ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 15:10
ބްރޯޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް އަސްލަމާއި ކޮމިޝަންގެ ރައީސް ޝަހީބު
ބްރޯޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް އަސްލަމާއި ކޮމިޝަންގެ ރައީސް ޝަހީބު
ފޭސްބުކް
އަސްލަމްގެ ފްލެޓް
ބްރޯޯޑްކޮމްގެ ނައިބު ރައީސް އަސްލަމަށާއި އަނބިކަނބަލުންނަށް ވެސް ފްލެޓް ލިބުނު!
އަސްލަމް ކުރިމަތިލެއްވީ ކެޓެގަރީ އޭ އިން، އަނބިކަނބަލުން ކެޓެގަރީ ބީ އިން
ފުރަތަމަ އިއުލާނުކުރި ލިސްޓުގައިވާ ގޮތުން ދެބޭފުޅުންނަށް ވެސް ފްލެޓް ލިބޭ
ފައިނަލް ލިސްޓުގައިވާ ގޮތުން އަސްލަމް ވަނީ ފްލެޓް ދޫކޮށްލާފަ، އަސްލަމް އެކަން ދޮގުކުރޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ތެރެއިން، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު އަސްލަމަށާއި އޭނާގެ އަނބިކަނބަލުންނަށް ވެސް ފްލެޓް ލިބިއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހއ. ދިއްދޫ އިން ދޫކުރާ ފްލެޓްތަކަށް އަސްލަމާއި އޭނާގެ އަނބިކަނބަލުން ކުރިމަތިލެއްވި އެވެ. އަސްލަމަކީ ދިއްދޫ އަށް ނިސްބަތްވާ ބޭފުޅަކަށްވާއިރު، އޭނާގެ އަނބިކަނބަލުން ނިސްބަތްވަނީ އެހެން ރަށަކަށެވެ.

ދިއްދޫ މީހުންނަށް އެ ރަށުން ދޫކުރާ ފްލެޓްތަކަށް ކެޓަގަރީ އޭ އިން އަސްލަމް ކުރިމަތިލެއްވިއިރު، އަނބިކަނބަލުން ކުރިމަތިލެއްވީ އެހެން ރަށްރަށުގެ މީހުންނަށް ދިއްދޫއިން ދޫކުރާ ފްލެޓްތަކަށް ކެޓެގަރީ ބީ އިންނެވެ. އަސްލަމްގެ ފޯމް ނަމްބަރަކީ 25-އޭ/2015/387 އެވެ. އަދި އަސްލަމްގެ އަނބިކަނބަލުންގެ ފޯމް ނަމްބަރަކީ 251-ބީ/2015/51 އެވެ.

ހައުސިންގ މިނިސްޓްރީއިން ފުރަތަމަ ހާމަކުރި ދިއްދޫ އިން ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ކެޓެގަރީ އޭގެ ފަސް ވަނަ އަށް އޮތީ އަސްލަމްގެ ފޯމް ނަމްބަރެވެ. އަދި އެ ލިސްޓުގެ ކެޓެގަރީ ބީގެ ދެ ވަނަ އަށް އޮތީ އަސްލަމްގެ އަނބިކަނބަލުންގެ ފޯމް ނަމްބަރެވެ.

ދިއްދޫ އިން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާންމުކުރިއިރު، އަސްލަމްގެ އަނބިކަނބަލުންނަށް ފްލެޓް ލިބެ އެވެ. 

ފައިނަލް ލިސްޓް އިއުލާނުކޮށްފައިވަނީ، ދެމަފިރިންނަށް ފްލެޓް ލިބޭނަމަ، ކޮންމެވެސް އެކަކު ދޫކޮށްލުމުން ލިސްޓުގައި ދެމަފިރިންގެ ފޯމް ނަމްބަރު ޖަހައިގެންނެވެ. 

އެގޮތުން އަސްލަމާއި އަނބިކަނބަލުންގެ ފޯމް ނަމްބަރު އެއްކޮށްލުމަށްފަހު ފައިނަލް ލިސްޓުގެ 15 ވަނަައިގައި ފޯމް ނަމްބަރު ހިމަނާފައި އެބައޮތެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ފުރަތަމަ އަސްލަމާ ސުވާލުކުރުމުން ވިދާޅުވީ ފްލެޓް ލިބުނުކަން އެނގިފައި ނެތް ކަމަށެވެ. އެއަށްފަހު ފޯމް ނަމްބަރާއި ކުރިމަތިލާފައިވާ ކެޓެގަރީއާ ބެހޭ މައުލޫމާތާއެކު ސުވާލުކުރުމުން ވިދާޅުވީ އޭނާއާއި އަނބިކަނބަލުންނަށް ވެސް ވަރަށް މަތިން މާކްސް ލިބުނު ކަމަށެވެ.

"އަޅުގަނޑުގެ ގޯއްޗެއް ފްލެޓެއް ނޯންނާނެ، އަޅުގަނޑާއި އަންހެނުން މިތިބީ މާސްޓާސް ހަދަައިގެން ދެކުދިން އެބަތިބި، އެކަންކަމަށް ބަލާފަ މަތިން ޕޮއިންޓް ލިބުނު،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމަށް ލިބުނު ފްލެޓް ދޫކޮށްލީތޯ ސުވާލުކުރުމުން ވިދާޅުވީ އަނބިކަނބަލުންނަށް ވެސް އަދި އޭނާއަށް ވެސް ފްލެޓް ލިބުނު ކަމަށް ނޭނގޭ ކަމަށެވެ. އަދި އެއްވެސް ފްލެޓް ދޫކޮށްލާފައިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފްލެޓް ދޫކުރަންޏާ ދޫކުރާނީ އަންހެނުންތާ، އަންހެނުން އެހެން ރަށެއްވީމަ،" އަސްލަމް ވިދާޅުވި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އިއުލާނުކުރިއިރު، ފްލެޓް ލިބޭ މީހުންގެ ނަންތަކާއި މައުލޫމާތު ސިއްރުކޮށް ހިމަނާފައިވަނީ ހަމައެކަނި ފޯމް ނަމްބަރެވެ. އެކަމާ ގުޅިގެން އެކި ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކުރީ ސަރުކާރުގެ އިސްވެރިންނާއި ޕީޕީއެމްގެ އެކްޓިވިސްޓުންނަށް ފްލެޓް ދިނުމަށެވެ.

އެ މައްސަލަ އޭސީސީން ވެސް ބަލަމުންދާއިރު، ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ އެ މައުލޫމާތު ހާމަނުކުރައްވާނެ ކަމަށާއި އެއީ ޒާތީ މައުލޫމާތު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 އޮކްޓޯބަރ 2017 | ހުކުރު 00:30
ފުލެޓޭ
ސަޅި މިހެން ވާތީ މަ ސަރުކާރަށް ތާޢީދު ކުރަނީ