ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 02:14
އިބްރާހިމް ވަހީދުގެ ކެމްޕެއިން ޓީމް، އަހުމަދު އަބްދުﷲގެ ކެމްޕެއިން ޓީމާއި އެކު
އިބްރާހިމް ވަހީދުގެ ކެމްޕެއިން ޓީމް، އަހުމަދު އަބްދުﷲގެ ކެމްޕެއިން ޓީމާއި އެކު
މުހައްމަދު ޝަރުހާން
އެމްޑީޕީގެ އިންތިހާބު
އިބްރޭގެ ޓީމުން ނަމޫނާ ދައްކާ، އަހުމަދު އަބްދުﷲ އަށް ތާއީދުކޮށްފި
އިންތިހާބެއްގައި ގިނަ ކެންޑިޑޭޓުން ވާދަކުރުމުން ޕާޓީ ވަރުގަދަ ވެގެންދާނެ: އިބްރޭ
އިންތިހާބުން ނަމޫނާ ދެއްކުމަށްފަހު ދެން މަސައްކަތް ކުރާނީ ރިޔާސީ އިންތިހާބު ކާމިޔާބްކުރަން: ފައްޔާޒު
ނަތީޖާ ގަބޫލުކޮށް ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ އެކުގައި: ރޮޒެއިނާ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމު، އަހުމަދު އަބްދުﷲ ކާމިޔާބްކޮށްފިކަން ގަބޫލްކޮށް ވާދަވެރި ކެންޑިޑޭޓް އިބްރާހިމް ވަހީދު (އިބްރޭ)، އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދަންނަވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީގެ މަގާމަށް ތިން ބޭފުޅުން ކުރިމަތި ލައްވާފައިވާއިރު، އިބްހާރިމް ވަހީދު އަކީ އަހުމަދު އަބްދުﷲ އާއި ވާދަކުރި އެއް ކެންޑިޑޭޓެވެ. އެމްޑީޕީން މިހާތަނަން އިއުލާން ކުރި ވަގުތީ ނަތީޖާއިން އަހުމަދު އަބްދުﷲ ކުރި ހޯއްދަވާފައިވާއިރު، އިބްރާހިމް ވަހީދުގެ މުޅި ކެމްޕޭން ޓީމް ވަނީ އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދަންނަވައި، އޭނާ އަށް ތާއީދުކޮށްފައެވެ.

ހުކުރު ދުވަހު މެންދަމު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ގިނަ ކެންޑިޑޭޓުން ވާދަކުރުމަކީ ޕާޓީ ވަރުގަދަ ވެގެންދާނެ ކަމެއް ކަމަށާއި، އަހުމަދު އަބްދުﷲ އިންތިހާބު ކާމިޔާބު ކުރިކަން ގަބޫލުކުރައްވާ ކަމަށެވެ.

އިބްރާހިމް ވަހީދު އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދަންނަވަނީ 

"ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިންތިހާބުތައް ބާއްވަމުންދާއިރު، އިންތިހާބުގައި ގިނަ މީހުން ވާދަކުރުމަކީ ޕާޓީ ވަރުގަދަ ވެގެންދާނެ ކަމެއް. ގިނަ މީހުން ވާދަކުރުމަކީ އެންމެންނަން ކާމިޔާބުވާނެ ކަމެއް ނޫން. ކޮންމެވެސް އެކަކަށް އެންމެންގެ ތެރެއިން ކާމިޔާބު ލިބޭނީ. އަހުމަދު ވަނީ އިންތިހާބު ކާމިޔާބުކޮށްފައި" އިންތިހާބުގައި ވާދަކުރި އިބްރާހިމް ވަހީދު ވިދާޅުވި އެވެ.

އިބްރާހިމް ވަހީދުގެ ކެމްޕެއިން މެނޭޖަރު، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު ވިދާޅުވީ، އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ މި ގައުމުގައި ޑިމޮކްރަސީ ވަރުގަދަކޮށް، އެޕާޓީން ބޭނުންވާ ވިސްނުމަށް ގައުމު ގެންދަން ކަމަށެވެ. އެޕާޓީގެ އެތެރޭގެ އިންތިހާބުން އެ ނަމޫނާ ދެއްކުމަށް ފަހު، ދެން މަސައްކަތް ކުރާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެޕާޓީން ކާމިޔާބުކުރަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިބްރާހިމް ވަހީދުގެ ކެމްޕެއިން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ވާދަވެރި ކެމްޕެއިން ހަރަކާތްތަކަށްފަހު އިންތިހާބު ނިމިގެން ދިޔައީ ނަމޫނާ އިންތިހާބެއްގެ ގޮތުގައި ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތް ކުރާނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ

އަހުމަދު އަބްދުﷲ އަށް މަރުޙަބާ ދެންނެވުމަށް ފަހު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ، މި ދައްކައިދިނީ ސިޔާސީ ޕާޓީއެއް ޑިމޮކްރަޓިކް ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރާނެ ގޮތުގެ ފުރިހަމަ ނަމޫނާއެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލާފައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ އިބްރޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް