ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 18:29
އެޗްއާރުސީއެމްގެ ބައެއް މެމްބަރުން - އެޗްއާރުސީއެމުން ވަނީ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފައި
އެޗްއާރުސީއެމްގެ ބައެއް މެމްބަރުން - އެޗްއާރުސީއެމުން ވަނީ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފައި
ރައީސް އޮފީސް
އެޗްއާރުސީއެމް
ތަހުޤީޤްތަކަށް ހުރަސްއަޅާކަމަށް ބުނެ އެޗްއާރުސީއެމްގެ ފާޑުކިޔުން މީޑިއާތަކަށް
ތަހުޤީގު ކުރަމުންގެންދާނީ ޤާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ހުރިހާ ބާރުތަކެއްގެ ދަށުން
މީޑިއާތަކުން އަންނަނީ ދޮގު ޚަބަރު ފަތުރާ، ތަހުޤީޤްތަކަށް ހުރަސްއަޅަމުން ކަމަށް ބުނެފައިވޭ
މަރުގެ މައްސަލަތައް އަވަސް ގޮތެެއްގައި ތަހުޤީޤްކުރާ ކަމަށް އެ ކޮމިޝަނުން ބުނެފައިވޭ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން މަރުވެއްޖެ ނަމަ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ބަލާނެ ކަމަށާއި، އެފަދަ ތަހުޤީޤްތަކަށް މީޑިއާތަކުން ހުރަސް ނޭޅުމަށް އެޗްއާރުސީއެމުން ގޮވާލައިފި އެވެ.

 

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން، ދައުލަތުގެ އިހުމާލުން މަރުވަމުންދާ މައްސަލަތައް އިތުރުވެފައިވަނިކޮށް، 2015 ވަނަ އަހަރުގެ މޭޑޭގެ ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި ޖަލަށްލީ އަބްދުﷲ ރަޝީދު، ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބި ވަނީ މަރުވެފަ އެވެ. އަދި އާއިލާ އިން ވެސް ވަނީ އަބްދުﷲ ރަޝީދަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާރވިސްއިން އިހުމާލްވެފައިވާ ކަމަށް ބުނެފަ އެވެ.

 

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި، އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާ، އެޗްއާރުސީއެމުން ހިމެނޭނުން އޮތުމަށް ފަހު، އޭގެ ދުވަސްތަކެއް ފަހުން ވަނީ މީޑިއާގެ ޕްރެޝަރާ އެކު މައްސަލަ ބަލާކަން ހާމަކޮށްފަ އެވެ. އަދި އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މައްސަލައިގެ ތަހުޤީޤަށް މީޑިއާތަކުން ހުރަސްއަޅަމުންގެންދާ ކަމަށް ބުނެފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުޤީޤަށް މީޑިއާތަކުން ހުރަސްއަޅަނީ ކޮންގޮތަކަށްކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

 

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އެއްވެސް މީހެއްގެ ޙައްޤެއް ގެއްލިގެން މިކޮމިޝަނަށް ހުށަހަޅައިފި ނަމަ، ނުވަތަ އެއްވެސް މީހެއްގެ ޙައްޤެއް ގެއްލިފައިވާ ކަމަށް މި ކޮމިޝަނަށް ފެނިއްޖެ ނަމަ، އެކަމެއް ކޮމިޝަނުން ތަހުޤީގު ކުރަމުންގެންދާނީ ޤާނޫނުން ކޮމިޝަނަށް ލިބިދީފައިވާ ހުރިހާ ބާރުތަކާއި އިޚްތިޔާރުތަކެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެގޮތުންކުރާ ތަހުޤީގަކުން އެއްވެސް ފަރާތަކާ މެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ޙާލަތެއްގައި އެފަރާތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށާއި، ކުރިޔަށް އޮތްތަނުގައި ވެސް އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

 

ބަޔާނުގައި ބުނެފައިވަނީ ކޮމިޝަނުން މައްސަލަ ބެލުމުގައި ގެންގުޅެނީ ތަފާތު ދެގޮތެއް ކަމަށެވެ. ފުރަތަމަ ގޮތަކީ، މީހަކު، ބަޔަކު ނުވަތަ ރަސްމީ އިދާރާއަކުން ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމުން އެމައްސަލަ ބެލުން ކަމަށާއި، ދެވަނަ ގޮތަކީ ކޮމިޝަނުން އިސްނަގައިގެން މައްސަލަބެލުން ކަމަށް ބުނެފައި ވެއެވެ. އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ ނަމަ، ކޮމިޝަނުން އިސްނަގައިގެން ވަރަށް ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި އެމައްސަލައެއް ތަޙުޤީގުކޮށް ބަލަމުން ގެންދާ ކަމަށާއި، ބަލަމުންދާ މައްސަލައެއްގެ ތަހުޤީގުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވާކަން ތަހުޤީގަށް ސާބިތުވެއްޖެ ނަމަ، އެފަރާތްތަކާ މެދު ފިޔަވަޅު އަޅާ ކަމަށް ބުނެފައި ވެއެވެ. އަދި، އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮމިޝަނުން ކުރަމުން ގެންދާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

 

އެޗްއާރުސީއެމުން މަރުގެ މައްސަލަތައް އަވަސް ގޮތެއްގައި ތަހުޤީޤްކޮށް އިންސާނީ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ ކަމަށް ބުނި ނަމަވެސް ފަހަކަށް އައިސް ފެންމަތިވި މައްސަލަތަކުގައި އާއިލާތަކުންނާއި، ޤާނޫނީ ވަކީލުން އެޗްއާރުސީއެމްގައި އާދޭސް ދަންނަވައި ވެސް އެ އާއިލާތަކަށާއި، ހައްޤު ގެއްލޭ ފަރާތްތަކަށް ހައްޤުތައް ހޯދައިދީ މައްސަލަތައް އަވަސްކޮށް ނިންމައިދިނުމަށް އެ ކޮމިޝަނުން އޮތީ ނިކުޅެދިފަ އެވެ. އަދި އެފަދައިން އެޅި އެއްވެސް ފިޔަވަޅެއް ވެސް އެޅިކަން ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް