ސައުދީ އަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އިޒްރޭލަށް ސިއްރު ދަތުރުފުޅެއް ކުރެއްވިކަން ފަޅާއަރައިފި އެވެ.
އިޒްރޭލުގެ އޮފިޝަލަކާއި ހަވާލާދީ އޭއެފްޕީ އިން ބުނީ، ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އިޒްރޭލަށް ވަޑައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
އެހެންނަމަވެސް މުޙައްމަދު ބިން ސަލްމާންގެ މިދަތުރުފުޅުގައި، އިޒްރޭލުގެ ޓެލްއަވީވްގައި ބޭއްވި ބައްދަލުވުންތަކުގެ މައުލޫމާތާއި، ބައްދަލު ކުރެއްވި ފަރާތްތަކުގެ ތަފްސީލް ހާމަކުރުމަށް ދެކޮޅު ހެއްދެވި އެވެ. މީގެ އިތުރުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކުގެ ތަފްސީލް ދެއްވަންވެސް އިޒްރޭލްގެ އޮފިޝަލް ދެކޮޅު ހެއްދެވި ކަމަށް އޭއެފްޕީއިން ރިޕޯޓް ކުރެއެވެ.
އެހެންނަމަވެސް އިޒްރޭލުގެ އޮފިޝަލްގެ ފަރާތުން ލިބުނު މަޢުލޫމާތުގެ އަލީގައި، ސައުދީ ވަލީއަހުދުގެ ސިއްރު ދަތުރުފުޅާއި ގުޅޭ ގޮތުން އިޒްރޭލުގެ ހިބްރޫ ރޭޑިއޯ ސްޓޭޝަނުން ބްރޯޑްކާސްޓް ކުރި މަޢުލޫމާތުގެ ޞައްހަކަން ވަނީ ކަށަވަރު ކުރެވިފައެވެ. ހިބްރޫ ބަހުން ބްރޯޑްކާސްޓް ކުރާ އިޒްރޭލުގެ ރޭޑިއޯ ސްޓޭޝަނުން ވަނީ، ސައުދީ ޝާޙީ އާޢިލާގެ އަމީރަކު ސިއްރު ދަތުރުފުޅެއްގައި ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ވަޑައިގެންނެވި ކަމަށް ރިޕޯޓްކޮށްފައެވެ. އަދި އެދަތުރުފުޅުގައި އިސްރޭލުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި، ސަރަޙައްދީ ހަމަޖެހުމަށް މަގުފަހި ކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އެދުވަސްވަރުގެ ތެރޭގައި އިޒްރޭލުގެ ނޭޝަނަލިސްޓް އަދި ކަނާއަތު ފިޔައިގެ ފިކުރުގެ ހަފްތާ މަޖައްލާއެއް ކަމަށްވާ މަކޮރް ރިޝޮންގެ ނޫސްވެރިއެއް ކަމަސްވާ އޭރިއަލް ކަހާނާ ވަނީ، ސައުދީގެ ރަސްމީ ވަފްދަކާއެކު ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އިޒްރޭލަށް ވަޑައިގެން، އެޤައުމުގެ އޮފިޝަލުންނާއި ބައްދަލުކުރެއްވި ކަމަށް ބުނެ ޓްވީޓެއް ކުރައްވާފައެވެ.
އޭގެ ދުވަސް ކޮޅެއް ފަހުން ސައުދީގެ ބްލޮގަރެއް ކަމަށްވާ މުޖްތަހިދު ވަނީ، ބައިނަލްއަޤްވާމީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ އިޒްރޭލުގެ ގުޅުންތަކަށް ހާއްސަ ނޫސްވެރިޔެއް ކަމަށްވާ ނޯގާ ޓާނޮޕޮލްސްކީ، ސައުދީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އިޒްރޭލަށް ވަޑައިގެންނެވިކަން ކަށަވަރު ކޮށްދެއްވާފައިވާކަން ހާމަކޮށްފައެވެ.
އިޒްރޭލުގެ އެނަލިސްޓުންނާއި އޮފިޝަލުންވެސް ވަނީ، އަރަބި ގައުމުތަކާއި، ހާއްސަކޮށް ގަލްފްގެ ގައުމުތަކާއި އިޒްރޭލައި އޮތް ގުޅުން ބަދަހިކުރަމުންދާ ކަމަށް ބުނެފައެވެ.
އިޒްރޭލުގެ ޔަހޫދީ ދައުލަތުން ގަލްފް އަދި މެދުއިރުމަތީގެ އަރަބި ގައުމުތަކާއި ގުޅުން ބަދަހި ކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ނަގަނީ އީރާނެވެ. އެގޮތުން އިޒްރޭލަށްވުރެ ބޮޑަށް އަރަބި ދުނިޔެއަށް އޮތް ބިރަކީ އީރާންކަން ވިސްނައިދިނުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދެއެވެ.
މެދުއިރުމައްޗަށް އީރާނުގެ ނުފޫޒު ފެތުރެމުންދާ މައްސަލާގައި ސައުދީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އީރާނުގެ މައްސަލާގައި ސައުދީން ގެންގުޅެނީ އިޒްރޭލާއި ދާދި އެއް ވިސްނުމެކެވެ.
ސައުދީ ވަލީއަޙުދު އިޒްރޭލަށް ވަޑައިގެންނެވި ކަމަށް ބުނާ ތާރީޚުގެ އެއް ދުވަސް ކުރިން އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ، އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއްނެތް އަރަބި ބައެއް ގައުމުތަކާއެކު ތަފާތު ދާއިރާތަކުން، އެކިފަންތީގައި އެއްބާރުލުން ލިބެމުންދާކަން ހާމަކޮށްފައެވެ. އަދި ބައެއް ގައުމުތަކާއެކު އެކަހެރި މާހައުލެއްގައި މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އިޒްރޭލުގެ ތާރީޚުގައިވެސް ނުދާ މިންވަރަކަށް އެގައުމުތަކާއެކު އޮތް ގުޅުން ބަދަހިވެފައިވާ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، އީރާނުގެ ނިއުކްލިއަރ އެއްބަސްވުމަށް އެގައުމުން ފުރިހަމައަށް ބޯނުލަނބާ ކަމަށް ވިދާޅުވެ، ނިއުކްލިއަރ އެއްބަސްވުމަށް ރުހުން ނުދީ ކޮންގްރެސް އަށް ފޮނުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށާއި، އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް މަރުހަބާ ކިޔާފައިވާ މަދު ގައުމުތަކުގެ ތެރޭގައި އިޒްރޭލާއި ސައުދީ އަރަބިއްޔާ ހިމެނެއެވެ. އިޒްރޭލާއެކު ސައުދީން އެކަމަށް ތާޢީދުކޮށްފައިވަނީ އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދު އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުން ޓްރަމްޕްގެ ނިންމެވުމަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
ފަހަކަށް އައިސް ސައުދީ ޝާހީ އާއިލާއިން ދަނީ އިޒްރޭލާއެކު ސިއްރު ގުޅުންތަކެއް ބާއްވަމުންނެވެ. ޙާއްސަކޮށް ސައުދީ ޝާހީ އާއިލާގައި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ނުފޫޒުގަދަވި ފަހުން، ސައުދީ އަމީރުންނާއި، ކުރީގެ ވިޔަފާރިވެރިންނާއި އިސް އޮފިޝަލުން އިޒްރޭލަށް ޒިޔާރަތްކޮށް، ނުރަސްމީކޮށް އިޤްތިޞާދީ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ މައްސަލާގައިވެސް އެއްގޮތް ވިސްނުންތަކެއް ގެންގުޅޭ ސައުދީ އަދި އިޒްރޭލުން ޤަތަރާއި މެދުވެސް ގެންގުޅެނީ ދާދި އެއްގޮތް ވިސްނުމެކެވެ. އިޒްރޭލުން ވަނީ ޤަތަރާއި ދެކޮޅަށް ސައުދީ އަރަބިއްޔާ އަދި ގަލްފުގެ ބައެއް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ތާއީދުކުރާ ކަން ހާމަކޮށްފައެވެ. ސައުދީ އިސްވެއޮވެ އެކުލަވާލާފައިވާ ޤަތަރާއި ދެކޮޅު އިއްތިޙާދުގައި ހިމެނޭ ގަލްފްގެ ގައުމުތަކަކީ ޔޫއޭއީ އަދި ބަހްރެއިންގެ އިތުރުން މިސްރެވެ.