ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 23:20
ރައީސް ޔާމިން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ:-
ރައީސް ޔާމިން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ:-
ޓްވިޓަރ
ރައީސް ޔާމީން
ރާއްޖޭގެ ތާރީޚުގައިވެސް 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދެނީ މި ސަރުކާރުން: ރައީސް
ސިޔާސީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވި
އައްޑޫގައި ބޮޑެތި ޕްރޮޖެކްޓަތައް މި ސަރުކާރުން ހިންގާފައިވޭ
ސްޓެލްކޯ އިންޖީނުގޭގެ ކަރަންޓް ނުހިފަހައްޓަނީ ކުރީގެ ސަރުކާރުގެ ސަބަބުން

ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ރަށްރަށުގައި 24 ގަޑިއިރު ޔަގީންކަމާ އެކު ކަރަންޓު ފޯރުކޮށްދެމުންދަނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ކާނިވާ ސަރައްދުގައި ކުރިއަށްދިޔަ ޕީޕީޕއެމްގެ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ މީގެ ކުރިން ރަށްރަށުގައި ކަރަންޓް ދެމުން އައިސްފައި ވަނީ ހަ ގަޑިއިރަށް ކަމަށާއި، ޔަގީން ކަމާއިއެކު ރަށްރަށުގައި 24 ގަޑިއިރު ކަރަންޓު ދެވެން ފެށީ މި ސަރުކާރުގައި ކަމަށެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިރުއިރުކޮޅުން ކަރަންޓް ކެނޑުމުގެ މައްސަލައަކީ ހަމަ އެކަނި އައްޑުއަތޮޅަށް ދިމާވާ މައްސަލައެއް ނޫން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުގައި ދިމާވާ މައްސަލައެއް ކަމަށެވެ. އައްޑޫގައި ކަރަންޓު ނެތް ވާހަކަ ދައްކާއިރު މީގެ ކުރީ ސަރުކާރު އެކަން ނުކުރީ ކީއްވެތޯ ސުވާލު ކުރުމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އައްޑޫގެ ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅެއް ނުވެއެވެ. 

ރައީސް ޔާމިނަށް އައްޑޫ އަތޮޅު ތަރައްގީ ކުރެވޭނެ ތޯ އިދިކޮޅު ސިޔާސީ ލީޑަރުން ސުވާލު ކުރުމަކީ ކުރީގެ ރައީސުންނަށް އެކަން ނުކުރެވި އޮތުމަށް ވެވޭ އިއުތިރާފެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސްޓެލެކޯ ހިންގުމާ އެމަނިކުފާނު ހަވާލުވެ ހުންނެވިއިރު އެ ކުންފުނި ތަރައްގީކުރި ކަމަށާއި ނަމަވެސް މި ސަރުކާރު އައިރު ސްޓެލްކޯގެ އިންޖީނުތަކުން ކަރަންޓް ނުހިފަހައްޓަނީ އޭގެ ފަހުން އައި ސަރުކާރަށް އެކަން ކުރަން ނޭނގުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކަމަކީ ކޮންވެންޝަން ސެންޓަރެއް އެޅުން ކަމަށާއި އެހެން ނަމަވެސް އެންމެ ޖަލްސާއެއް ބޭއްވުމަށް އެތަން އަޅާ ކުރި ހޭދައަކީ ކޮށްގެންނުވާނެ ބޭކާރު ހޭދައެއް ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވި އެވެ. އަދި އެތަން އެޅީ ގަނބާ ތަނެއްގައި ކަމަށް ވިދާޅުވެ އެތާ ދެން އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހުންނާނީ ޓާރސަރީ ހޮސްޕިޓަލެއް އަޅާފައި ކަމަށެވެ.  ހަމަ އެހެންމެ މި ސަރުކާރުން ނޫނީ އައްޑޫ ސިޓީ ދާއިރާގައި ޓޫރިޒަމް ކުރިއަރުވަން އެހެން ސަރުކާރަކުން މަސައްކަތްކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.  

އައްޑޫގެ ވާހަކަ އަށް ރައީސް ޔާމީން އަލިއަޅުވާލެއްވި އިރު ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ އައްޑޫ އަށް ވަޑައިގެންފައެވެ. 

ރައީސް ޔާމިންގެ ވާހަކަފުޅުގައި ސިޔާސީ އެކި ފަރާތްތަކަށް ވަނީ ފާޑުވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އިދިކޮޅު މީހުން ތިބީ އެމަނިކުފާނު ދައްކަވާ ވާހަކަ އަޑުއަހަން ތައްޔާރަށްތޯ ސުވާލު އުފެދޭ ކަމަށެވެ.

 މީގެ ކުރީގެ ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުންދިޔަ ކަމަށާއި އަދި މަގުމަތީ ކޯޓުތައް ހަދައިގެން އުޅުނު ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ނުސީދާ ގޮތުން ފާޑު ވިދާޅުވީ މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯމޫސާ އަށެވެ.  އެއީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ ކޯޓުގެ ނަމުގައި އަމިއްލަ ކޯޓެއް ހަދައި ލޮނުޒިޔާރަތްކޮޅުގައި އެ މަސައްކަތްކުރެއްވީ ރީކޯ މޫސާ މަނިކެވެ.

އޭގެ އިތުރުން އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރި މީހުން މިހާރު ރައީސް ނަޝީދަށް ތާއިދުކުރައްވައި، އެއްކޮން މަސައްކަތްކުރައްވާތީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި މީގެ ކުރީ ސަރުކާރުތަކުން ކަންކަންކޮށްފައިވާ ގޮތް ހަނދާން ކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި ކުރިއަށް އޮތް ޖަލްސާތަކުގައި އެކަން ކުރާނެ ކަމަށެވެ.

"މި ސަރުކާރު ނޫނީ ގާނޫނީ ހަމަހަމަ ކަން ގެނެސްދިން އެހެން ސަރުކާރެއް ނެތް،" ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ސިޔާސީ ބައެއް ބޭފުޅުން މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާކަން އެ ބޭފުޅުން ހަނދާނެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ހިތްޕުޅުގެ އާލާސްކަމުގައި ބައެއް މީހުން އެބަ ތިއްބެވި، އެ ނަންތައް ކިޔަން ފަށައިފި ނަމަ އެ ބޭފުޅުންގެ ހިތްޕުޅު އިރައިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީ ސަރުކާރުތަކުން ކޮށްފައިވާ އަނިޔާތައް އަނިޔާއަކަށް ނުވަނީ އޭރު އީޔޫއިން ގަރާރެއް ފާސްނުކުރާތީ ކަމަށް ވިދާޅުވެ ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާ ޖަމާއަތްތަކަށް އެމަނިކުފާނު ފާޑުވިދާޅުވި އެވެ. އެގޮތުން ރާއްޖެ ބާކީ ނުވާ ކަމަށާއި ރާއްޖެއިން ދުރުވެފައި ވަނީ އިސްލާމީ އުސޫލުތަކާއި ހަމަތަކާ ދެކޮޅުހަދާ ފަރާތްތަކާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ މިރޭ އެމަނިކުފާނު ވާހަކަ ދައްކަވަނީ ޕީޕީއެމްގެ މުސްތަޝާރުގެ ހަސިއްޔަތުން ކަމަށާއި ނަމަވެސް މި އަންނަ ނޮވެމްބަރު 17 ގައި ބާއްވާ ޖަލްސާ ރައްޔިތުންނާ ބައްދަލުކުރާނީ ރައީސުލް ޖުމްޙޫރިއްޔާ ހަސިއްޔަތުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 އޮކްޓޯބަރ 2017 | ހުކުރު 02:10
kaloa
thikan vaa engifa othee varah rangalaha mi dhauruga meenage verikamuga emme dhuvahe nudhey current nukendey bae rah rasguga hafthaa ei haadha thedhu hadhaa beyfulhekey baarah ai jassavaa