ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 16:26
މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ފަޒީން
މާލެ ސިޓީ ކައުންސިލް
އެލްޖީއަކީ މިހާރު "ފޯވަޑް" ބަޓަނެއް: ޑެޕިއުޓީ މޭޔަރު ސަމާހު
ކަމަކަށް އެދުނަސް އެލްޖީއޭއިން ވެސް ކޮންމެވެސް ފަރާތަކަށް ފޯވަޑް ކުރަނީ
އެލްޖީއޭގެ ބޯޑު މިހާރު ވަނީ ބަދަލުކޮށް ސީދާ ރައީސް ޔާމީންގެ ބާރު ހިނގާ ގޮތަށް އެކުލަވާލާފަ
ކައުންސިލްތަކުގެ ބާރު ވަނީ ކަނޑުވާލާފައި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑު މިހާރު ހިނގަމުން ދަނީ "ފޯވަޑް" ބަޓަނެއްގެ ގޮތުގައި ކަމަށް ކުރިން އެލްޖީއޭ ބޯޑުގައި ހިމެނި ވަޑައިގެންނެވި އަދި މާލެ ސީޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާހު ޝަރީފް ވިދާޅުވެއްޖެ އެވެ.

 

ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، އެންމެފަހުން އެލްޖީއޭގެ ބޯޑުވެސް ސީދާ ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންނަވާފައިވާތީ އެކަމާއި ގުޅިގެން ސަމާހު ވިދާޅުވީ ކުރިން އެލްޖީއޭ ހިންގިގޮތާއި މިހާރު އެލްޖީއޭ ހިންގާ ގޮތް ވަރަށް ތަފާތު ކަމަށެވެ. މަލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވިދާޅުވީ ކައުންސިލްތައް ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ އެލްޖީއޭ ކަމަށްވީނަމަވެސް އެލްޖީއޭއިން ކައުންސިލްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ވަނީ ނުކުޅެދިފަ ކަމަށެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން މަސައްކަތް ކުރަމުންދާއިރު އެލްޖީއޭގެ ބޮޑަށް ބަލަމުންދަނީ ވެސް ކައުންސިލްތަކަށް ކަންކަން މަގު ފަހިކޮށްދިނުމުގެ ބަދަލުގައި ދަތި ކުރަމުން ކަމަށެވެ. 

 

"އަޅުގަނޑު އެލްޖީއޭ މިހާރު ސިފަކުރަނީ އެއީ ފޯވަޑް ބަޓަނެއްގެ ގޮތުގައި. އީމެއިލްގަ ވެސް އިންނާނެ ފޯވަޑް ބަޓަނެއް، އެ ބަޓަނަށް ފިތާލީމާ އެ އީމެއިލް ފޯވަޑް ވާނެ ކޮންމެވެސް ދިމާލަކަށް. މި ދައުރަށް ކައުންސިލަރުން އިންތިހާބު ކުރުމާއެކު އަޅުގަނޑުމެން އެންމެ ފުރަތަމަ ބައްދަލުކުރީ އެލްޖީއޭ އާ، ބައްދަލުކޮށް އަޅުގަނޑުމެންގެ ހުރި ގޮންޖެހުންތަކާއި، އަޅުގަނޑުމެންނަށް އެހީތެރިވުމަށް އެބޭފުޅުންގެ ފަރާތުން ކޮށްދެވޭނެ ކަންތައްތަކަކުގެ ވާހަކަ ދެންނެވިން.  އަޅުގަނޑު ހަމަބެލިން އެމަސައްކަތްތައް ކުރިއަށްދާގޮތް، ފޯނުން ގުޅައިގެންވެސް، ބައްދަލުކޮށްގެންވެސް. އެބޭފުޅުން ފޮނުވަންޖެހޭ ތަންތަނަށް ފޮނުވާފައިހުރީ، ފޯވަޑްކޮށްފަ ހުރީ. އެލްޖީއޭވެސް މިހާރު މިހަރަކާތްތެރިވަނީ ވަކި ބޭފުޅަކު ބޭނުންވާގޮތައް،" ސަމާހު ވިދާޅުވި އެވެ. 

 

މޭޔަރު ޝިފާ ވިދާޅުވީ މާލޭ ސިޓީގެ ރައްޔިތުންނަށް ބައްދަލުކޮށްލާ މަޝްވަރާކޮށްލާނެ ތަނެއް ސަރުކާރުގެ އިދާރާތަކުން ހުއްދައަށް އެދުމުން މިއަދާ ހަމައަށްވެސް ތަނެއް ލިބޭގޮތް ނުވި ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން ސްކޫލެއް ހޯދަން އެދުމުން އެކަން ނުވިކަމަށާއި ސްކޫލަތާއި ވާހަކަ ދެއްކުމުން ސްކޫލްތަކުގެ ވެރިންވެސް ތިއްބަވަނީ ސަރުކާރުގެ އިސްވެރިން ދެކެ ބިރުން ކަމަށެވެ. މީގެއިތުރުން މާލެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކޮށްލާ މަޝްވަރާ ކޮށްލާނެ ތަނެއް ލިބޭގޮތް ނުވިއިރު، މާލެ ސިޓީއަށް ނިސްބަތްވާ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށްލަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑިސީ)ގައި އެދުމުން ވެސް ތަނެއް ލިބޭގޮތް ނުވި ކަމަށެވެ. 

 

ޝިފާ ވިދާޅުވީ އިދާރީ ގޮތުން އޮފިސް ހިންގުމަށްވެސް ބޮޑެތި ގޮތްޖެހުން އެބަހުރި ކަމަށާއި މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް ނެތްއިރު ބަޖެޓްގެ ތާށިކަންވެސް އިންތިހާއަށް އެބައޮތް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް