ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 13:42
ފާރިސް މައުމޫން ޝަރީއަތަށް ފަހު މާފުއްޓަށް ގެންދިއުމަށް ކަރެކްޝަނުގެ ލޯންޗަށް އަރުވަނީ
ފާރިސް މައުމޫން ޝަރީއަތަށް ފަހު މާފުއްޓަށް ގެންދިއުމަށް ކަރެކްޝަނުގެ ލޯންޗަށް އަރުވަނީ
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ ފާރިސްއާ ދެކޮޅަށް ހުށަހެޅި ހެކިން ސިއްރުކުރަން އެދިއްޖެ
އިގްތިސާދީ ގެއްލުމެއް ލިބި، ހެކިބަސް ދިނުމުން ވަޒީފާ ގެއްލިދާނެ
އިގްތިސާދީ ގެއްލުމަކީ ރިޝްވަތުގެ ގޮތުގައި ހުށަހެޅުނު ފައިސާ ނުލިބުންތޯ؟
ހަގީގަތުގައި ޝަހްސް އޮޅުވާލީ އަބްދުއްރަހީމް، ޕީޕީއެމްގެ ނަމުގައި ސިޓީ ފޮނުވުމުގެ ހައިސިއްޔަތެއް ނެތް

އިގްތިސާދީ ގެއްލުމެއް ލިބިދާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިން ސިއްރުކުރަން ދައުލަތުން އެދިއްޖެ އެވެ.

ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން ހުށަހަޅާފައިވަނީ ސިއްރު ދެ ހެއްކަކާއި، ވީޑިއޯ ސީޑީއަކާއި، ސިވިލް ކޯޓުގެ ހުކުމަކާއި، އިލެކްޝަންސް ކޮމިޝަނުގެ ސިޓިއެއްގެ އިތުރުން، ޕީޕީއެމްގެ ނަމުގައި ފުލުހަށް ހުށަހަޅާފައިވާ ސިޓިއެކެވެ.

ދައުލަތުގެ ވަކީިލު އައިޝަތު ރީޝާ ވިދާޅުވި ގޮތުގައި ފާރިސްގެ މައްޗަށް ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ދެ ހެކިން ސިއްރުކުރަން އެދެނީ ހެކިބަސް ދިނުމުގެ ސަބަބުން އެމީހުންނަށް ލިބިދާނެ އެކަށީގެންވާ އިގްތިސާދީ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. ރީޝާ ވިދާޅުވި ގޮތުގައި ހެކި ބަސް ދިނުމުގެ ސަބަބުން އެމީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ.

ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، އެ ދެ މީހުންނަކީ 22 މާޗް 2017 ގައި ސިޔާސީ ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު އެތަނުގައި ތިބި ދެ މީހުންނެވެ. އެ ދެ މީހުން ހުށަހަޅާފައިވަނީ، ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ޕާޓީގެ ނަމުގައި ފާރިސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިކަން ސާބިތުކުރުމަށެވެ.

ހެކިން ސިއްރުކުރަން ދައުލަތުން ބުނާ އެކަށީގެންވާ އިގްތިސާދީ ގެއްލުމަކީ ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް އެމީހުންނަށް ހުށަހެޅިފައިވާ ރިޝްވަތުގެ ފައިސާ ނުލިބުންތޯ ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ސުވާލުކުރެއްވި އެވެ. މައުމޫން ވިދާޅުވީ ހެކިން ސިއްރުނުކުރެވޭނެ ކަމަށާއި، ހެކިން ސިއްރުކުރުމުގެ އަމުރަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެދެންޖެހޭ އިރު، ދައުލަތުން އެފަދަ އަމުރަކަށް އެދިފައިނުވާ ކަމަށެވެ.

މައުމޫނަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިން ސިއްރުކުރަން އެދި ސިޓީއަކުން ހުށަހަޅާފައިވާނެ ކަމަށާއި، އެ ހެކިން ބަލައިނުގަންނަން ޝަރީއަތުން ނިންމާފައިނުވާތީ ކުރިއަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ދައުލަތުގެ ވަކީލުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވީ ގާނޫނު އިރާލުމަށްފަހު އެއްލާލަންވީ ކަމަށާއި ޕްރޮސެކިއުޓަރ ޖެެނެރަލްގެ ފަރާތުން ދައުލަތް ތަމްސީލުކުރައްވާ ވަކީލުން "ހިތު ހުރިހާ ގޮތަކަށް" ގާނޫނު މާނަކުރާނަމަ، ގާނޫނަށް ހަވާލާދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. މައުމޫން ވިދާޅުވީ ޝަރީއަތުގެ ކަންތައްތައް ކުރިއަށްދަނީ އިންސާފަށް ވަރަށް ހުތުރުކޮށް ކަމަށެވެ.

ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސިވިލް ކޯޓުގެ ހުކުމަކީ، ޕީޕީއެމްގެ ހިންގުމުގެ ބާރު އެޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް 16 އޮކްޓޯބަރު 2016 ގައި ކޮށްފައިވާ ހުކުމެވެ. ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކީ ފާރިސް ޕާޓީން ވަކިކޮށް، ދަފްތަރުން ނަން އުނިކޮށްފައިވާކަން އަންގާ ފޮނުވި ސިޓީއެވެ. ޕީޕީއެމުން ފުލުހަށް ހުށަހެޅި ސިޓީއަކީ، ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ހުއްދަ ހޯއްދެވުމެއް ނެތި ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ފޮނުއްވި ސިޓީއެވެ. ވީޑިއޯ ސީޑީގައި ހިމެނެނީ ނޫސްވެރިންގެ ބައްދަލުވުމުގެ ވީޑިއޯ އެވެ.

ދައުލަތުގެ ވަކީލު ހެކި ހުށަހެޅުމުން މައުމޫން ވިދާޅުވީ ހަގީގަތުގައި ޝަހްސް އޮޅުވާލީ އަބްދުއްރަހީމް ކަމަށާއި ޕީޕީއެމްގެ ނަމުގައި ސިޓީއެއް ފޮނުވުމުގެ އެއްވެސް ހައިސިއްޔަތެއް އަބްދުއްރަހީމްގެ ނޯންނާނެ ކަމަށެވެ. 15 އޮކްޓޯބަރު 2016 ގައި ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުންނާއި އެޕާޓީގެ ކައުންސިލް މެންބަރަކުކަމުން އަބްދުއްރަހީމް ވަކިކޮށް، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަން އަންގަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިމަންނާއަކީ" ޕީޕީއެމް ކަމަށް ދެކިގެން ސިޓީއެއް ހުށަހެޅުމުގެ ހައިސިއްޔަތު އަބްދުއްރަހީމްގެ ނެތް އިރު، އެފަދަ ސިޓީއެއް ޕީޕީއެމްގެ ނަމުގައި ފޮނުވި މައްސަލަ ނުބަލަނީ ކީއްވެތޯ މައުމޫން ސުވާލުކުރެއްވި އެވެ. އަދި ފާރިސްގެ މައްޗަށް ޝަހްސް އޮޅުވާލުމުގެ ދައުވާކުރިއިރު، އަބްދުއްރަހީމްގެ މައްޗަށް ނުކުރަނީ ކީއްވެތޯ ތަކުރާރުކޮށް ސުވާލުކުރެއްވި  އެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެކިބަސް ނެގުމެވެ. ދައުލަތުން ހުށަހެޅި ދެ ހެކިންގެ ހެކިބަސް ނަގާނީ ސިއްރުކޮށްގެންތޯ ނޫންތޯ އެ އަޑުއެހުމުގައި ކަނޑައަޅާނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ސިޓިއާއި އަބްދުއްރަހީމްގެ ސިޓީ ބަލައިގަންނާނެތޯވެސް ކަނޑައަޅާނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް