ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 13:52
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު
ޕީޕަލް މެގަޒިން
މޯލްޑިވްސް މީޑިއާ ކޮމިޝަން
މޯލްޑިވްސް މީޑިއާ ކޮމިޝަނެއް އުފެއްދުމަށް ބިލެއް، މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށްފަހު އުފައްދާ ކޮމިޝަނެއް ކަމަށް ވޭ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮއްލާ ވާހަކަ މީގެކުރިން ވަނީ ދެކެވިފަ
މި ބިލް ހުށަހަޅާފައި ވަނީ ސަރުކާރުގެ ފަރާތުން މެމްބަރު ޖައުފަރު ދާއޫދު

މޯލްޑިވްސް މީޑިއާ ކޮމިޝަނެއް އުފެއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.

އެބިލްގެ ފުރަތަމަ ކިޔުން އިއްވުން ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ  ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި މިބިލަކީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން އުވާލުމަށް ފަހު، މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ނަމުގައި އުފައްދާ ކޮމިޝަނެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަނަކީ މީޑިއާތައް ލެގިލޭޓް ކުރުމާއި މޮނީޓަރ ކުރުމަށް އުފައްދާފައިވާ މިނިވަން ދެ މުއައްސަސާކަމަށް ވިޔަސް އެ ދެ މުއައްސަސާގެ މެންޓްގައި އެއްގޮތް ކަންތައްތަކެއް ހުރުމުން ފުށުއަރާގޮތް ވަމުންދާ ކަމަށެވެ. އެހެން ކަމުން އެ ދެ މުއައްސަސާ އެއް މުއައްސަސާއެއްގެ ގޮތުގައި އެއްކޮށްލުމަށް ބައެއް މެމްބަރުން ހިޔާލު ފާޅު ކުރައްވާފައި ވެއެވެ. 

އެގޮތުން ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަނުގެ ބަދަލުގައި އެހެން މުައްސަސާއެއް އުފެއްދުމަށް ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމުގެ އިޝާރާތް ކުރައްވައިފައެވެ. އެންމެފަހުން މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވެސް މީޑިއާ ކައުންސިލާއި ބްރޯޑް ކާސްޓިންގ ކޮމިޝަން ދެ މުއައްސަސާއެއްގެ ގޮތުގައި އޮތުމުގެ ބޭނުމެއް ނެތް ކަމަށް މެމްބަރުން ބަހުސް ކުރައްވާފައި ވެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ވެސް މީޑިއާތައް ރެގިލޭޓްކޮށް މޮނީޓަރ ކުރުމަށް އެއް މުއައްސަސާ ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް މެމްބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ.

މީޑިއާ ކައުންސިލުން ވަނީ އެ ކައުންސިލަށް އެކަށީގެންވާ ބަޖެޓެއް ނެތުމުން އެކަށީގެންވާ ގޮތެއްގައި އެކޮމިޝަނުގެ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް ބުނެ، ބަޖެޓް އިތުރުކޮށްދިނުމަށާއި މާލިއްޔަތު ކޮމެޓީގެ މެމްބަރުންނާ ބައްދަލު ކުރުމަށް އެދިފަ އެވެ. ނަމަވެސް އެކޮމެޓީން މީޑިއާ ކައުންސިލާ ބައްދަލު ކޮށްފައެއް ނުވެއެވެ. 

ބްރޯޑް ކާސްޓިން ކޮމިޝަނުގެ މިނިވަންމަކާއި މުސްތަގިއްލުކަމާމެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. 

ބްރޯޑް ކާސްޓީން ކޮމިޝަނުން ވަނީ ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އަދި ތަކުރާރުކޮށް ރާއްޖެޓީވީއަށް އެކިއެކި ގޮންޖެހުންތައް ބްރޯޑް ކާސްޓިން ކޮމިޝަނުން ކުރިމަތި ކުރުވަމުން ދެއެވެ. 

ބްރޯޑް ކާސްޓިންގ ކޮމިޝަނުގައި ހިމެނޭ ބައެއް މެމްބަރުންނަކީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް ޕްރޮމޯޓް ކުރުމުގައި މީގެ ކުރިން ހަރަކާތްތެރި ވެފައިވާ މެމްބަރުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް