ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 16:38
ސީރިއާގައި ހަނގުރާމަކުރަމުންދާ ދިވެހިންތަކެއް، ގިނަ އަދަދެއްގެ ދިވެހިން އެގައުމުގައި އުޅޭ
ސީރިއާގައި ހަނގުރާމަކުރަމުންދާ ދިވެހިންތަކެއް، ގިނަ އަދަދެއްގެ ދިވެހިން އެގައުމުގައި އުޅޭ
ރާއްޖެއެމްވީ
ހަނގުރާމަކުރުން
ސީރިއާ ހަނގުރާމާގައި ބައިވެރިވާން އުޅުނު ކަމަށް ބުނެ ކުރި ދައުވާއިން ތިން މީހުން ސަލާމަތްވެއްޖެ
ތުރުކީއަށް ދިޔައީ ސީރިއާއަށް އެތެރެވެ ހަނގުރާމަ ކުރުމަށް ކަމަށް ބުނެ ކުރި ދައުވާއެއް
އެ މީހުން ބުނާ ގޮތުގައި ތުރުކީއަށް ދިޔައީ ވިޔަފާރި ދަތުރެއްގައި
އެ މީހުން ތުރުކީއަށް ދިޔައީ ސީރިއާއަށް ގޮސް ހަނގުރާމަކުރަން ކަމެއް ސާބިތުނުކުރެވުނު

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސީރިއާއަށް އެތެރެވާން އުޅެނިކޮށް ތުރުކީއިން ރާއްޖެ ފޮނުވާލި ބައެއް ކަމަށް ބުނެ ދައުވާ ކޮށްފައިވަނީ، ލ. މާމެންދޫ، މުރިނގު، އަހުމަދު ލަތީފާއި، ގދ. ރަތަފަންދޫ، ނީލްވީލާ، އަހުމަދު ސުހައިލް މޫސާ އާއި، ތ. ގާދިއްފުށީ ސެނެރީގޭ، މުނައްވަރު އަބްދުﷲ ގެ މައްޗަށެވެ.

މި ތިން މީހުންނަކީ ރާއްޖެއިން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނެ ފުރަތަމަ ކުރި ދައުވާ ރައްދުވާ މީހުންނެވެ.

މި ތިން މީހުންނަށް ކުރި ދައުވާގައި ބުނެފައި ވަނީ، ފެބުރުއަރީ 15،  2016 ވަނަ ދުވަހު ރާއްޖެއިން ފުރައިގެން މި ތިން މީހުން ތުރުކީއަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދުން ކަމަށް ވެސް ބުނެފައި ވެއެވެ. 

އެ ދައުވާއަށް ތިން މީހުން ވެސް އިންކާރު ކޮށްފައިވާއިރު، އެ މީހުން ބުނެފައި ވަނީ ތުރުކީއަށް ދިޔައީ ވިޔަފާރި ދަތުރެއްގައި ކަމަށެވެ. ސީރިއާއަށް އެތެރެވާން އުޅުނުކަން ސާބިތުކޮށްދިނުމަށް އެމީހުން ދައުލަތާ ޗެލެންޖް ކުރި ނަމަވެސް، ދައުލަތަށް އެކަން ސާބިތުކޮށް ދެވިފައެއް ނުވެ އެވެ.

މި މައްސަލައިގައި މިމަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ކުރެއްވި ހުކުމުގައި ބުނެފައިވަނީ މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ދީފައިވާ ހެކި ބަހާއި ތަހުގީގަށް އެމީހުން ދިން ބަޔާންތަކުގައި ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އެމީހުން ތަހުގީގަށް ދިން ބަޔާންތަކަކީ އަމިއްލަ އިޚްތިޔާރެއް ނެތި ދީފައިވާ ބަޔާންތަކެއްކަން ދޭހަވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައި ބުނެފައިވަނީ އެ ތިން މީހުން ވެސް ތުރުކީގައި ހައްޔަރު ކުރެވުނުކަމީ ހަގީގަތަށްވާއިރު، ދައުވާ ސާބިތުކުރުމަށް އެންމެ މުހިންމު ލިޔުންތަކަކީ ތުރުކީގައި އެމީހުން ހައްޔަރުކުރެވުނުނަމަ އެކަން އެނގޭނެ ލިޔުންތަކެއް ކަމަށެވެ. އެހެން ނަމަވެސް އެފަދަ ލިޔުމެއް ހޯދުމަށް ދައުލަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ އެއްވެސް ލިޔުމެއް ވެސް ހުށަހެޅިފައިނުވާ ކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެމީހުންގެ މުވާސަލާތުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުގައި ސީރިއާއަށް އެތެރެވެ، ސީރިއާގެ ބިމުގައި ތިބި ކަމަށް ދޭހަވާގޮތަށް ވާހަކަ ދެކެވިފައި އޮންނައިރު، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހާ ކަމަކަށާއި ދައުވާގެ ސީޣާއަށް ބަލާއިރު ވެސް ސީރިއާގެ ބިމަށް އެމީހުން އެތެރެވެފައިނުވާކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ބުނެފައިވަނީ، އެ މީހުން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ދީނީގޮތުން ސަމާލުވާންޖެހޭ ފަދަ ކަސިޔާރު ޙަމާސީ ވާހަކަތަކެއް އެކުލެވިފައިވާކަން ފާހަގަކުރެވުމަކީ، އެކަމަށް އެކަނި ރިއާޔަތްކޮށް ދައުވާލިބޭ ފަރާތްތަކުން ތުރުކީއަށް ފުރައިގެން ގޮސްފައިވަނީ ސީރިއާއަށް އެތެރެވެ، ސީރިއާގައި ހިނގާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަކަށް ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުކުރެވިދާނެ ކަމެއް ކަމަށް ޝަރީއަތަށް ނުބެލެވޭ ކަމަށެވެ.

މި ތިން މީހުންގެ އިތުރުން، އެހެން ބައެއްގެ މައްޗަށް ވެސް ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ ކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް