ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 06:18
މެމްބަރު އަލީ އާޒިމް "މިރައީސް" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
މެމްބަރު އަލީ އާޒިމް "މިރައީސް" ޕްރޮގްރާމުގައި ވާހަކަދައްކަވަނީ
ސިމާހާ ނަސީމް
"މިރައީސް" ޕްރޮގްރާމް
ޕީޕީއެމް އިން ބޭއްވި ޖަލްސާއަށް މީހުން ދިޔައީ ބިރު ދައްކައި މަޖުބޫރުކޮށްގެން: އާޒިމް
ރައީސް ޔާމީންގެ ޓީމުންގެ އަމަލުތައް ހުންނަވަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ނޫން
މީހުންނަށް ބިރު ދައްކައިގެން ޖަލްސާއަށް ގެންދިއުމުގެ ބޭނުމަކީ ކޮބައިތޯ
މި ސަރުކާރަކީ ކޮރަޕްޝަންގެ ސަރުކާރެއް، ފައިސާ ހޯދުމަށް މަސައްކަތްކުރާތަނެއް ނުފެނޭ

ޕީޕީއެމް "ތައްޔާރު" ނަމުގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް މީހުން ގެންގޮސްފައިވަނީ ބިރު ދައްކައި، މަޖުބޫރު ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. މީހުންނަށް ބިރު ދައްކައިގެން ޖަލްސާއަށް ގެންދިއުމުގެ ބޭނުމަކީ ކޮބައިތޯ އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.

 

ހުކުރު ދުވަހުގެރޭ ރާއްޖެޓީވީން ގެނެސްދިން "މިރައީސް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޕޯޑިއަމް ކައިރީގައި ވާހަކަދައްކަވަން ހުންނަވާއިރު ހަޑި މުޑުދާރު އަމަލުތައް ހިންގަވާ މަންޒަރު ފެނިގެންދާ ކަމަށެވެ. ރައީސް ޔާމީންގެ ޓީމުންގެ އަމަލުތައް ހުންނަވަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ނޫން ކަމަށް ހާމަވެގެންދާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

 

ރައީސް ޔާމީންގެ ބޭންކް އެކައުންޓްގައި ސަތޭކަ މިލައަންއަށް ވުރެ ގިނަ ފައިސާ ހުންނެވިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ފައިސާ ހުރި އެކައުންޓަކީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެކައުންޓެއް ކަމަށެވެ. އަދި މިހާރުވެސް އެ އެކައުންޓުގައި އެ ފައިސާ ހުރިކަމަށް އާޒިމް ވިދާޅުވި އެވެ.

 

"އަޅުގަނޑުމެންނަށް ކަނޑައެޅިގެން އެނގޭ މި ސަރުކާރަކީ އަދި ސަރުކާރު ހިންގަން ތިބި ވެރިންނަކީ ދިވެހިރާއްޖޭގައި މިހާ ހިސާބަށް ވެރިއަކު ވެރިކަން ކުރީއްޔާމުން، ވެރިއަކު ހުރެގެން ދިވެހިރާއްޖޭގެ ރައުސްމާލުން ފައިސާ ނެގިކަމަށްވިއްޔާ މި ދެމަފިރިންނަށްވުރެ ގިނައިން ވަކި ފައިސާ ނެގި ވެރިއަކު ނެތޭ އަޅުގަނޑުމެންނަށް ދަންނަވާލެވޭނެ" އާޒިމް ވިދާޅުވިއެވެ.  

 

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާހުރިކަމަށް އަލީ އާޒިމް ވިދާޅުވިނަމަވެސް އެކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް މައުލޫމާތެއް ރައީސް އޮފިހުން ހާމަކުރައްވާފައެއް ނުވެއެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، އެމަނިކުފަނަށް ލިބިވަޑައިގަންނަވާ ފައިސާއަކީ ހަދިޔާގެ ގޮތުގައި އެ މަނިކުފާނުގެ ސިޔާސީ ހަރަކާތްތައް ހިންގެވުމަށް ލިބިވަޑައިގަންނަވާ ފައިސާ ކަމަށެވެ. 

 

އިތުރަށް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންނަށް ހުރި ބޯހިޔާވަހީކަމުގެ ދަތިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމެއްގައި އަމިއްލައަށް ބިންގާ އަޅުއްވައިގެން ރައްޔިތުންނަށް ދޫކޮށްދެއްވި ފުލެޓްތަކެއް ނުހުންނާނެ ކަމަށެވެ. އިންސާފުވެރި ސަރުކާރެއް ޤާއިމުކުރެވެމުން ޤާނޫނާ ޙިލާފަށް ރައީސް ޔާމީންގެ ސަރުކާރުން ފުލެޓް ދޫކޮށްފައި ތިބި ރައްޔިތުން އަތުން އެ ފުލެޓްތައް އަތުލާނެކަމަށް އާޒިމް ވިދާޅުވިއެވެ.

 

 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް