ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 23:06
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ރިޔާޒް
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ރިޔާޒް
މުހައްމަދު ޝަރުހާން
ގއ ވިލިނގިލި
ވޯޓުފޮށިން ރައީސް ޔާމީން ބަލިކުރާނަން، ރައީސް ޔާމިންގެ މައްސަލަތައް ބަލާނަން: ރިޔާޒް
ރައީސް ޔާމީން ވައުދުވި ޝަރުޢީ ނިޒާމެއް ނުގެނެވޭ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވެސް ތިއްބެވީ ބިރުން
ސިޔާސީ މީހުންގެ ޕާސްޕޯޓްތައް ދަނީ ކެންސަލް ކުރަމުން

ރާއްޖޭގެ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވޯޓު ފޮށިން ބަލި ކުރައްވާނެ ކަމަށާއި ރައީސް ޔާމީންގެ މައްސަލަތައް ބައްލަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން ގއ. ވިލިނގިލީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ވެސް ހިމެނިގެން އުފެއްދި ކޯލިޝަންގެ ތެރެއިން ރައީސް ޔާމީން ވެރިކަމަށް ގެނައުމުން ފުރަތަމަ އަހަރު ވަރަށް ރަނގަޅަށް ކަންކުރި ނަމަވެސް އޭގެ ފަހުން  ކޮރަޕްޝަން ބޮޑުވެ  ގުޑްގަވަރނަންސް ގެއްލިގެން ދިއުމުން ކޯލިޝަންގައި ތިބި މީހުން ނުކުމެގެން ދިއައީ ކަމަށެވެ.

ރިޔާޒް ވިދާޅުވީ މިސަރުކާރުން ވެފައިވާ އެންމެބޮޑު އެއް ވައުދަކީ މިނިވަން ޝަރުއީ ނިޒާމެއް ކަށަވަރުކުރެއްވުން ކަމަށާއި  ރައްޔިތުން ހިތާހިތާ މިއަދު ސުވާލު ކޮށްލަންވީ އެފަދަ ޝަރުއީ ނިޒާމެއް އެބައޮތްތޯ ކަމަށެވެ.

ރިޔާޒް ވިދާޅުވީ ރާއްޖޭގައި މިނިވަން އިންސާފްވެރި ޢަދްލު އިންސާފެއް ނުލިބޭ ކަމަށާއި ސަރުކާރުން ދައްކާ ބިރެއްގެ ސަބަބުން ސުޕްރީމް ކޯޓުން ވެސް ވަނީ މައްސަލަތައް ނިންމަން ނުކެރިފައި ކަމަށެވެ. އަދި ސަރުކާރުން ބޭނުން ނުވާ ގޮތަކަށް މައްސަލަތައް ނިންމާ ނަމަ ފަނޑިޔާރުން ބަދަލުކޮށް, ސަސްޕެންޑްކޮށް ހަދަމުންދާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ބޭނުން ވެގެން ކޯޓުތަކަށް ގެންނަ ފަނޑިޔާރުންނަށް ވަރަށް އަވަހަށް ޕްރޮމޯޝަން ލިބި އެމީހުން ބޭނުންވާ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ހަމަޖެހިގެންދާ ކަމަށެވެ.

"ރައީސް ޔާމީން ވައުދުވި ޝަރުއީ ނިޒާމެއް ނެތް. ފަނޑިޔާރުންނެއް އަދްލުވެރިކަމާ އެކު ކަންކަމެއް ނުނިންމޭ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޤާނޫން އަސާސީއާ އެއްގޮތަށް ޔަޤީންކަމާއެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނޭ ބުނާކަށް ނުކެރޭ،" ރިޔާޒް ވިދާޅުވިއެވެ.  

ރިޔާޒް ވިދާޅުވީ ފަނޑިޔާރުންނާ ނުބެހުމަށާއި ނުފޫޒް ނުފޯރުވާ މިނިވަންކަމާއެކު ހިންގޭނޭ ގޮތަކަށް ކަންކުރަން ދޫކޮށްލުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވަން ކަމަށާއި ފަނޑިޔާރުންނަށް ވެސް ކުރާ އިލްތިމާސަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންކަން ނުނިންމާ ޤާނޫން އަސާސީއާ ޤާނޫނުތަކާ އެއްގޮތައް ހުކުމްތައް ކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި ވަކި މީހަކަށް ވުރެ ރައްޔިތުން މުހިއްމުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ކުރިއަށް ރިޔާސީ އިންތިޚާބުގައި ކޮންމެ ޕާޓީއަކުން ވެސް ބޭނުންވާ މީހަކަށް ކުރިމަތިލެވެން ޖެހޭނެ ކަމަށާއި ފަނޑިޔާރުން ބޭނުންކޮށްގެން ވަކިބަޔަކަށް ކުރިމަތި ނުލެވޭ ގޮތް ހެދިގެން ނުވާނެ ކަމަށެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރަކަން ވެސް ކުރައްވާފައިވާ ރިޔާޒް ވިދާޅުވީ ސަރުކާރުން މިހާރު ކުރާ އެއްކަމަކީ ގަވައިދެއް ހަދައިގެން ޕާސްޕޯޓް ކެންސަލް ކުރުން ކަމަށާއި ސިޔާސީ މީހެއްގެ ޕާސްޕޯޓް ނޫނީ ކެންސަލެއް ނުކުރޭ ކަމަށެވެ. މީހުން މަރާ ބޮޑެތި މާރާމާރީ ހިންގާ މީހުންގެ ޕާސްޕޯޓެއް ނުހިފެހެއްޓޭ ކަމަށާއި އެއީ ހަމަ ސިޔާސީ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހެދި ގަވާއިދެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ރައީސް ޔާމީން ބަލި ކުރައްވާނެ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ރައީސް ޔާމީން ވޯޓު ފޮށިން ބަލި ކުރައްވާނެ ކަމަށެވެ.

"ވޯޓުފޮށިން ޔާމިން ބަލި ކުރާނަން. މަޖިލީހުން ވެސް އެވަނީ ބަލިކޮށްފައި. ފުލުހުންނާ ސިފައިން ބޭނުން ކޮށްގެން އެކުރާ ކަންކަމަކީ މޮޅުކަމުން ކުރެވޭ ކަމެއް ނޫން. ޤާނޫނު އަސާސީއާ ޚިލާފް ކަމެއް. އެކަންކަން  ބެލޭނެ. ރައީސް ޔާމީންގެ މައްސަލަތައް ބެލިގެން ދާނެ،" ރިޔާޒް ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 އޮކްޓޯބަރ 2017 | ހުކުރު 08:53
Haseeb
RAISYAAMINISTIAUFAA