ކ. މާލެ
|
20 އޮކްޓޯބަރ 2017 | ހުކުރު 17:50
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ
މުހައްމަދު ޝަރުހާން
އެމްޑީޕީގެ އިންތިހާބު
ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި: ހަސަން ލަތީފް
ޕާޓީގެ އިދާރީ ހިންގުން ޙަރުދަނާ ކުރަންޖެހޭ
އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ވަނީ ކުރިމަތިލައްވާފައި
އިންތިހާބަށް ފަހު ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތައް ފަށާނެ

ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބަށް ތައްޔާރުވުމުގެ ގޮތުން އެޕާޓީގެ އެތެރޭގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އާއި، ޗެއާޕާސަން ނައިބު އިދާރީގެ މަގާމު ހޮވުމަށް މިއަދު ބާއްވާ އިންތިހާބްގައި ވޯޓް ލެއްވުމަށް ފަހު ހަސަން ލަތީފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މި ކުރަންޖެހޭ އިދާރީ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ކުރުމުގައި މި ދެ މަގާމަށް ހޮވޭ ބޭފުޅުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެ ދެ މަގާމަށް ދެ ބޭފުޅުން އިންތިހާބްވުމާ އެކު ޕާޓީގެ ހިންގުން އިތުރަށް ޙަރުދަނާވާނެ ކަމަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރާ މަސައްކަތަށް ހަލުވިކަމާ އެކު ކުރިއަށް ދާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

 

އެމްޑީޕީން ކުރިއަށް ގެންދާ އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން 

"އެމްޑީޕީގެ ސެކިރެޓްރޭޓްގެ އިދާރީ ވަރަށް ގިނަ މަސައްކަތަށް ކުރަންޖެހިފައި އޮތް ވަގުތެއް މި ވަގުތަކީ، އަޅުގަނޑުމެންނަން 2018 މި އޮތީ ބޯމަތިވެފައި، 2018 ގެ އިންތިހާބަށް ކުރިމަތިލުމަށްޓަކައި، އަޅުގަނޑުމެންގެ އެތެރޭގައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އަބަ އޮތް، އެހެންވެ މި މަސައްކަތް ވަރަށް ފުރިހަމައަށް ކުރުމަށްޓަކައި، އަޅުގަނޑުމެންނަން މި އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.

 

އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުކުރު ދުވަހު ހަވީރު 3:00 އިން ފެށިގެން 6:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލެވޭނީ އެ ޕާޓީގެ ގޮފިތަކަށާއި ރަށް ރަށުގެ އެމްޑީޕީގެ ކައުންސިލް މެމްބަރުންގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށެވެ. ޖުމްލަ 150 ވޯޓް ފޮށި ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި އިންތިހާބްގައި ވަނީ ބަހައްޓާފައެވެ.

 

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައިވާއިރު ވާދަވެރި ކެމްޕެއިންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި އިބްރާހިމް ވަހީދު (އެންސްޕާ ވަހީދު) އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

އެމްޑީޕީ ހަރުގޭގައި ވޯޓްލުން ކުރިއަށް ދަނީ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމާށް ކުރިމަތިލެއްވީ އަލީ ނިޔާޒް އެކަންޏެވެ. އެމަޤާމަށް އަލީ ނިޔާޒް އިންތިޚާބުވިކަން ރަސްމީކޮށް ކަށަވަރުވާނީ އިންތިޚާބުގައި ވޯޓު ނަގާއިރު މަދުވެގެން 10 ޕަސެންޓް ވޯޓު ލިބުމުންނެވެ. ނިޔާޒަކީ ކުރިން އެޕާޓީގެ ޗެއަރޕާސަން މާލީގެ މަޤާމްގައި ވެސް ހުންނެވި ބޭފުޅާއެވެ.

 ޗެއަރޕާސަން ނައިބު އިދާރީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ މެމްބަރޝިޕް ކޮމެޓީ އާއި ކެމްޕެއިން ކޮމެޓީ ޗެއަރކުރެއްވުން އަދި ޗެއަރޕާސަން ނެތިއްޖެ ހާލަތެއްގައި އެމަޤާމް ފުރުން ހިމެނެއެވެ.

މި އިންތިހާބްގެ ވޯޓްލުން މިއަދު 18:00 ގައި ނިމުމާ އެކު ވޯޓް ފޮށި ބެހެއްޓިފައި ހުންނަ ތަންތަނުގައި ވޯޓްގުނުމަށް ފަހު ވަގުތީ ނަތީޖާ އިއުލާން ކުރަން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް