ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 15:44
މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މާލެ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މުހައްމަދު ފަޒީން
ފްލެޓްތަކުގެ މައްސަލަ
ފްލެޓް ލިބުނު ކަމަށް ބުނާ ފޯމް ނަމްބަރާއި ނަމާ ދިމާ ނުވާ މައްސަލަތައް ވެސް ފެންމަތި ވެއްޖެ!
ފްލެޓް ލިބޭ ކަމަށް ބުނި ފޯމް ނަމްބަރު ހިފައިގެން މިނިސްޓްރީއަށް ދިއުމުން އެނަމްބަރާއި ނަމަކާ ދިމަލެއް ނުވޭ
ފެލްޓް ލިބޭކަމަށް ބުނާ ކެޓަގަރީތައް ވެސް އޮޅިފައިވޭ

ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން ދާދިފަހުން ހައުސިން މިނިސްޓްރީން އިއުލާންކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ފޯމް ނަމްބަރާއި ނަމާ ދިވާ ނުވާ މައްސަލަ ފެންމަތި ވެއްޖެ އެވެ.

މާލެސީޓީ ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ހައުސިންގ މިނިސްޓްރީން ފްލެޓް ދޫކުރުމާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ، ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވަނިކޮށް، ފްލެޓް ލިބުނު ކަމަށް ބުނާ ފޯމް ނަމްބަރާ އެކު ހައުސިން މިނިސްޓްރީއަށް ދިއުމުން އެ ފޯމް ނަމްބަރުގައި އެހެން ނަމެއް އޮތް ކަމަށް ބުނެ މާލެ ސިޓީ ކައުންސިލަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. 

"މިއަދު ވެސް މާލެ ސިޓީ ކައުންސިލަށް ފްލެޓް ލިބުނު ކަމަށްބުނާ މީހަކު ހުށަހަޅާފައިވާ ސިޓީއެއް އެބައޮތް. އޭނާގެ ނަންމަތީ ހުށަހެޅި ފޯމް ނަމްބަރަށް ފްލެޓް ލިބޭ ލިސްޓްގައި ހިމެނިފައިވާތީ، އެކަމުގެ ހިތްހަމަ ޖެހުމާއެކު އޭނާ ހައުސިން މިނިސްޓްރީއަށް ވަޑައިގެންނެވިކަމަށް. ނަމަވެސް ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ އެ ފޯމް ނަމްބަރުގައި ވަނީ އޭނާގެ ނަން ނޫން ކަމަށް.އެހެން މީހެއްގެ ނަމެއް ކަމަށް،" ޝިފާ ވިދާޅުވި އެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ ފްލެޓް ދޫކުރުމުގައި ހައުސިން މިނިސްޓްރީ ރަނގަޅަށް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ކަމަށާއި ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ހާމަ ކުރަންޖެހޭ ކަމަށެވެ. ފްލެޓް ދޫކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާތަކާއި އެކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއަށް މިއަދާ ހަމައަށް ވެސް ޖަވާބު ލިބިފައި ނުވާ ކަމަށެވެ. 

"ހައުސިންގ މިނިސްޓްރީން މައުލޫމާތު ދީފައިނުވާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އަޅުގަނޑުމެން ދިޔައިން. އެހެންނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފޮނުވާފައިވާ ސިޓީގައި ލިޔުއްވާފައި ވަނީ  އެމައުލޫމާތު އެވަނީ ހާމަކޮށްފައި ކަމަށް. އަޅުގަނޑުމެން ދެކޭ ގޮތުން އެއީ ވަރަށް ތާކުންތާކުން ނުޖެހޭ ޖަވާބެއް،" ޝިފާ ވިދާޅުވި އެވެ. 

ޝިފާ ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތާއި ފްލެޓް ދޫކުރުމުގައި ގެންގުޅެފައިވާ އުސޫލްތައް ހާމަ ކޮށްދިނުމަށް އަނެއްކާ ވެސް ހައުސިންގ މިނިސްޓްރީއަށް ލިޔުމުން އެދޭނެ ކަމަށްވެސް ޝިފާ ވިދާޅުވި އެވެ. 

ޝިފާ ވިދާޅުވީ ފްލެޓާ ގުޅޭ ގޮތުން ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތައް އެބަހުރި ކަމަށާއި ފްލެޓް ދޫކުރުމުގައި ރަނގަޅަށް މައުލޫމާތު ހޯދާފައިނުވާއިރު،  ވަރަށް ބޮޑެތި މައްސަލަތައް ވެސް ފެންމަތިވަމުން އަންނަ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް