކި ކޮށްދޭން ހުށަނޭޅޭނެ
އިލެކްޝަނުންވެސް އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް
ޕާޓީގެ ނައިބު ރައީސްގެ ހަސިއްޔަތުން އެ މައްސަލަ ހުށަހެޅުމުގެ ބާރު އަބްދުއްރަހީމަށް ލިބިގެންނުވޭ

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ޕީޕީއެމް އިން ވަކި ކުރިކަމަށް ބުނެފައިވީ ނަމަވެސް އެއީ ސައްހަ ނިމުމެއް ނޫން ކަމަށް އޭނާގެ ދިފާއީ ވަކީލް މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

 

ފާރިސްގެ މައްޗަށް ހިންގާ ޝަހްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ފާރިސްގެ ގާނޫނީ ވަކީލުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މައުމޫނު ހަމީދު ވިދާޅުވީ ފާރިސް ވަކި ކުރުމަށް ނިންމައި ޕީޕީއެމް ކައުންސިލްގެ 20 މެމްބަރުން އިލެކްޝަން ކޮމިޝަނަށް އެންގުމުން ޕާޓީން ފާރިސް ވަކި ކުރުމަކީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. އެ ބާރު އިލެކްޝަނަށް ލިބިދީފައިވާކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

" ޕްރޮގްރޮސިވް ޕާޓީ އެކަންޏެއް ނޫން އެހެން ސިޔާސީ ޕާޓީއެއްގެ އެހެން މެމްބަރެއްވެސް އެ މެމްބަރަކު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ދެމިހުރުމަށް ނިންމައިގެން ހުރިހާ ހިނދެއްގައި، އަދި އެ ގަވައިދާ އެއްގޮތައް ޕާޓީން ވަކި ނުކުރެވޭ ހާލު އިލެކްޝަންސް ކޮމިޝަނަށް ވައްކެތް ނުކުރެވޭނެ. އިލެކްޝަންސް ކޮމިޝަނަކަށް ބާރެއް ނޯންނާނެ މިވެނި ޕާޓީއެއްގެ މިވެނި މެމްބަރެއް މިހާރު ތިމަންނާމެން ވަކިކޮށްފީމޭ،" އޭނާ ވިދާޅުވި އެވެ.

 

ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ފާރިސްއާމެދު އެ ޕާޓީން ވެސް އަދި އެހެން ބައެއް ފަރާތްތަކުން ވެސް އަމަލުކުރަމުންދަނީ ގާނޫނަކީ މާމުހިންމު އެއްޗެއް ކަމަށް ނުދެކި ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވި އެވެ.

 

އޭގެ އިތުރުން ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފުލުހުނަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އަބްދުއް ރަހީމަށް ޕާޓީގެ ނައިބު ރައީސްގެ ހަސިއްޔަތުން އެކަން ނުކުރެއްވޭނެ ކަމަށެވެ. އޭނާ ވަނީ ޕާޓީގެ ކައުންސިލްގެ މެމްބަރު ކަމުން ވަކި ކޮށްފައިކަމަށާއި އެކަން ދޮގު ކުރުމަށް ދައުލަތައް އެއްވެސް އެއްޗެއް ހުށަނޭޅުއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

" މިއީ ކަމަށް އަޅުގަނޑުމެން މި ހުށަހެޅީ ހަގީގީ ޝަހްސު އޮޅުވާލުމަކީ. އެކަން ބެލެން ޖެހޭނެ. ހަގީގީ ޝަހްސު އޮޅުވާލުމަކީ މިއީ. ޕީޕީއެމްގެ ރައީސަށް ލިބިގެންވާ ބާރެއް އެއީ ކައުންސިލަށް ބައެއް އައްޔަން ކުރެއްވުމަކީ. އެގޮތުން އައްޔަން ކުރައްވާފައިވާ ބޭފުޅެއް އެއީ އަބްދުއްރަހީމް އަބްދުﷲ އަކީ. އެހެންވީމަ އެ މަގާމުން ވަކި ކުރުމަށްފަހު އެގޮތައް އެކަން ދެމި އޮތްހާ ހިނދު އަބްދުއްރަހީމަކީ ޕާޓީގެ ނައިބު ރައީސް ނޫން ކަމަށް ބަލަން ޖެހޭނެ،" މައުމޫނު ވިދާޅުވި އެވެ.

 

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ޕީޕީއެމް އިން ފާރިސް ވަކި ކޮށްފައިވާކަން އަންގައި އިލެކްޝަންސް ކޮމިޝަނު ފޮނުވާފައިވާ ސިޓީއެއް ވަނީ ޝަރީއަތައް ހުށަހަޅާފަ އެވެ. ފާރިސްގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ ޕީޕީއެމް ވަކިކޮށްފައިވަނިކޮށް ޕާޓީގެ ނަމުގައި ޕާޓީގެ ލޯގޯއާއި ދިދަ ބޭނުން ކޮށްފައިވާ ކަމަށްބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް