ޖަޕާނުގެ ގާނޫނުހަދާ މަޖިލީސް އުވާލެއްވުމަށް ފަހު އަލުން ބާއްވާ އަވަސް އިންތިޚާބުގެ ވޯޓްލުން އާދީއްތަ ދުވަހު ފަށައިފިއެވެ.
ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަސް އިންތިޚާބަކަށް ގޮވާލައްވާފައި ވަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމުގެ ބިރުވެރިކަން ޖަޕާނަށް ބޮޑުވެފައިވަނިކޮށެވެ.
ސެޕްޓެމްބަރު ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމެވިކަން އިޢުލާން ކުރައްވާފައި މިވަނީ، ބޮޑުވަޒީރު އަބޭގެ މަޤްބޫލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ ހޫނު މޫސުމުގައި ނެގި ޚިޔާލު ހޯދުންތަކުގެ ވޯޓުން، އަބޭގެ މަޤްބޫލުކަން ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ދައްކާފައިވާއިރު، އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލާއި ނިއުކްލިޔަރ ޕްރޮގްރާމާ ދެކޮޅަށް އަބޭ ގެންގުޅުއްވާ އުސޫލުތަކާއި، ޖަޕާނުގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާ އެކު އިދިކޮޅު ފަރާތްތައް ބައިބައިވެފައިވުމުން، އަބޭގެ ސަރުކާރުގެ މަޤްބޫލުކަން ދަނީ އިތުރުވަމުންނެވެ. އެއާއެކި މި އިންތިޚާބުގައި އަބޭއަށް މަގާމު ދިފާއު ކުރެއްވޭނެ ކަމަށް ވަނީ ބެލެވިފައެވެ.
ޖަޕާނުގެ ބައެއް ސަރަހައްދު ތަކަށް ތޫފާން ލޭންގެ އަސަރު ކުރަމުން ދާތީ ވޯޓުލުމަށް ނުކުންނަ މީހުންގެ އަދަދަށް އެކަމުގެ އަސަރު ކޮށްފާނެ ކަމަށް ވެސް ވަނީ ބެލެވިފައެވެ.
ކެޓަގަރީ ހަތަރެއްގެ ތޫފާނުގެ ސަބަބުން އެ ގައުމުގެ ދެކުނުގެ ސަރަހައްދު ތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެމުންދިއުމުން ފްލައިޓްތައް ކެންސަލްވެ ރެއިލް ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ.
މި ތޫފާން ވެރިރަށް ޓޯކްޔޯއަށް އަރާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހުގެ ހެނދުނު ކަމަށް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެއެވެ.
ބޮޑުވަޒީރު އަބޭ އުންމީދު ކުރައްވާ ގޮތުގައި އެމަނިކުފާނުގެ ޕާޓީއަށް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބި ގާނޫނުއަސާސީއަށް ބަދަލު ގައުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވަކިން ޚާއްސަކޮށް އަބޭ ބޭނުންފުޅު ކަންކަމުގެ ތެރޭގައި ޖަޕާނުގެ ސެލްފް ޑިފެންސް ފޯސް ، ގައުމީ އަސްކަރިއްޔާއަށް ބަދަލުކުރެއްވުން ހިމެނެއެވެ.މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު މިގޮތަށް ބަދަލު ކުރެވޭ ފުރަތަމަ ފަހަރެވެ.
ޖަޕާނަށް މިވަގުތު ކުރިމަތިވަމުންދާ ކަންކަމަށް ކުރިމަތިލެއްވުމަށްޓަކައި އަވަސް އިންތިޚާބެއް ބާއްވަށް އަބޭ އިއުލާނު ކުރައްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.