ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 17:44
ވިލިނގިލީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް މީހަކު ފައިސާ ހަދިޔާކުރަނީ.
ވިލިނގިލީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް މީހަކު ފައިސާ ހަދިޔާކުރަނީ.
ރާއްޖެ އެމްވީ
"އަބުރުފުޅު" ފަންޑް
އަބުރުފުޅު ފަންޑަށް ފައިސާ ހޯދުމުގެ ހަރަކާތްތައް ވިލިނގިލީގައި ފަށައިފި
ފަންޑް ފޮއްޓަށް ވެސް ފައިސާ ލެވިދާނެ
ޓީޝާޓެއް ގަނެގެން ވެސް މި ފަންޑަށް އެހީވިދާނެ
މި ހަރަކާތް މިރޭ ވެސް ކުރިއަށްދާނެ

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާތީ ރާއްޖެޓީވީން ހުޅުވި "އަބުރުފުޅު" ފަންޑަށް ފައިސާ ހޯދުމުގެ ހަރަކާތްތައް ގއ. ވިލިނގިލީގައި މިއަދު ފަށައިފި އެވެ.

 

ވިލިނގިލީގައި ބުރާސްފަތި ދުވަހު ހަވީރު މި ހަރަކާތް ފެށުމުގެ ގޮތުން ފަންޑު ފޮއްޓަށް ފައިސާ ހަދިޔާކުރެއްވީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ސައުދު ހުސެއިންނެވެ.

 

އޭނާ ވިދާޅުވީ ރާއްޖެޓީވީން ކުރަމުންދާ މަސައްކަތަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި އޭނާ ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ބޭއިންސާފާއި ކޮރަޕްޝަން އާންމުވެފައިވާ ދުވަސްވަރެއްގައި ރާއްޖެޓީވީން ކުރާ މަސައްކަތަކީ ރައްޔިތުންނަށްޓަކައި ކޮށްދެވޭނެ އެންމެ ބުރަ އަދި އެންމެ ކާމިޔާބު މަސައްކަތް ކަމަށެވެ.

 

"ހައްސަކޮން މި ފަހަކަށް އައިސް ވިލިނގިލީ ރައްޔިތުންގެ ޝުއޫރު ދިވެހި ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމުގައި ރާއްޖެޓީވީން ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައި. ވިލިނގިލީ ރައްޔިތުންނާ ރާއްޖެޓީވީއާ މިވަނީ ވަރަށް ހާއްސަ ގުޅުމެއް ބަދަހިވެފައި. އެހެންވީމަ އަޅުގަނޑު އެދެނީ ވިލިނގިލީ ހުރިހާ ރައްޔިތުން ވެސް މިކަމުގައި، ރާއްޖެޓީވީއަށް ސަރުކާރުން ކުރަމުންދާ ގޯނާ އާއި ދުއްތުރާއިން ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެނަށް ވެވެން ހުރި ހުރިހާ ގޮތަކުން އެހީތެރިވެދެއްވުން،" ސައުދު ވިދާޅުވި އެވެ.

 

 

ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެރަށުގައި އަބުރުފުޅުފަންޑު ފޮށި ބަހައްޓާފައިވެ އެވެ. އަދި ރާއްޖެޓީވީގެ ޓީޝާޓް ވެސް ވިއްކަމުންދާއިރު އެރަށު އަންހެނުންތަކެއް އިސްނަގައިގެން ކަޕްކޭކް ވިއްކައިގެން ވެސް ފައިސާ ހޯދަމުންދާކަން ފާހަގަކުރެވެ އެވެ.

 

މި ފަންޑަށް ފައިސާ ހޯދުމުގެ ހަރަކާތްތަކެއް ވިލިނގިލީގައި ފަށާފައިވާއިރު މިރޭ އެރަށުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް