ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 22:03
މާލޭ ސިޓީ ކައުންސިލުން ބޭއްވި ޕްރެސް ކޮންފަރެންސް
މާލޭ ސިޓީ ކައުންސިލުން ބޭއްވި ޕްރެސް ކޮންފަރެންސް
މުހައްމަދު ފަޒީން
މާލޭ ސިޓީ ކައުންސިލް
މާލޭގަ ދިރިއުޅުން ދައްކުވައިދޭ ކުރެހުމުގެ މުބާރާތެއް ސިޓީ ކައުންސިލުން ބާއްވަނީ
މިމުބާރާތް ވަނީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލާފައި
އަންނަމަހުގެ 19 ގެ ކުރިން ކުރެހުންތައް ފޮނުވަން ޖެހޭ

މާލޭގެ ދިރިއުޅުން ދައްކުވައިދޭ ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވީ "މާލޭގަ ދިރިއުޅުން" މިމައުލޫގެ މައްޗަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ސިފާ ވިދާޅުވީ މިމުބާރާތަކީ ހުރިހާ އުމުރު ފުރާތަކަށް ވެސް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ކުރިން މާލޭ ސިޓީ ކައުންސިލަށް ފޮނުވުމަށް އެދިލައްވާ ކަމަށެވެ.

"އެކިބޭފުޅުންގެ ތަސައްވުރު މާލެއާ ދޭތެރޭގައި ތަފާތު. ކޮންމެ ކުރެހުންތެރިއަކަށް ވެސް މާލޭގަ ދިރިއުޅުމާ ބެހޭ ގޮތުން އެބޭފުޅެއްގެ ތަސައްވުރުގައި ހުރިކަމެއް ކުރަހައި ދެއްވާފައި ފޮނުއްވުން އެދެން," ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ސިޓީގެ ކަންތައްތައް އަދި ސިޓީގައި ދިމާވާ ކަންކަން އެންމެ ރަނގަޅަށް ދައްކުވައިދެވޭނެ ވަސީލަތަކީ ކުރެހުމުން އެކަން ދައްކުވައިދިނުން ކަމަށެވެ. 

ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފް ވިދާޅުވީ މި ކުރެހުމުގެ މުބާރާތަކީ މާލެ ސިޓީ އާޓް ކޮމްޕެޓިޝަންގެ ގޮތުގައި ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތެއް ކަމަށެވެ.  

މާލެ ސިޓީގެ މޭޔަރ ސިފާ ވިދާޅުވީ އޭގެ އިތުރުން އަންނަ އަހަރުގެ ތެރޭގައި އެކއެކި ޖަމްއިއްޔާތަކާ ގުޅިގެން ރައްޔިތުންގެ ޢާއްމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމާ ގުޅޭ މައުލޫމާތު ދިނުމުގެ އެކްސްޕޯއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި މާލެ އާއި ވިލިނގިލި އަދި ހުޅުމާލޭގައި ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސިފާ ވިދާޅުވިއެވެ.

ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އަހަރު ކައުންސިލުން ކުރާނެ ކަންތައްތަކުގެ ކަލަންޑަރެއް އެކުލަވާލާފައިވާ ކަމަށާއި މާލޭގެ އިޖުތިމާއީ ކަންކަމުގައި އެކައުންސިލްގެ ބައިވެރިވުމެއް ބޭއްވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.

"މިފަދަ ކުރެހުމުގެ މުބާރާތަކުން ވަރަށް ބޮޑަށް މާލޭގެ ހާލަތު އެނގިގެން ދާނެ. މިއީ ވަރަށް ބޮޑަށް ދިރާސާ ކޮށްފައި ކަނޑައެޅި މައުލޫއެއް،" ސަމާހު ވިދާޅުވިއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް