ކ. މާލެ
|
20 އޮކްޓޯބަރ 2017 | ހުކުރު 14:54
ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ އަލީ ނަސީރު
ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ އަލީ ނަސީރު
ފޮރިން މިނިސްޓްރީ
އދ - ރާއްޖެ
ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމްކުރުމަކީ އިސްރާއީލަށް ބޮޑު ކަމަކަށް ވެގެން ނުވާނެ: ދިވެހިރާއްޖެ
1967 ގެ ބޯޑަރަށް ފަހަތަށް ޖެހުމަށް ރާއްޖެއިން ވަނީ އިޒްރޭލަށް ގޮވާލާފައި

މެދުއިރުމަތީގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އެމިނިވަން ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހަދައި، އިޒްރޭލާއި ފަލަސްތީނުން ވަކި ދެ ދައުލަތުގެ ގޮތުގައި ތިބުންކަމަށް ދިވެހިރާއްޖެއިން ބުނެފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި މެދުއިރުމަތީގެ މައްސަލައިގައި ކުރިއަށްދާ ހުޅުވާލެވިފައިވާ ބަހުސްގައި ވާހަކަ ދައްކަވަމުން ރާއްޖެއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ އަލީ ނަސީރު މުހައްމަދު ވިދާޅުވީ, މެދުއިރުމަތީގެ މައްސަލަ ހައްލުކުރުމަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިމާއި ހިސާބަށް އިޒްރޭލުން ފަހަތަށް ޖެހި، ހިފާފައިވާ ބިންތަކުން އިޒްރޭލް ފައިބައި، އެބިންތަކުން ފައްސާލި ފަލަސްތީނުގެ ރައްޔިތުންނަށް އަނބުރާ އެމީހުންގެ ވަޒަނަށް ދިއުމުގެ ފުރުސަތު ދޭން ޖެހޭނެކަމަށެވެ. މީގެ އިތުރުން 1967ވަނަ އަހަރުގެ ޖޫން މަހު ކަނޑައެޅުނު އިސްރޭލް-ފަލަސްތީން ސަރަހައްދީ ރޮނގު ނޫން ސަރަހައްދީ ރޮނގަކަށް އެއްބަސްނުވެވޭނެކަމަށް އދގެ ސަލާމަތީ މަޖިލީހުން 2016 ވަނަ އަހަރު ފާސްކުރި ޤަރާރަށް ދިވެހި ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. މި ޤަރާރުގައި މެމްބަރު ޤައުމުތަކުން ވަނީ ހިފާފައިވާ ބިންތަކުގައި، ޚާއްސަކޮށް އިރުމަތީ ޤުދުސްގައި، ޔަހޫދީން ރަށްވެހިކުރުން ހުއްޓާލުމަށް އިޒްރޭލަށް އަންގާފައެވެ.

ޑރ އަލީ ނަސީރު ވިދާޅުވީ، ޔަހޫދީ ސިފައިން އިރުމަތީ ޤުދުސްގައިވާ މުޤައްދަސް ތަންތަނަށް، ޚާއްސަކޮށް ހަރަމުއްޝަރީފަށާއި އަލްއަޤްޞާ މިސްކިތަށް މުސްލިމުން ވަނުމަށް އަޅަމުންދާ ހުރަސްތަށް ދިވެހި ސަރުކާރުން ކުށްވެރިކުރާކަމަށެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި، ސޫރިޔާގެ ގޯލާންގެ އުސް ބިންތަކުގައި ޔަހޫދީން އާބާދުކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި، ދިވެހިރާއްޖެއިން ވަނީ ސަލާމަތީ މަޖިލީހުން އިޒްރޭލާއި ދެކޮޅަށް ނެރުނު ޤަރާރުގައި ވާ ކަންކަން ތަންފީޒްކުރުމަށް ކުރާ މަސައްކަތް އިތުރުކުރުމަށްވެސް ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.

އިސްރާއީލް-ފަލަސްތީން މައްސަލައިގެ އިތުރުން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަޔާއި އިންސާނީ ހައްޤުތަކުގެ ކާރިސާއަށް ނިމުމެއް ގެނައުމަށްވެސް ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ. އަދި ފަލަސްތީނާއި ސޫރިޔާގައިވެސް ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިންސާނީ ހައްޤުތަކަށް އެއްވެސް ވަރަކަށް އިހްތިރާމް ނުކުރާކަމަށްބުނެ ދިވެހިރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމްކުރުމަކީ އިސްރާއީލަށް ބޮޑު ކަމަކަށް ވެގެން ނުވާނެކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް